ޢިބްރަތްތެރި ވާހަކަ: ޒުވާން ޢުމުރުންސުރެ ރޭގަނޑުގެ ބޭނުން ދީނުގަ އޮތް މަގުން ހިފި ނިކަމެތި އަންހެނަކަށް ލިބުނު ބޮޑު ކުރިއެރުމާ ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 48ސ
ޢިބްރަތްތެރި ވާހަކަ: ޒުވާން ޢުމުރުންސުރެ ރޭގަނޑުގެ ބޭނުން ދީނުގަ އޮތް މަގުން ހިފި ނިކަމެތި އަންހެނަކަށް ލިބުނު ބޮޑު ކުރިއެރުމާ ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

އަޅުގަނޑަކީ ވަރަށް އެކަނިވެރި، ނިކަމެތި ޙާލުގައި އުޅެ ބޮޑުވި އަންހެނަކީމެވެ. ޢުމުރުން 12 ވަރަކަށް އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. 14 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. މަންމައާއި ބައްޕަ ނިޔާވުމުން ގެންގުޅުނީ މާމައެވެ. މާމައަށް ލިބުނު ހަމައެކަނި ދަރިފުޅަކީ އަޅުގަނޑުގެ ބައްޕަކަމަށްވުމުން އަޅުގަނޑުގެ ބައްޕައާއި މަންމަ ނިޔާވުމުން މާމަވެސް ދުނިޔޭގައި އެކަނިވީއެވެ.  

މާމައަކީ ވަރަށް ކުރިންސުރެ ހެދިކާ ހަދައިގެން ވިއްކާ އަންހެނެކެވެ. އަވަށްޓެރި ދެއަނހެނަކު އައިސް ކޮންމެ ދުވަހަކުވެސް މާމައަށް އެހީތެރިވެދެއެވެ. ކޮންމެދުވަހަކުވެސް މަސައްކަތް ނިމުމުން މާމަ އެމީހުންނަށް މުސާރައެއްވެސް ދެއެވެ.  

މާމަ އެމަސައްކަތްކުރާތަން އަބަދު ފެންނާތީ ނަމަވެސް އަޅުގަނޑުވެސް އެމަސައްކަތަށް ޝައުޤްވެރިވިއެވެ. އެހެންވެ ސްކޫލްގައި އުޅުނުއިރުވެސް ހަވީރުގަޑީގައި މާމަމެންކުރާ މަސައްކަތުގައި ބައިވެރިވަމެވެ. އެހެންވެ މާމަ ކޮންމެ ދުވަހަކު 20 ރުފިޔާވެސް ދެއެވެ. 

އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބުނެވެ. ނަމަވެސް އޭލެވެލްގައި ލިބުނީ އެހައި ރަނގަޅު ނަތީޖާއެއް ނޫނެވެ. އެއީ ފަހު އަހަރު ބަލިވެއުޅެންޖެހުމުން ސްކޫލަށް ކޮންމެ ދުވަހަކު ނުދެވުނީތީއެވެ. ލިބުނު ރިޒަލްޓް ރަނގަޅުނޫންވީމާ އިތުރަށް ކިޔެވުންމަތިން ފޫހިވިއެވެ. އަދި ވަޒީފާއަކަށް ކުރިމަތިލަންވެސް ފޫހިވިއެވެ.  

ބޭނުންވީ މީހަކާއި އިނދެވެންދެން މާމައާއިއެކު ހެދިކާ ހަދަން އުޅޭށެވެ. ފުލްޓައިމްކޮށް އުޅުނީމާ އެހެން މީހުންނަށްދޭ މުސާރަ ލިބުނަސް މަހަކު ހައަކަހާސްރުފިޔާ ލިބޭނެއެވެ. އެދުވަސްވަރު ފިހާރައެއް ކަހަލަ ތަނެއްގައި މަސައްކަތްކުރިނަމަވެސް މަހަކު ލިބޭނީ 2000 ރުފިޔާވަރެވެ.  

ސްކޫލްގައި ކިޔެވީ ބިޒްނަސްއެވެ. އެހެންވެ ވިޔަފާރީގެ ދާއިރާއިން ކުރިއަށްދެވޭނެ ގޮތްތައް ކޮންމެވެސް ވަރަކަށް ވިސްނެއެވެ. އެހެންވެ މާމަހަދާ ގުޅަ ހިފައިގެން ގޭކައިރީގައި ހިންގާ ރެސްޓޯރަންޓަކަށް ގޮސް އެތަނުގައި ބަހައްޓައިދޭން އެދުނީމެވެ.  

އެތަނުގެ ބޮޑުމީހާ ބޭނުންވީ އަޅުގަނޑު ބޭނުންވެގެން ދިއަކަންތައްކޮށްދޭކަށް ނޫނެވެ. އަޅުގަނޑެވެ. ބުނީ ރޭގަނޑުގެ ޑިޔުޓީއަށް ނުކުމެއްޖެނަމަ މަހަކު 5000 ރުފިޔާ ދޭނެ ކަމަށެވެ. ރޭގަނޑަކީ ނިދާގަޑި ކަމަށާއި ހެނދުނު ޝިފްޓުން ވަޒީފާދީފިނަމަ ދާނެކަމަށް ބުނުމުން ބުނީ ހެނދުނުގެ ވިޔަފާރިދަށްވީމާ ރަނގަޅު މުސާރައެއް ނުދެވޭނެ ކަމަށެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެފަ އަޅުގަނޑު އައީއެވެ.  

އަޅުގަނޑު ބޭނުންވީ މާމަމެން ޢާންމުކޮށް ހަދާވަރަށްވުރެ އިތުރަށް ހެދިކާ ހަދައިގެން އާމްދަނީ ހޯދާށެވެ. އެޒަމާނުގައި ފިހާރަތަކުގައި ހެދިކާ ވިއްކުމަކީ ޢާންމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް ގޭދޮށު ފިހާރައަކާއި ވާހަކަދައްކައިގެން ވިކޭއެއްޗެއްގެ ފަސްބައިކުޅަ އެއްބައި ފިހާރައަށްދޭ ގޮތަށް ހެދިކާ ބަހައްޓައިދޭން އެއްބަސްވިއެވެ.  

އެފިހާރައިގައި ހެދިކާ ބަހައްޓަންފެށިތަނާހެން މީހަކު ގެއަށް އައިސް އަޅުގަނޑު ހޯދިއެވެ. ބައްދަލުކުރުމުން ބުނީ ހަނޑުލުގުޅަ ވަރަށް މީރުކަމަށާއި ކޮންމެ ދުވަހަކު 300 ގުޅަ ހެނދުނު ފަތިހާ ބޭނުންކަމަށެވެ. އަޅުގަނޑުމެންގެ ޙާލަތު ކިޔައިދީފައި ފަތިހަށް ތައްޔާރުކުރަން ދަތިތަކެއް އެބަހުރިކަމަށް ބުނުމުން ބުނީ އެހެންވިއްޔާ ޢަޞްރުވާއިރަށް ތައްޔާރުކޮށްދިނުމަށެވެ.  

އޭނާ އޯޑަރު އިތުރުކުރަމުންގޮސް ކޮންމެ ދުވަހަކު 500 ގުޅައަށް އިތުރުކޮށްފައި ފަހުންވެސް އިތުރުކުރަން ބުނީމާ ބަދިގޭގައި ޖާގަނެތުމުން އިތުރުކުރަން އުނދަގޫކަމަށްބުނީމެވެ. އޭނާ ބުނީ ތިއަކަމަށް ޙައްލެއް ހޯދޭނެ ގޮތަކާއިމެދު ވިސްނާނެ ކަމަށެވެ. އެއީ އޭނާގެ ހޮޓަލުގައި އެންމެ ޑިމާންޑް ބޮޑީ މާމަގެ ގުޅައަށް ކަމަށްވުމުން މާމަގެ ގުޅަ ބޭނުންވާވަރުން ކަމަށެވެ.  

ދުވަސްކޮޅެއްފަހުން އެމީހާ އައިސްބުނީ މާމަ ބޭނުންނަމަ ބަދިގެ ބޮޑުކޮށްދީފާނެ ކަމަށެވެ. އަދި ބަދިގެއާއި ދިމާއިން މަގުމައްޗަށް އޮތް ހުސްތަންކޮޅުގައި ހެދިކާ ވިއްކާނެ ކުޑތަންކޮޅެއް ވެސް ހަދައިދީފާނެ ކަމަށެވެ. އެކަންކޮށްދޭނީ މާމައަށްޓަކައި ހިލޭސާބަހަށް ކަމަށްވެސް ބުންޏެވެ.   

ކޮންމެއަކަސް އޭނާ އެކަންކޮށްދިނެވެ. އެކަންކޮށްދިނީމާ ވިޔަފާރި އިތުރަށް ފުޅައުކުރަން ފުރުޞަތުލިބި ހެދިކާ ފިހާރަ ހިންގަންފެށީއެވެ. އިތުރު އަންހެނުން ލައިގެން މަސައްކަތްފެށީއެވެ.  

މިއީ 15 އަހަރުފަހެވެ. އެމަސައްކަތުން ލިބުނު އާމްދަނީން ކުރިއަރަމުން އައިސް ލޯނެއްވެސް ނަގައިގެން ގެ އެހެރީ 5 ބުރިއަށް ހަދާފައެވެ. ގޭގެތިރިއާއި އެއްވަނަ ފަންގިފިލާގައި މިހިންގަނީ ކޮފީޝޮޕެކެވެ. އެކަންކަން އެފެންވަރަށް ކުރެވުނީ ފިރިމީހާގެވެސް އެހީތެރިކަމާއިއެކުގައެވެ.  

ދެން މިހިސާބުން ކައިވެނިކުރެވުނު ގޮތް ކިޔައިދޭނަމެވެ.  

ހެދިކާފިހާރަ ހިންގިއިރުވެސް މަޣްރިބްނަމާދަށް ބަންދުކޮށްލާގޮތަށް ދެން ނުހުޅުވަމެވެ. ޢިޝާނަމާދުކޮށްގެން ކަނީއެވެ. ކައިގެން އިރުކޮޅަކު މާމައާއިދެމީހުން ވާހަކަދައްކާލަން ތިބެފައި ދެމައިން ނިދަނީއެވެ. ހޭލަނީ 3 ޖެހީމައެވެ. ހޭލައި ދަމުނަމާދުކޮށްގެން ފަތިސްވަންދެން ތިބެނީއެވެ.  

އެއީ ފިހާރައަށް އައިސް އުޅުނު މީހެކެވެ. ދެމީހުން ގުޅިގެން 2 އަހަރު އުޅުނީމެވެ. ނަމަވެސް ދުވަހަކުވެސް ރޭގަނޑަކު ބައްދަލެއް ނުކުރަމެވެ. އެކުގައި ބޭރަކަށްވެސް ނުދަމެވެ. ވާހަކަ ދައްކައިލަނީ ފިހާރައިގައި ލިބޭ ހުސްވަގުތުކޮޅުގައެވެ. ކައިވެނިކުރީ އެގޮތަށް އުޅެމުންނެވެ. ކައިވެންޏަށް މިހާރު 12 އަހަރުވެއްޖެއެވެ. 4 ދަރިންވެސް ލިބިއްޖެއެވެ.  

ދެން މިބުނަނީ މިއަދުނޫހަށް އަޅުގަނޑުގެ ވާހަކަ ޙިއްޞާކުރި ސަބަބެވެ.  

ފުރަތަމަ ކަމަކަށް ފާހަގަކުރަން ބޭނުންވަނީ ނަލަހެދިގެން ވަޒީފާއަކަށް ނުދިއަނަމަވެސް ހިތްވަރުހުރިއްޔާ ފައިސާހޯދޭނެކަމެވެ. ދެވަނަކަމަކަށް ފާހަގަކުރަން ބޭނުންވަނީ ރޭގަނޑު ބުރުޖަހަން ނުކުމެ ކޮފީތަކަށް ނުދިއަނަމަވެސް ލޯބިވާ ފިއަކު ލިބިދާނެކަމެވެ.  

ތިންވަނަކަމަކަށް ފާހަގަކުރަން ބޭނުންވަނީ އަވަހަށް ނިދައި ދަމުނަމާދަށް ހޭލުމުގެ ހުރިފައިދާއާއި ދަމުނަމާދުކުރަން ފަށަންވީ އުމުރުން ދުވަސްވެ ގައިގެ ބާރު ދެރަވުމުން ނޫންކަމެވެ. ޒުވާން ޢުމުރުގައިވެސް ތަޤްވާވެރިވާން މަސައްކަތްކުރާއަޅުންނަށް ދުނިޔޭގައިވެސް ރަޙްމަތް ލައްވަވާނެ ކަމެވެ. އިން ޝާ ﷲ އެހެން ނޫންނަމަ އަހަރެމެން ފަދަ ނިކަމެތި ފަޤީރު ދެމައިންނަށް މިފަދަ ދުވަހެއް ހުވަފެނުންވެސް ފެނުނީސްތޯއެވެ؟  

މިހާރު މާމަގެ ޢުމުރަކީ 85 އަހަރެވެ. އަދިވެސް ކޮންމެރެއަކުވެސް ދަމުނަމާދުކުރެއެވެ. ބޮޑު ބައްޔަކަށް ބޭސްކުރާކަށްވެސް ނުޖެހެއެވެ. މުނިމާމަ ދަރިންވެސް ބަލައެވެ.  

އަދި އެއްވާހަކަ ބުނެލާނަމެވެ. ކައިވެންޏަށްފަހު މިވީ 12 އަހަރުވެސް ރޭގަނޑު ފިރިމީހާ އާއިއެކުގައި ނޫނީ ގެއިން ބޭރަކަށް ނުދަމެވެ. އިންނަނީ ގޭގައެވެ. ވީހާއަވަހަކަށް ނިދައި ދަމުނަމާދަށް ހޭލަން މަސައްކަތްކުރަމެވެ.  

އަޅުގަނޑުގެ ވާހަކަ ވަރަށް ތަފާތުކަން ޤަބޫލުކުރަމެވެ. ނަމަވެސް އުންމީދުކުރަނީ މިއަދުގެ ކުދިންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެކަމަށެވެ.

 

- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން