ކަމެއް ދިމާވުމުން ބައިވެރިޔާއަށް ވާހަކަދައްކަން ފުރުޞަތުނުދީ ގޮތް ނިންމުމަކީ ޢުމުރަށް ކަރުނައަޅަން ޖެހިދާނެކަމެއްކަން ތަޖުރިބާކުރަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
ކަމެއް ދިމާވުމުން ބައިވެރިޔާއަށް ވާހަކަދައްކަން ފުރުޞަތުނުދީ ގޮތް ނިންމުމަކީ ޢުމުރަށް ކަރުނައަޅަން ޖެހިދާނެކަމެއްކަން ތަޖުރިބާކުރަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

ތަނަވަސް އަންހެން ކުއްޖަކު މަގުމަތިން ހިނގާފައި ދަނިކޮށް ޒުވާން ފިރިހެން ކުއްޖަކު ކުއްލިއަކަށް ނުކުމެ ޖަހައިގަނެގެންކަހަލަ ގޮތަށް އޭނާ މަގުން އެއްކައިރިއެވެ. ތަނަވަސް އަންހެން ކުއްޖާއަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. 

އޭނާ ހިނގާފައި ދިއައީ ފޯނަށް ބަލަމުން ކަމަށްވާތީ އެއްވެސް ނުރައްކަލެއް ކުރިމަތިވިކަމެއް އޭނާއަކަށް ނުއެނގެއެވެ. އޭނާ ހީކުރީ އެއީ ފިރިހެންކުއްޖާ އޭނާގެ ގައިގައި އަތްލަންވެގެން ކުރި ކަމެއް ކަމަށެވެ. އެހެންވެ އެއްޗެތި ގޮވަމުންދަނިކޮށް އެތަން ފެނިގެން އައި އަންހެންކުއްޖަކާއި ފިރިހެންކުއްޖަކުވެސް ބުރަވީ ތަނަވަސް އަންހެން ކުއްޖާގެ ކޮޅަށެވެ. 

ކަންތައް ވީގޮތް ކިޔައިދިނުމުގެ ފުރުޞަތު އެޒުވާނާއަށް ނުދީ ފުލުހުންނަށް ގުޅައިގެން ގެނުވިއެވެ. އެވަޤުތު ޒުވާނާގެ އަނބިމީހާއަށްވެސް އެތަނަށް އާދެވުނެވެ. އޭނާވެސް ބުރަވީ ތަނަވަސްއަނހެންކުއްޖާގެ ކޮޅަށެވެ. އެހެންވެ ކައިވެނީގެ އަނގޮޓި ނަގައި ފިރިމީހާގެ ޖީބަށްލާފައި ކަލޭކަހަލަ މީހަކާ ކައިވެނިކޮށްގެން އުޅެން ބޭނުން ނުވާކަމަށް ބުންޏެވެ. 

3 އަންހެނުންގެ ބަހަށް ޒުވާނާގެ އަތުގައި ބިޑިއަޅުވައިގެން ގެންދަން އުޅުނު ވަގުތު އެދިމާއިން ފާރެއްގައި ހަރުކޮށްފައިހުރި ސެކިޔުރިޓީ ކެމެރާއެއް ޒުވާނާއަށް ފެނުމުން ފުލުހުންގެ ގާތުގައި ބުނީ އެއްވެސް މީހަކު އޭނާގެ ވާހަކަ އަޑުއަހަން ބޭނުން ނުވި ނަމަވެސް އެހެރަ ކެމެރާ ދޮގުނުހަދާނެ ކަމަށެވެ. އެހެންވީމާ ހައްޔަރުކޮށްގެން ގެންދިއުމުގެކުރިން އެގެއަށް ގޮސް ފުޓޭޖްބަލައިލަން އެދޭކަމަށެވެ. 

ފުލުހުން ފުޓޭޖް ބަލާފައި އައިސް ބުންޏެވެ. "ޒުވާނާ ހައްޔަރުކުރެވޭކަށް ނެތެވެ. އޭނާއަށް ދޭންޖެހެނީ އަންހެންކުއްޖެއްގެ ފުރާނަ ސަލާމަތްކުރިކަމުގެ އެވޯޑެވެ. އެހެން ބުނެފައި ރެކޯޑިން ފޯނުން ދައްކައިލުމުން އެންމެން ދިއައީ ސިއްސައިގެންނެވެ. 

ފިރިހެން ކުއްޖާ އޭނާ ޖަހައިގަނެ އެއްފަރާތްކުރީ ބާރުސްޕީޑްގައި ދުއްވާފައި އައި ކާރަކުން ޖެހިދާނެތީ ސަލާމަތްކުރާށެވެ. އެކަން އެނގުމުން 4 މީހުންވެސް ޒުވާނާގެ ކިބައިން މާފަށް އެދުނެވެ. އަނބިމީހާވެސް މާފަށް އެދުނެވެ. ޖަވާބުގައި ޒުވާނާ ބުންޏެވެ. "އެތައް ދުވަހަކު އެކީއުޅެފައި ކައިވެނިކޮށް އެކުގައި އުޅެމުން އަންނަ އަނބިމީހާ އަހަރެންނަށް އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވީ ވަޤުތު އަހަރެން ދިފާޢުކުރުމުގެ ބަދަލުގައި އެއްބާރުލުން ދިނީ އަހަރެން ޖަލަށް ފޮނުވާލުމަށެވެ. އެހެންވީމާ މާފުކުރުމެއް ނެތެވެ. މިއަނގޮޓީގެ އެއްވެސް ބޭނުމެއް މިހާރަކު ނެތެވެ." 

ފިރިމީހާ އެގޮތަށް ކަންތައް ކުރުމުން ތިމާއަށް ލިބޭނެ ދެރައާއި ގެއްލިގެން އެދިއައީ ވަރަށް ރަނގަޅު ފިރިއެއްކަން އެނގުމުން އަނބިމީހާ ވަރަށް ދެރަވެ ރޮއި އާދޭސްކުރުމުންވެސް ޒުވާނާ އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އަނބިމީހާއަށް ވަރަށް ރަނގަޅަށް ކަންކަން ކޮށްދެމުން ދަނިކޮށް އަނބިމީހާ އެގޮތަށް ކަންކަން ކުރުމުން އޭނާއަށް ހުރީ މާބޮޑަށް އަސަރުކޮށްފައެވެ. 

ތަނަވަސްކުއްޖާ މާފަށް އެދުމުން ބުންޏެވެ. "ކަލޭ ކުރިކަމެއް ކުރީ އަހަރެންނަކީ ކާކުކަންވެސް ނުއެނގިހުރެއެވެ. ކާރު އައިތަން ނުފެންނާތީ ވީގޮތްވެސް ނުއެނގުނީއެވެ. ނުބައި މީހުން މިހައި ގިނަ ޒަމާނެއްގައި އެއީ މެދުވެރިވެދާނެ ގޮތެކެވެ. އެކަމަކު ދެންފަހަރަކުން މިގޮތަށް ކަމެއް މެދުވެރިވެއްޖެނަމަ އަނެކާ ދައްކާ ވާހަކަވެސް އެންމެ ކުޑަމިނުން އަޑުއަހައިލުން ރަނގަޅުވާނެއެވެ." 

ތަނަވަސް އަންހެންކުއްޖާ ބޭނުންވީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ކަމުގެ އަގެއްގެ ގޮތުން ދެމީހުންނަކީ ދެރަޙްމަތްތެރިންކަމުގައިވާށެވެ. ޒުވާނާ އެކަން ޤަބޫލުކުރިއެވެ. އަދި އުފެދުނު ގުޅުމުގެތެރެއިން ދެމީހުން ކައިވެނިވެސްކުރީއެވެ. 

ވީޑިއޯ ކްލިޕަކުން ފެނުނު މިކުރުވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ވާހަކަކޮޅު ކިތަންމެ ކުރުނަމަވެސް ވަރަށް ބޮޑު ފިލާވަޅެއް ލިބިގެންދާތީއެވެ. އެއީ އަނެކާ ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދީ ތިމާއަށް ޤަބޫލުކުރެވޭ ގޮތަށް ކަންކަން ނިންމައި ފިޔަޅުއަޅާނަމަ ލިބިދާނެ ދެރައެވެ. އެހެން މީހަކަށް ކިތަންމެ ބޮޑު ދެރައެއްވެސް ދެވިދާނެ ކަމެވެ. މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހިފައިވާ ކަމެވެ. މިއީ ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. 

ހަމައެފަދައިން އޭނާގެ އަނބިމީހާއަށް އެނިކަމެތިކަން އެލިބުނީ ފިރިމީހާގެ ބަހެއް އަޑުއަހައިލުމެއްވެސް ނެތި ބައަކު ދެއްކި ވާހަކައެއް ޤަބޫލުކުރުމުންނެވެ. ޒުވާނާއަށް އެހައި ބޮޑު ނަބީބެއް އެލެއްވެވީ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވެސް އިންސާނެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރީތީއެވެ.  

ވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިވާހަކަކޮޅު ކިތަންމެ ކުރުނަމަވެސް ލިބޭ ފިލާވަޅުތައް ވަރަށް ގިނައެވެ. ވިސްނައި ޢަމަލުކޮށްފިނަމަ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެނެސް ކާމިޔާބީ ހޯދިދާނެއެވެ. އިން ޝާ ﷲ

 

- ޢާމިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން