ނަޒްމީއަކީ ތަނަވަސް ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަ ވަނީ ނިޔާވެފައެވެ. ހުރީ މަންމަ އެކަންޏެވެ. އެހެންކަމުން ނަޒްމީ އަބަދުވެސް މަސައްކަތްކުރަމުން ދިއައީ މަންމަ ބުނާހައި ގޮތެއް ހަދައިގެންވެސް މަންމަ އުފލުގައި ބެހެއްޓޭތޯއެވެ. އެހެންވެ ފުރަތަމަ ކައިވެނިކުރީވެސް މަންމަ ދެއްކި އަންހެނަކާއިއެވެ. އެއީ މަންމަގެ ބެސްޓްފްރެންޑްގެ ދަރިފުޅުވެސްމެއެވެ.
ކައިވެނި ދެމިއޮތީ އަހަރެއްހައި ދުވަހުއެވެ. އަނބިމީހާ ވަރިކޮށް ފޮނުވާލަން ޖެހުނެވެ. ނަމަވެސް މަންމަ ގާތުގައި ނަޒްމީ އެކަމާއިބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އަނބިމީހާ ބުނީ އޭނާ ހަމަ ވަރަށް ރަނގަޅަށް އުޅެމުންދަނިކޮށް ވަރިކޮށްފައި ފޮނުވައިލީ ކަމަށެވެ.
ދުވަސްކޮޅެއް ފަހުން ނަޒްމީ އަންހެނަކު ދެކެ ލޯބިއެވެ. ކައިވެނިކުރަން ނިންމައި މަންމައަށް ދައްކަން ގެނައުމުން ކަމަކު ނުދިއައެވެ. އެއީ ރަށްފުށު ފަޤީރުކުއްޖަކަށްވާތީއެވެ. މިޒަމާނުގެ ކުދިން ލާފަދަ ފެޝަންހެދުންތައް ނުލާތީއެވެ. ނަމަވެސް ނަޒްމީ ހުރީ އެކަމުގައި މަންމައަށް ދީލައިލާ ގޮތަކަށް ނޫނެވެ. ކައިވެނިކުރާ ގޮތަށެވެ.
ކައިވެނީގެ ކަންކަން ތައްޔާރުވަމުން ދަނިކޮށް މަންމަ ދައުވަތުދީގެން އެއްދުވަހަކު ހަވީރުސަޔަށް ކުރީގެ އަނބިމީހާ އާއި އޭނާގެ މަންމަ ގެއަށް ގެނުވިއެވެ. އަދި ދަރިފުޅާއި ލޯބިވެރިޔާގެވެސް ޙާޒިރުގައި ވާހަކަދައްކަން ފެށިއެވެ. ފުތަމަ ސެޝަންގައި އޮތީ ކައިވެނިކުރަންއުޅޭ ކުއްޖާއަށް މަލާމާތާއި ފުރައްސާރަ ކުރުމެވެ. ދެވަނަ ސެޝަނުގައި އޮތީ އޭނާ ކައިވެނިކުރަނީ ލޯބިން ނޫންކަމަށާއި ފައިސާގެ ދަހިވެތިކަމުގައި ކަމަށްބުނެ ދޮގު އިލްޒާމްތައް އެޅުވުމެވެ. 3 ވަނަ ސެޝަންގައި އޮތީ ކުރީގެ އަނބިމީހާގެ ރަނގަޅުކަމާއި ލޯބިވާން ދަންނަކަމާއި ޢާއިލާގެ ތަނަވަސްކަމާއި ރީތިކަން ފަދަ ވާހަކަތައް ދެއްކުމެވެ.
3 ވަނަ ސެޝަންގެ މެދުތެރެއިން ނަޒްމީ ބުންޏެވެ. "އެއް ސެޝަން ނިންމައި ދެވަނަ ސެޝަން ނިންމައި 3 ވަނަ ސެޝަން ތިއަކުރިއަށް ގެންދަނީއެވެ. މިހިސާބުން އަހަރެންވެސް އެއްޗެއް ބުނާނަމެވެ. މިހައިތަނަށްވެސް މަންމަގެ ގާތުގައި އަނބިމީހާގެ ޝަކުވާއެއް ނުކުރަމެވެ. ކުރި އެއްވެސް ކަމެއްވެސް ކިޔައެއް ނުދެމެވެ. އެއީ މަންމަގެ ބެސްޓްފްރެންޑްގެ ދަރިފުޅު ވީމައެވެ. ނަމަވެސް ބެސްޓްފްރެންޑްގެ އަމިއްލަ އެދުން ބޮޑުވެ ބޮޑު މުޞީބާތަކަށްވާ ހިސާބަށް ދިއުމުން އަޑުއަހާށެވެ! އަހަރެން މިކުރާ ސުވާލުތަކަށް (ކުރީގެ) އަނބިމީހާ ނިކަން ޖަވާބުދީބަލާށެވެ.
ދުވަހަކުވެސް އަހަރެން ދެކެ ލޯބިވިންހެއްޔެވެ؟ ލޯބިދިނިންހެއްޔެވެ؟ އެކަނި ތިބެ އަހަރެންގެ ހިތްހަމަޖައްސައިދޭން ހިނިތުންވެލިންހެއްޔެވެ؟ ބޭނުން ހުރިހާ ކަމެއް ކޮށްދީފައި ހުންނައިރުވެސް އަމިއްލަ ޚަރަދޭ ކިޔާ ކަންކަމަށް ބޭނުންވާހައި ވަރަކަށް ޚަރަދުކުރާނެ ފައިސާ ނުދިނީމާ ކިތައް ރޭ ނިދިއަ ނުދީ އުނދަގޫކުރިންހެއްޔެވެ؟ ސައިކަލުން ވެއްޓި މުޅިގައަށް ތަދުވާތީ ނުތެދުވެވިފައި އޮތްއިރު އެންމެ ފަހަރަކުވެސް އެންމެ ކުޑަމިނުން ބުރަކަށީގައިވެސް ބޭސްކޮޅެއްގެ މިންވަރު އުނގުޅާލަދިނިން ހެއްޔެވެ؟
މިހެންގޮސް ލިސްޓް ވަރަށް ދިގުކޮށްވެސް ކީދާނެއެވެ. ހަމަ އެކަނި މިސުވާލުތަކަށް ޖަވާބުދިނަސް ތިއަ ރަންކުރާ އަންހެނާގެ ފެންވަރު އެނގޭނެއެވެ. އޭނާ ހީކުރީ އަހަރެންނަކީ މަންމައަށް ކިޔަމަންތެރި ދަރިއަކަށްވުމުން އޭނާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އަހަރެންނަށް އޭނާ ދޫކޮށްލަން ނުކެރޭނެކަމަށެވެ. ހުރިހާ ނުބައިކަމެއް ދެއްކީ އެހެންކަމަށް ހީކޮށެވެ.
ތިއަތިބީ ދެމަންމައެވެ. އޭނާ އަނގައަކުން ނުބުންޏެއް ނޫން ހެއްޔެވެ؟ ދެމަންމަ ނިކަން ބުނެބަލާށެވެ. މިބުނި ކަންކަން އެގޮތަށް ކުރާ އަންހެނަކާއި ދަރިފުޅު ދެވައިގެން ކުޅިބަލަން ތިބޭނީހެއްޔެވެ؟ ނޫނީ ވަގުތުން ގެއިން ބޭރުކުރާނީހެއްޔެވެ؟"
މަންމައަށް ބުނެވުނެވެ. "ތިއަޒާތުގެ އެއްވެސް ކަމެއް ހިނގިކަމެއް ނުއެނގެއެވެ. ދަރިފުޅު ވަރަށް ކެތްކޮށްފިންތާއެވެ! މަންމައަށް ނުއެނގުނީއެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ!"
އެވަގުތު އޭނާ ބުންޏެވެ. "އެއިރު އެގޮތަށް ކަންކަން ކުރެވުނަސް ދެން ކަންކަން ކުރާނީ ވަރަށް ވަރަށް ރަނގަޅަށެވެ. ވަރަށް ލޯބިންނެވެ." ނަޒްމީގެ ޖަވާބަކަށްވީ ވަރަށް ރަނގަޅަށް އެއްވެސް ކަމެއް ކުރާނެ ނަމަ ދެން މިގެއަށް ނުވަންނާށެވެ! އަވަހަށް ދެމައިންވެސް މިތަނުން ނުކުމެގެންދާށެވެ.
މަންމަގެ ރުހުން އެހިސާބުން ލިބިއްޖެއެވެ. ވާންއުޅޭ ދަރިފުޅު ބަލައިގެންފިއެވެ. މަންމަގެ ރުހުމާއިއެކު ކައިވެނިކޮށްފިއެވެ. ގޭގައި ގެންގުޅެން ފެށުމުން އޭނާގެ އަޚްލާޤާއި އަޞްލް ސިފަ އެނގުމުން މަންމައަށް އޭނާވީ ވަރަށް ކަމުދިއަ ދަރިއަކަށެވެ. މަންމައަށް ކޮށްދޭ ޚިދުމަތުގެ ސަބަބުން މަންމަ އަބަދުހެން ހުންނަނީ ވަރަށް އުފަލުންނެވެ. ބޭރަށް ދިއަޔަސް ގޮވައިގެން ނޫނީ ނުދެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިވާހަކަ މިގެނައީ ދަރިން ބޮޑެތިވެ ވިސްނޭވަރުވުމުން ކުރަން އުޅޭ ކައިވެންޏަށް މައިންބަފައިން ހުރަސް އެޅުމާއި ރަށްފުށުވީމާ ދެރަކޮށްލައި ހެދުމަކީ މަދުބައެއްގެ މެދުގައި ނަމަވެސް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އޮތް ޘަޤާފަތަކަށްވާތީއެވެ. ހެދުން އަޅާގޮތުން އެއީ ކަޓްކުއްޖެއް ކަމަށް ނިންމާތީއެވެ.
ކަޓްވާންވީ ނިވާކަންކުޑަ ހެދުންލީމާ ނޫންތޯއެވެ؟ އަޅުގަނޑަށް ޤަބޫލުކުރެވެނީ އެގޮތަށެވެ. ޚިޔާލު ތަފާތުވެދާނެއެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.
- ނިޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް