ސަޢުދީ ޢަރަބިއްޔާއިން ޙައްޖާއި ޢުމްރާގެ ނިޒާމަށް ގެންނަވާ ހެޔޮ ބަދަލުތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ފެށި ޙައްޖު، ޢުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއިން ޙައްޖާއި ޢުމްރާގެ ނިޒާމަށް ވަރަށް ޒަމާނީ ބަދަލުތަކެއް ގެނެސްދެއްވަމުންދާ ކަމަށާއި އެކަން ފާހަގަކުރައްވާކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ސަޢުދީ ސަރުކާރުން އަބަދުވެސް ރާއްޖެއާއިމެދުގައި ވަރަށް ގާތްކަން ބާއްވަވާކަމަށާއި، ރާއްޖެއިން ކަމެއްގައި އެދިލައްވައިފިނަމަ އެކަމެއް ކޮށްދެއްވަމުން ގެންދަވާކަމަށެވެ. އަދި އެކަމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ސަޢުދީ ސަރުކާރަށް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ. ތަޢުފީޤު ބިން ރަބީޢާއަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރު އަލްއުސްތާޛް މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާކަމަށާއި، ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެދިލެއްވި ކޮންމެކަމެއްގައިވެސް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިލައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައިވަނީ ސަޢުދީ ޢަރަބިއްޔާއިން ގެންނަމުންދާ ބައެއް ބޮޑެތި ބަދަލުތަކަށްވެސް އަލިއަޅުއްވާލާފައެވެ. އެގޮތުން ރަޢުޟާއަށް މީހުން ވެއްދުމުގެ ކަންކަން ތަރުތީބުކޮށް ކުރިއަށް ގެންދިއުމަށް އެޕްލިކޭޝަނެއް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދޭނެ އިންތިޒާމެއް ހަމަޖައްސަވާފައިވާކަމަށާއި، ހިރާ ފަރުބަދައިގެ އައްސޭރީގައި ހިރާ ކަލްޗަރަލް މިއުޒިއަމެއް ތަރައްޤީކޮށް ހިރާ ފަރުބަދައަށް ކުރާ ޒިޔާރަތަކީ ޢިލްމީ ތަރުބަވީ މަޢުލޫމާތުތައް ލިބޭނެ ޒިޔާރަތަކަށް ބަދަލުކޮށްދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީގެ ރަސްމީ އެއާލައިން، ސަޢުދިއާގެ ފަރާތުން ލިބިލައްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ސަޢުދީ އެއާލައިނަކީ ދިވެހިރާއްޖޭގެ ޙައްޖާޖީންނަށް ވަރަށް ތަނަވަސްކަމާއެކު ޚިދުމަތް ދެއްވާ އެއާލައިނެއްކަމަށާއި، ޙައްޖުވެރިން އުފުލުމާއި ޙައްޖާއި ޢުމްރާއަށް ޚާއްސަ މޫސުންތަކުގައި ޚާއްސަ ފްލައިޓުތައް ބާއްވަމުން ގެންދަވާ ވަރަށް އިޚްލާސްތެރި ޙިދުމަތްތަކެއް ދެއްވަމުން ގެންދަވާ އެއާލައިނެއްކަމަށެވެ.
މިއަދު ފެށި ޙައްޖު، ޢުމްރާ ކޮންފަރެންސް އަކީ ޙައްޖާއި ޢުމްރާގެ ކަންކަން ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ފަދައިން، ކަންކަން ރަނގަޅު ކުރެއްވުމުގައި ޙައްޖު، ޢުމްރާ ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދެއްވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސްއެކެވެ.