ތިމާ ބޭވަފާތެރިވުމަކީ މައްސަލައެއްކަމަށް ނުދެކި، ބައިވެރިޔާގެ ކުށްދައްކާ މީހުންނަށް ޢިބްރަތަކަށްވާނެ ފިލާވަޅެއް ދިން އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ތިމާ ބޭވަފާތެރިވުމަކީ މައްސަލައެއްކަމަށް ނުދެކި، ބައިވެރިޔާގެ ކުށްދައްކާ މީހުންނަށް ޢިބްރަތަކަށްވާނެ ފިލާވަޅެއް ދިން އަންހެނެއްގެ ވާހަކަ-

އެހެން މީހުން ފަދައިން އަޅުގަނޑުވެސް ކައިވެނިކުރީ ދެމީހުން ލޯބީގެ ގޮތޔުން ގުޅިގެން އުޅޭތާ 2 އަހަރުއްހައިދުވަސްފަހުންނެވެ. ކައިވެންޏަށް އަހަރުވެސް ނުވަނީސް ފިރިމީހާ އާި އަވަށްޓެރި އަންހެނަކާއި ދެމީހުން ލޯބިކުރަން އެގޭގެ ސޯފާގައި ތިއްބައި ފެނުމުން ވަރަށް އަސަރުކުރިއެވެ.  

ވަދެފައި ބަހެއް ބުނުމުން އަންހެންމީހާގެ ބަހުގައި ކުށްވެރިވީ އަޅުގަނޑެވެ. އެއީ ހުއްދަ ނުނަގައި އެގެއަށް ވަދެގެންނެވެ. ފިރިމީހާގެ ކުރިމަތީގައި އަޅުގަނޑު ކުށްވެރިވީ އޭނާގެ މިނިވަންކަމާއި ބެހުމުންނެވެ. ފިރިމީހާ އައިސްފައި ހުރި ރުޅިމަތީގައި އަޅުގަނޑުފަދަ ހޭލުންތެރިކަންކުޑަ އަންހެނަކާއިއެކުގައި ނުއުޅެވޭނެ ކަމަށް ބުނެފައި ވަޤުތުން ވަރިކުރިއެވެ.  

އަޅުގަނޑު ނުކުމެގެން ގެއަށް އައީއެވެ. ލޯތްބާއި ލޯބިވެގެން އުޅުމާއި ޒަވާޖީ ޙަޔާތަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަން ވިސްނުމުން އަސަރުތަކެއް ކުރިއެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ނިމޭނީ އެންމެ ރަނގަޅަށްކަން ޤަބޫލުކޮށް ވަރިކުރީތީ ކަންބޮޑެއް ނުވަމެވެ.  

ކަންތައްވީވެސް ހަމައެގޮތަށެވެ. އަޅުގަނޑަށް ދެން ލިބުނީ ކުރީގެ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް މާރަނގަޅު ފިރިއެކެވެ. އަޅުގަނޑުދެކެ މާބޮޑަށް ލޯބިވާ އަދި އަޅުގަނޑަށް ޤަދަރުކުރާ ފިރިއެކެވެ.  

އަޅުގަނޑުމެންގެ ކައިވެންޏަށް 2 އަހަރުފުރެން އުޅެނިކޮށް ގެއަށް އައި ފިރިމީހާގެ އެކުވެރިއަކު ފިރިމީހާއަށް ކިޔައިދިނެވެ. "ކަލޭގެ އަނބިމީހާގެ ކުރީގެ ފިރިމީހާއަށް އިހަކަށް ދުވަހަކު ވަރުގަދަ ލަގާއެއް ލިބިއްޖެއެވެ. ހިތާވެގެން ޚަރަދުކުރަމުން އައި އަންހެންމީހާ އެހެން ފިރިހެނަކާއިއެކު ލޯބިކުރަނިކޮށް ފެނުނީއެވެ. ރުޅިއައިސް ތިއައީ އެއްވެސް ގޮތެއް ނެތް އަނހެނަކު ކަމަށްބުނުމުން ދިނީ ވަރުގަދަ ޖަވާބެކެވެ."  

އޭނާ ބުންޏެވެ. "ކަލޭ ކައިވެނިކޮށްގެން ހުރެ އަހަރެންނާއިއެކު ގުޅުންހިންގިއިރު އަހަރެން ކަމުދިއައެވެ. ކަލޭގެ ލޯބިވެރިއަކަށްހުރެ އެހެން ފިރިހެނަކާ ގުޅުމެއް ބާއްވައިލިއިރަށް އަހަރެން މިވީ ގޮތެއް ފޮތެއް ނެތް އަންހެނަކަށެވެ. ކަލޭ އިންޞާފުގައި މިންއަޅަނީ ތިއަގޮތަށްދޯއެވެ. ކަލެއާއެކު ގުޅުން ހިންގީމާ ގޮތާފޮތާ ހުރެއެވެ. އެހެންމީހަކާއެކު ގުޅުން ހިނަގީމާ ގޮތާފޮތާ ނުހުންނަނީއެވެ."  

މިއީ އަޅުގަނޑު ބެލި ފިލްމެއްގައި ދެއްކިވާހަކައެވެ. މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ މިއީ މިއަދު އަޅުގަނޑުމެންގެތެރޭގައިވެސް އިންޞާފުގައި މިންއަޅާގޮތްކަމަށްވާތީ އެކަން ފާހަގަކޮށްލުމަށެވެ.  

ކައިވެނިކޮށްގެން ހުރެވެސް އެމީހަކު ހިލޭ މީހުންނާ ގުޅުން ހިންގާފައި އެއީ ރަނގަޅުކަމަކަށް ހަދައެވެ. ނަމަވެސް ބައިވެރިޔާއަށް ކަމެއް ކުރެވިއްޖެނަމަ އެކަންވަނީ ބޮޑުކުށަކަށެވެ. މިނުބައި ޘަޤާފަތް ބަދަލުކުރާނީ ކޮންދުވަހަކުންބާވައެވެ! ތިމާވެސް ތެދުވެރިވާންޖެހޭނެކަން ޤަބޫލުނުކުރަނީ ކީއްވެގެންބާވައެވެ؟  

އަޅުގަނޑުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެއްވެސް މީހަކު އެއްވެސް މީހަކާ ކައިވެނީގެ ބޭރުން، ޚާއްޞަކޮށް ކައިވެނިކޮށްގެން ހުރެ ބަދަލުހިފަން ނަމަވެސް ގުޅުންހިންގަން ހިތްވަރުދިނުމެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ ތެދުވެރިވުމަށް ބުނުމެވެ. ތިމާ ތެދުވެރިނޫން ޙާލުގައި އަނެކާ ތެދުވެރިނުވެގެން ޝަކުވާ ނުކުރަން ބުނުމެވެ.

 

- ފަރީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން