ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ ދިން ޓެރަރިސްޓުންނަށް (އެކަމުގައި ބައިވެރިވި ޚާއިނުން ފިޔަވައި) އިތުރު ހަމައެކަކުވެސް ވާގިވެރިނުވީ އެއްވެސް ޙާލެއްގައި އެއިރު ޜާއްޖޭގައި އޮތް ވެރިކަމަށް ރުހޭވަރު ބޮޑުވެގެން ކަމަށް ބުނެވެން ނެތް ސަބަބުތައް ބައިވަރެވެ. ހެކިތައްވެސް އެހައިގިނައެވެ. ސަބަބަކީ ކާފިރުންނާ ޚާއިނުންގެ އަތްމައްޗަށް ރާއްޖެ ހިނގައްޖެނަމަ އިސްލާމް ދީނަށް ލިބޭނެ ބޮޑު ގެއްލުމަށް ބިރުންނެވެ.
އެކަން އެނގިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އަމިއްލަ އެދުން ކުރިއަށް ނެރެ ޓެރަރިސްޓް ޙަމަލާއަށް ކުރިން ހިތްވަރުދިން މީހުން، އެމީހުންނާއި މާލެއިން ގުޅޭނެ ކަމަށް ބުނި މީހުންނަށްވެސް ކަމުގެ ނުރައްކާ ވިސްނުމުން ޚާއިނުންނަށް އެއްބާރުލުން ނުދީ ފިލިކަމެވެ. އެއިގެ ތެރޭގައި މާލޭގެ ކަމުވޮށިގެންވާ ބޮޑުންގެ އެތައް ބައަކުވެސް ހިމެނެއެވެ.
ފާހަގަކުރަންޖެހޭ ދެވަނަ ކަމަކީ ދިވެހިންނަކީ އެންމެ ކުރިންސުރެވެސް އެއްވެސް ބާވަތެއްގެ އަޅުވެތިކަމަކަށް ލޯބިކުރި ބައެއް ނޫނެވެ. އެއްވެސް ބާރެއް ނެތި މާނިކަމެތި ޙާލުގައި ތިބިއިރުވެސް އެބާރުގަދަ ޕޯޗުގީޒުންނަށާއި ހޮޅީންނަށް ރާއްޖޭގައި ފައިހަރުކޮށްނުލެވުނީވެސް އެހެންވެގެންނެވެ.
އިނގިރޭސީންގެ ރަންޒަމާނުގައި މުޅި ސަރަޙައްދަށް ވެރިވެގަނެ ވެރިކަންކުރި ޒަމާނުގައިވެސް ދިވެހިރާއްޖެ އަޅުވެތި ނުކުރެވުނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. ޙިމާޔަތްދިނުމުގެ އެއްބަސްވުމެކޭ ކިޔައި އެއްބަސްވުމެއް ހަދައިގެން އުޅެމުން އަމިއްލަ އެދުން ކުރިއަށް ނެރެ 100 އަހަރަށް އެއްބަސްވުމެއް ހެދީމާ އެއެއްބަސްވުން ދިވެހިން ބަލައިނުގަތީވެސް ހަމަ އެސަބަބަށްޓަކައެވެ.
މިއަދު ކުރިމަތިވެފައިވާ ނުރައްކާ މާބޮޑެވެ! ކިރިޔާވެސް ފުރުޞަތެއް ލިބިއްޖެނަމަ ކަންކަން ވެގެންދާނެ ގޮތް ދާދިފަހުންވެސް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައެވެ. އެހަޑިމުޑުދާރު ވާހަކަތައް ދައްކައި މިފަދަ އުފާވެރި ދުވަހެއްގެ އުފާވެރިކަން ކިލަނކުރުވާކަށް ނެތީމެވެ.
ހަމައެކަނި ބުނެލަން ބޭނުންވަނީ ނަބްރުގެ ދުވަހުގެ ޢަޒުމަކަށް ހަދަންވީ މާތް ﷲ ގެ ދީނަށް ނަޞްރުދިނުން ކަމަށެވެ. އެކަމުގައި ކާބަފައިން ދެއްކެވި ޘާބިތުކަމުން ހިތްވަރުލކިބިގަންނަން ޖެހޭ ކަމަށެވެ. ހަމައެކަނި އެމިންވަރަކަށްވެސް ނޫނެވެ! އެއަށްވުރެ މާބޮޑަށެވެ!
މިއަދު އެންމެ ބޮޑަށް އުފާކުރަންޖެހޭ ސަބަބަކީ ދީނަށް ނަބްރު ދެއްވަމުން ގެންދަވާ ވަލިއްޔުލްއަމުރަކު ލިބިފައިވާ ކަމެވެ. ރައްޔިތުންނަށް އޮތީ މިއަދުގެ ސަރުކާރުން ދައްކަމުންދާ މަގުގައި އިސްލާމް ދީނަށް ނަޞްރުދިނުން މަތީގައި ތިބުމަށް މަސައްކަތްކުރުމެވެ.
މާތް ﷲ، އެކަލާނގެ ދީނަށް ނަޞްރު ދެއްވަވާނެތެވެ! ރައްޔިތުން މަސައްކަތްކުރިވަރަކަށް ކާމިޔާބު އިތުރުވަމުންދާނެތެވެ! އިން ޝާ ﷲ