ސީއެޗްއެސްއީގެ ދަރިވަރުންނަށް މާލޭގައި ތަޢުލީމު ޙާސިލުކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް ނިންމެވި މުހިއްމު ނިންމެވުމެއް: ތަޢުލީމީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ސީއެޗްއެސްއީގެ ދަރިވަރުންނަށް މާލޭގައި ތަޢުލީމު ޙާސިލުކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް ނިންމެވި މުހިއްމު ނިންމެވުމެއް: ތަޢުލީމީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާ އެއްގޮތަށް "ސީއެޗްއެސްއީ މާލެ" ހުޅުވާލުމަކީ ވަރަށް މުހިއްމު ނިންމެވުމެއް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މި ނިންމެވުމަކީ ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން، މާލެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ސަރުކާރުގެ "ދަރިވަރުންނާ ގާތުން ތަޢުލީމު ފޯރުކޮށްދިނުމުގެ" ސިޔާސަތުގެ ބައެއް ކަމަށެވެ. އަދި ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރުމުން ދިމާވި ދަތިތަކާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމަށްފަހު މި ނިންމުން ނިންމުނު ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މަސައްކަތް ކުރަނީ ތަޢުލީމީ ނިޒާމު އިތުރަށް ފުޅާކޮށް، އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް. މިގޮތުން އޭލެވެލްގެ ފުރުސަތު އިތުރު 800 އަށްވުރެ ގިނަ ދަރިވަރުންނަށް ލިބިގެން ދިޔަ," ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ނިންމުމުގެ ސަބަބުން ކުދިން މަގުމަތިވުމުން ދުރުވެ، ޤައުމު ބިނާކުރުމުގައި ބައިވެރިވާނެކަމަށް ވަޒީރު އުއްމީދު ފާޅުކުރެއްވިއެވެ. މި ނިންމުމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އައި މުހިއްމު ބަދަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ސީއެޗްއެސްއީ މާލެ ހުޅުވުމާއެކު، މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަކަމާއެކު މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި ނިންމުމަކީ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.

މިއަދު އޮންލައިން