ވަސީއަކީ ދުރަށް ވިސްނައިގެން ކަންކަންކުރަން މަސައްކަތްކުރަމުން އައި ކުއްޖެކެވެ. އެހެންވެ ވަޒީފާ ލިބުނީންސުރެ ދިއައީ ކޮންމެމަހަކުވެސް ކޮންމެވެސް މިންވަރެއް ފަހަރައްކާކުރަމުންނެވެ. އެހެންކަމުން 5 އަހަރުވީއިރު ވަސީގެ އަތުގައި ފުދޭވަރަކަށް ފައިސާ ހުއްޓެވެ.
އެކަން އެނގެނީ އޮފީހުގައި ވަސީއާއިއެކު މަސައްކަތްކުރާ އަންހެންކުއްޖަކަށް އެކަންޏެވެ. އެއީ ވަސީގެ އެންމެ ގާތް އެކުވެރިޔާއެވެ. އެންމެ ބޮޑަށް އިތުބާރުކުރާ އެކުވެރިޔާއެވެ. ދެމީހުން ބާޒާރަށް ދިޔަޔަސް ތަނަކަށް ކާން ދިޔަތަސް ދަނީ އެކުގައެވެ. އެހެންކަމުން ދެކެއެކުވެރިންގެ މެދުގައި ވަރަށް ޚާއްޞަ ގުޅުމެއް އޮވެއެވެ.
އެކުގައި އުޅުމުގެ ތެރެއިން އެކުވެރިޔާ ތަޢާރަފްކޮށްދިން ޒުވާނަކާއި ލޯބީގެ ގޮތުން ވަސީގުޅުނެވެ. ދުވަސްކޮޅަކު އެކުގައި އުޅުމަށްފަހު ޒުވާނާ ބުނީ ކައިވެނިކުރަން ބޭނުންވަނީ އަމިއްލަ މަސައްކަތެއް ފެށުމަށްފަހުގައި ކަމަށެވެ. އޭނާގެ އަތުގައި އެކަމަށް ޖަމާކޮށްފައި ހުރި ފައިސާ އެބަހުރި ކަމަށާއި ނަމަވެސް ވިޔަފާރި ނުފެށި ލަސްވަނީ އަތުގައި އަދި ތަންކޮޅެއް ފައިސާމަދުކަމުން ކަމަށެވެ. އެހެންވެ ލޯނެއް ނަގަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަވަހަށް ކައިވެނިކުރަން ބޭނުންވެފައިހުރިވަރުން ވަސީ ބުނީ އޭނާގެ އަތުގައިވެސް ފައިސާ އެބަހުރިކަމަށާއި ދެމީހުންގެ ފައިސާއިން ދެމީހުންގެ ނަމުގައި ވިޔަފާރިއެއް ފެށުން ރަނގަޅުވާނެ ކަމަށެވެ. އެގޮތަށް މަޝްވަރާކުރުމަށްފަހު ދެމީހުންގެ ނަމުގައި އެކައުންޓެއް ހުޅުވައި ލޯބިވެރިޔާގެ އަތުގައިހުރި ފައިސާ ޖަމާކުރުމުން ވަސީގެ އަތުގައި ހުރި ހުރިފައިސާއެއްވެސް ޖަމާކުރިއެވެ.
ވަސީ އެހައި ބުރަމަސައްކަތްކޮށްގެން ހޯދި ފައިސާއިން ޖަމާކުރެވުނު ފައިސާ ޒުވާނާ އާއި ޙަވާލުކުރީ އެންމެ ގާތް އެކުވެރިޔާ ޒުވާނާގެ މައްޗަށް ދިން އިތުބާރުގެ ބޮޑުކަމުން އެންމެ ގާތް އެކުވެރިޔާއަށް އިތުބާރުކޮށްފައެވެ. ދެމީހުންގެ އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން އުފެދިފައިވާ އިތުބާރު ބޮޑުކަމުންނެވެ.
އެކަންކުރިތާ 10 ވަރަކަށް ދުވަސްފަހުން ޒުވާނާގެ ޚަބަރެއް ނުވެއެވެ. ގުޅިޔަސް ފޯނެއްވެސް ނުނަގައެވެ. ގިނައިން އޮންނަނީ ފޯނު ނިއްވާލާފައެވެ. އެހެންވެ ވަސީ ބޭންކަށް ގޮސް އެކައުންޓުގެ މައުލޫމާތު ސާފުކުރިއިރު އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތެވެ. އެފައިސާއަށް ހެދިގޮތެއް ބެލިއިރު ވަސީ ދިން ފައިސާގެ އެއްބައި ވަނީ އެންމެ ގާތް އެކުވެރިޔާގެ އެކައުންޓަށް ޓްރާންސްފަރކޮށްފައެވެ. ލޯބިވެރިޔާ ޖަމާކުރި ފައިސާއާއި ވަސީ ޖަމާކުރި ފައިސާގެ އެއްބައި ޖަމާކޮށްފައިވަނީ ލޯބިވެރިޔާގެ އަމިއްލަ އެކައުންޓަކަށެވެ. ވަސީގެ ފައިސާ ލޯބިވެރިޔާ އާއި އެންމެ ގާތް އެކުވެރިޔާ އާއި ދެމީހުންނަށް އެއްވަރަކަށް ބަހައިލީއެވެ.
ވަސީއަށް ވިސްނުނެވެ. މިއީ އެންމެ ގާތް އެކުވެރިޔާ ދިން ވަރުގަދަ ލަނޑެކެވެ. ޒުވާނާ އާއި ދެމީހުން ޑީލެއް ހަދައިލީއެވެ. ވަސީގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ދަމައިގަތީއެވެ. އެއިރު އެކުވެރިޔާ ވަނީ ވަޒީފާއިންވެސް ވަކިވެފައެވެ. އެހެންވެ ފޯނުކުރުމުން އެކުވެރިޔާވެސް ފޯނެއް ނުނެގިއެވެ.
މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. މާބޮޑު ކުރިއެރުމެއް ލިބޭގޮތް ނުވުމުން ވަރަށް ލަދުން ހުރެ އެކަން ހިނގައިދިއަގޮތް ދޮށީ ބޭބެއަށް ކިޔައިދިނެވެ. ބޭބެ ބުނީ އޭނާއަށް އަޅަން ފެންނަ ފިޔަވަޅެއް އަޅާނެ ކަމަށާއި ފައިސާ ލިބޭނެ ގޮތެއް ފެނޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
އެއިގެ ދެތިން ދުވަސްފަހުން ވަސީގެ ފައިސާ ބޭބެ ގެނެސްދިނެވެ. ފައިސާހޯދި ގޮތަކާއިބެހޭ ގޮތުން ސުވާލުކުރުމުން ބުނީ އިތުރު ސުވާލުނުކުރުމަށެވެ. ދެންވެސް ވިސްނައިގެން ކަންކަން ކުރުމަށެވެ. އެއްވެސް މީހަކަށް އިތުބާރުކޮށް ފައިސާގެ މުޢާމަލާތު ނުކުރުމަށެވެ.
ދުވަސްކޮޅެއްފަހުން ވަސީއަށް އެނގުނީ އޭނާއަށް ލަނޑުދިނީ އެންމެ ގާތް އެކުވެރިޔާގެ ރޭވުމުން ކަމެވެ. އަދި އެޒުވާނާއަކީ ޙަޤީޤަތުގައި އެކުވެރިޔާގެ ލޯބިވެރިއެއް ކަމެވެ. ވަސީ ދެކެ ލޯބިވާ ކަމަށް ހެދިގެން ކުޅުނީ ވަރުގަދަ ޑްރާމާއެއް ކަމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ މިފަދަ އެތައް ބައިވަރު ކަންކަން ހިނގަމުންދާއިރު އެކަންކަމަށް ސަމާލުވާން ބުނުމަށެވެ. އެންމެ ގާތް އެކުވެރިންނަށާއި ލޯބިވެރިންނަށްވެސް ފައިސާގެ ކަންކަމުގައި އިތުބާރުކުރެވެން ނެތްކަމަށް ބުނުމަށެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ފައިސާގެ ދަހިވެތިކަމުގައި ނުކުރާނެ އެއްވެސް ކަމެއް ނެތެވެ. ވަސީއަސް އޭނާގެ ފައިސާކިޮޅު އަނބުރާ ލިބުނުކަން އެއީ ވަރަށް ބޮޑު ނަޞީބެކެވެ. ޢާންމު ގޮތެއްގައި މިފަދަ ގޮތްގޮތަށް އަތުލާ ފައިސާ އޮންނަނީ ގެއްލިފައެވެ. އަނބުރާ ނުލިބިފައެވެ.
- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް