ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދުގައި ހެއްދުމަށް ހަމަޖެހިފައިވަނީ ފިޔާ، އަލުވި، ލޮނުމެދު، ތަރުކާރީ އަދި މޭވާ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދުގައި ހެއްދުމަށް ހަމަޖެހިފައިވަނީ ފިޔާ، އަލުވި، ލޮނުމެދު، ތަރުކާރީ އަދި މޭވާ: ވަޒީރު

ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި މި ސަރަޙައްދުގައި ހެއްދުމަށް ހަމަޖެހިފައިވަނީ ފިޔާ، އަލުވި، ލޮނުމެދު، ތަރުކާރީ އަދި މޭވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަނޑުވެރިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވާ ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވިީ މި ސަރަޙައްދުގައި ހައްދާނެ ތަކެތި ކަނޑައަޅައި، އޭގެ ސަބަބުން އިމްޕޯޓު މަދުކުރެވޭނެ މިންވަރު ދެނެގަނެވިފައިވާކަމަށެވެ. ހެއްދުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ފިޔާ، އަލުވި، ލޮނުމެދު، ތަރުކާރީ އަދި މޭވާ ހިމެނެއެވެ.

"މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިމްޕޯޓު މަދުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ބައެއް ބާވަތްތައް ރާއްޖޭގައި އުފެއްދުމަށްފަހު އިމްޕޯޓުކުރުން މުޅިން ހުއްޓާލެވޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ،" ޑރ. ރަމީލާ ވިދާޅުވިއެވެ.

މި މަޝްރޫޢު ހިންގުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދަނޑުވެރިކަމުގެ ބާވަތްތައް ޓެސްޓުކުރުމަށް ޤައުމީ ލެބޯޓްރީއެއް އެޅުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ކާބޯތަކެތީގެ އަމިއްލަ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މި މަޝްރޫޢުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން