ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަށް އަނިޔާވެރިވެ ކޮޅުފައިންތެޅި މީހެއްގެ ފައިން ވާގިނެތި އޭނާގެ ތަނަވަސްކަން ގެއްލުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަށް އަނިޔާވެރިވެ ކޮޅުފައިންތެޅި މީހެއްގެ ފައިން ވާގިނެތި އޭނާގެ ތަނަވަސްކަން ގެއްލުނު ގޮތުގެ ވާހަކަ-

އަޅުގަނޑަށް 18 އަހަރު ހަމަފުރުނުތަނާހެން އޭނާ އާއި ކައިވެނިކުރީ މައިންބަފައިންގެ ނުރުހުމުގައެވެ. ޢުމުރުން 16 އަހަރުން ފެށިގެން ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުމުގެ ބާރުގައެވެ. އެއިރު އޭނާގެ ޢުމުރަކީ 30 އަހަރެވެ. އަޅުގަނޑަށްވުރެ 12 އަހަރު ދޮށްޓެވެ.  

ކައިވެންޏަށް 3 ދަރިން ލިބެންދެން ކަންކަން ދިއައީ މެދުމިނުގައެވެ. މާބޮޑެތި މައްސަލަތަކެއް ނުޖެހެއެވެ. ނަމަވެސް ފުރަތަމަ ދަރިފުޅަށް ބަލިވެއިންތަނާހެން ލޯބިލިބުން ނިމުމަކަށް އަތުވެއްޖެއެވެ. އެހެންވެ އެނބުރި ގެއަށްދާން ބޭނުންވިއެވެ. ނަމަވެސް ކައިވެނިކުރީވެސް އަދި ގެއިން ނުކުމެގެން އައީވެސް މައިންބަފައިންގެ ނުރުހުމުގައިކަމަށްވުމުން ދިރިއުޅުން ފޭލްވެގެންހުރެ އެމީހުންގެ ކުރިމައްޗަށް އެނބުރިދާން ލަދުގަތީއެވެ. އެހެންވެ ކެތްތެރިވެލީއެވެ. 

އަނެއްކާވެސް 12 އަހަރެއްގެ ވާހަކައެވެ. ކައިވެންޏަށް 12 ވަނަ އަހަރު އެއްރޭ ފިރިމީހާ ގެއަށް އައީ މެންދަމު 2 ޖެހިއިރުއެވެ. އައީ ހަމަ އަޅުގަނޑާއި ދާދި އެއް ޢުމުރުގެ އަންހެނަކު ގޮވައިގެންނެވެ. އަޅުގަނޑަށް ފެނުމުން ފެނުނު ކަމަށްވެސް ނުހަދައި ދެމީހުން ގޮސް ކޮޓަރިއަކަށް ވަދެ ނިދީއެވެ.  

އޭނާ ގޭގައި ގެންގުޅޭތާ 3 ދުވަސްވީއިރުވެސް ދެމީހުންކުރެ މީހަކާ އަނގައިންވެސް ނުބުނަމެވެ. އަޅުގަނޑު އުޅޭގޮތަކަށް އުޅެމުންދިއައީއެވެ. އެދެމީހުންވެސް އަޅުގަނޑަކާއި ވާހަކައެއް ނުދައްކައެވެ. އެރޭ ދެމީހުން ގެއަށް އައީ 12 ޖަހަނިކޮށެވެ. ދެމީހުން ގެއަށްވަންއިރު އަޅުގަނޑަށް އިނދެވުނީ ސިޓިންގރޫމްގައެވެ. ވަނީމާ ތެދުވެގެން ކޮޓަރިއަށްދާން ހިނގައިގަތްތަނާ "ތިއައިނީ އަހަރެމެންނަށް ފާރަލާންހޭ؟" ބުނުމާއިއެކު އިސްތަށިގަނޑުގައި ހިފައި ދަމައި ބިންމައްޗަށް ވައްޓާލާފައި 3،4 ފަހަރު ކޮޅުފައިން ޖެހިއެވެ.  

ދެންވެސް އަނގައަކުން ނުބުނަމެވެ. ތެދުވެ ކުޑަކޮށް ކޮރުޖަހަމުން ގޮސް ކޮޓަރިއަށްވަދެފައި މަންމައަށް ގުޅީމެވެ. "ބުނީމެވެ! ކުށްވެރިއަކީ އަޅުގަނޑުކަމަށް ޤަބޫލުކުރަމެވެ. މަންމަމެންގެ ނުރުހުމުގައި އެދުވަހު ގެއިން ނުކުމެވުނުކަން އެއީ އަޅުގަނޑަށް ކުރެވުނު ވަރަށް ބޮޑު ކުށެއްކަން މިރޭ ވަރަށް ރަނގަޅަށް ފެނިއްޖެއެވެ. މަންމާއެވެ.! އެއިރު ނުވިސްނުނީއެވެ. މަންމަމެންނަށް އަޅުގަނޑަށް މާފުކުރެވޭނެނަމަ އަދި އަޅުގަނޑު ދެކެން ބޭނުންވާނަމަ އަވަހަށް އައިސްދޭށެވެ." ބުނެފައި ފޯނު ބޭއްވީއެވެ.  

ފޯނުބޭއްވިތާ ކުޑައިރުކޮޅެއްވެސް ނުވަނީސް މަންމަ އާއި ބައްޕައާއި ދެ ބޭބެ އެކުގައި ގެއަސް އައިސް ބޭރުގައި ތިބެގެން ގުޅީމައި ދޮރުހުޅުވައި ވެއްދާފައި ދިރިއުޅުން މިހާރު ހުރި ޙާލަތާއި އެރޭ ކަންކަންވީގޮތް ކިޔައިދިނީމެވެ.  

ދެވަނަ ބޭބެ ބާރަށް ގޮސް ފިރިމީހާ ނިދަން އޮތް ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ. އޭނާ ނުކުތުމުން ކަރުގަހިފަން އުޅުނީމަ ހުއްޓުވީ ދޮށީ ބޭބެއެވެ. "ތަނަވަސްކަން ހުރީމާ ހިފިނުހުރެގެން އުޅުނަސް ތިއަކަހަލަ ނަޖިސްމީހެއްގެ ގައިގައި އަތްލައިގެން ކުށްވެރިވުމުގެ ބޭނުމެއް ނެތެވެ. އަހަރެމެންގެ މަސްގަނޑު ގޮވައިގެން ދިއައިމާ ނިމުނީއެވެ." ބުނުމުން ފިރިމީހާ ކޮންމެވެސް ވަރަކަށް ލަދުގަތެވެ. ޢާއިލާއިން ބޭނުންވީ ހަމައެވަޤުތު އަޅުގަނޑާއި 3 ދަރިން ގޮވައިގެން ގެއަށްދާށެވެ. އަޅުގަނޑަށްވެސް އެނޫންގޮތެއް ނެތުމުން ޢާއިލާ އާއިއެކުގައި ދިއައީއެވެ.  

އަޅުގަނޑު އެއިރު 4 ވަނަ ދަރިފުޅަށް ބަލިވެކަން އެނގުނީ ގޭގައި އިންދައެވެ. އަޅުގަނޑަކީ އެންމެ ހަގު ދަރިފުޅުކަމަށްވުމުން ނަމަވެސް އެންމެންވެސް އަޅުގަނޑާއިމެދު ކަނކަންކުރީ ވަރަށް ރަނގަޅަށެވެ. ލޯބިދިނެވެ. އަޅައިލިއެވެ. ބޭނުން ކަންކަންވެސް ކޮށްދިނެވެ. އެއްވެސް ކަމަކަށް ދަތިވެގެން އިންނާކަށް ނުޖެހުނެވެ.  

ވިހައި ގަދަވުމުން ވަރިވާން ކޯޓަށްދާން ނިންމައިގެން އިންދާ ބަނޑަށް 7 މަހުގައި ފިރިމީހާ ގެއަށް އައެވެ. ނަމަވެސް ހިނގާފައެއް ނޫނެވެ. ފުރޮޅުލީ ގޮނޑިއެއްގައެވެ. ކަނައަތުފައިގައި ވާތްގެއް ނެތެވެ. ބުނީ ސްޓްރޯކެއް ޖެހިފައި އެފަޅިން ވާގިދިއައީ ކަމަށާއި ފައި އަދިވެސް ރަނގަޅު ނުވަނީ ކަމަށެވެ. 

މަންމަމެންގެ ކިބައިންނާއި އަޅުގަނޑުގެ ކިބައިން މާފަށް އެދުނެވެ. އަނބުރައި ގެއަށް ގޮސްދޭން އެދުނެވެ. ނަމަވެސް ޢާއިލާގެ އެކަކުވެސް އެއްބަހެއް ނުވިއެވެ. ކަނު ލޯބީގައި ކުރިން ހެދުނު ގޯސްހަދަން އަޅުގަނޑަކަށް ނުކެރުނެވެ. އެހެންވެ ނިންމީ ނުގޮސް ގޭގައި އިންގޮތަށް އިންނާށެވެ. އެގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ ޢާއިލާ އާއި ދެކޮޅަށް ދާތަނުން ފިރިމީހާ ގަދަވެގެން ދެން ކަންކަންކުރާނެ ގޮތެއް ނުއެނގޭތީއެވެ. އަލުން ޢާއިލާގެ އެހީތެރިކަމަށް އެދެން ނުޖެހޭނެ ކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ.  

ގޭގައި އިނދެ ވިހައި ގަދަވުމުން ކޯޓަށްގޮސް ވަރިވީއެވެ. ޢިއްދަ ހަމަވުމުން ދެވަނ ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 20 އަހަރުވީއެވެ. އެއީ އަނބިމީހާ ނިޔާވެފައި ހުރި 3 ދަރިންގެ ބައްޕައެކެވެ. ހަމަ އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެކެވެ. އަޅުގަނޑާއި ކުދިންދެކެވެސް ވަރަށް ލޯބިވާ ފިރިއެކެވެ.  

ކުރީގެ ފިރިމީހާ އަދިވެސް ދިރިއުޅެނީ ހމަ އެޙާލުގައެވެ. ބަލިވާއިރަށް އަތުޖެހެންހުރި ފައިސާއެއް ވިއްޔާ ހިފައިގެން ލޯބިވެރިޔާ ފިލައިފިއެވެ. މަސައްކަތްތައް ނުބެލެހެއްޓޭތީ ތަނަވަސްކަމުން ބޮޑުބައެއް ގެއްލިއްޖެއެވެ.  

ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތަނަވަސްކަން ހުރެފައި ހިތްއެދޭ ޒާތުގެ ލޯބިވެރިއަކު ލިބުނަސް އަނބިންނަށް އަނިޔާވެރިނުވާށެވެ. ކޮންމެ މީހެއްގެ ފައި ވައުނުވިޔަސް އަނިޔާވެރިންނަށް އެކަމުގެ ޢުޤޫބާތް މިދުނިޔޭގައިވެސް ކޮންމެވެސް ސިފައެއްގައި ދައްކަވާނެތެވެ.

 

- ލިޒޫ ؟ މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން