ފެންނަ ފެނުމަށްބަލައި އެއްވެސް މީހަކާއިމެދު ގޮތް ނުނިންމާށެވެ! އަޅުގަނޑު ސަލާން ގޮވުމުން ބޮސް ޖަވާބުނުދޭ ސަބަބު އެނގުނު ދުވަހު ދެރަވެ ރޮވުނެވެ!

ކިޔުމަށް ހޭދަވާނީ 3މ 33ސ
ފެންނަ ފެނުމަށްބަލައި އެއްވެސް މީހަކާއިމެދު ގޮތް ނުނިންމާށެވެ! އަޅުގަނޑު ސަލާން ގޮވުމުން ބޮސް ޖަވާބުނުދޭ ސަބަބު އެނގުނު ދުވަހު ދެރަވެ ރޮވުނެވެ!

އުންމު ނަވާރު

މީގެ 30 ވަރަކަށް އަހަރު ކުރިން މުއްސަނދި އާއިލާއެއްގެ ސެކިއުރިޓީ ގާރޑް އަކަށް އަޅުގަނޑު މަސައްކަތް ކުރީމެވެ. އެގޭގައި ވަރަށް އާދަޔާ ހިލާފު ކަމެއް ހިނގަމުން އައެވެ. ގަވައިދުން ކޮންމެ ދުވަހަކުވެސް އަޅުގަނޑު ގޭޓް ދޮރާއި ކާރު ދޮރުފަތް އަޅުގަނޑުގެ ބޮސްއަށް ހުޅުވައިދީ ސަލާން ގޮވާ ހެދީމެވެ. އެކަމަކު ދުވަހަކުވެސް ސަލާމްގެ ރައްދެއް ބޮސް ނުދެއެވެ. 

އެގޭގައި ވަރަށް ގިނައިން ބޮޑެތި ހަފްލާތައް ބާއްވާ ހަދައެވެ. މިފަދަ ހަފްލާތައް ނިމޭއިރު ވަރަށް ގިނަ ކާއެއްޗެހި ބާކީވެފައި ހުރެއެވެ. އަލުގަނޑު އާއިލާއަކީ ވަރަށް ފަގީރު ބަޔަކަށްވާތީ ހަފްލާތަކުން ބާކީވާ ކާއެއްޗެހި ޕެކް ކޮށްގެން ގެޔަށް ގެންގޮސް ހެދީމެވެ. އެއްދުވަހަކު ބޮސްއަށް އަޅުގަނޑު ކާ ކޮޓަރި ބޭރުގައި ބަހައްޓާފައިވާ ކުނި ކޮތަޅުތައް ހާވާތަން ފެނުނެވެ. އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ބޮސް އެއްވެސް އެއްޗެއް ނުބުނެއެވެ.  

ޖެހިގެން އައި ދުވަހު ކުނި ކޮތަޅުތަކުގެ ކައިރީގައި ބަހައްޓާފައިވާ ތާޒާ ކާއެއްޗެހި ކޮތަޅެއް އަޅުގަނޑަށް ފެނުނެވެ. މާ ބޮޑު ވިސްނުމަކާ ނުލައި އެ ކޮތަޅު ނަގައިގެން އަޅުގަނޑު ގެއަށް ގެންދިޔައީމެވެ. އެދުވަހަށްފަހު ކޮންމެ ދުވަހަކު ކުނިކޮތަޅުތައް ކައިރީ ތާޒާ ކާއެއްޗެހި ކޮތަޅެއް ހުރެއެވެ. އޭގެން އަޅުގަނޑަށް އަޅުގަނޑު އާއިލާއަށް ކޮންމެ ދުވަހަކު ކާންދެވޭވަރުވެއެވެ.

އެއްދުވަހަކު އަޅުގަނޑަށް ލިބުނީ އަޅުގަނޑު ބޮސްގެ ކުއްލި މަރުގެ ހަބަރެވެ. ބޮސް ނިޔާވި ފަހުން ކުނިކޮތަޅުގެ ކައިރީގައި ބަހައްޓާފައި ހުންނަ ކާއެއްޗެހީގެ ކޮތަޅެއް ނުހުރެއެވެ. އަޅުގަނޑު ދެރަވެ ނާއުންމީދުވިއެވެ. އާއިލާއަށް ރަނގަޅު ކާއެއްޗެއް ހޯދުމަށް އަޅުގަނޑަށް އަނެއްކާ ދަތިވާންފެށިއެވެ. 

ހަދާނެ އިތުރު ގޮތެއް ނުވިސްނުމުން އަޅުގަނޑު، އަޅުގަނޑުގެ ބޮސްގެ އަންހެނުންގާތު އަގަނޑުގެ މުސާރަ ބޮޑުކޮށް ދިނުމަށް އެދުނީމެވެ. ބޮސްގެ އަންހެނުން ވަރަށް ހައިރާންވެފައ އަޅުގަނޑުގެ ގާތު ބުނީ ކުރިން މުސާރަ ބޮޑު ކޮށްދިނުމަށް ނޭދިހުރެފައި ކުއްލިއަކަށް މުސާރަ ބޮޑުކޮށް ދިނުމަށް އެދުނީ ކީއްވެކަށް ބުނެދިނުމަށެވެ. ވަރަށް ބަހަނާތައް ދެއްކުމަށްފަހު އެންމެ ފަހުން ކަންތައް ވީގޮތް އަޅުގަނޑު ކިޔައިދިނީމެވެ. 

ކުނި ކޮތަޅުތަކުގެ ކައިރީގައި ބަހައްޓާފައިވާ ތާޒާ ކާއެއްޗެހީގެ ކޮތަޅުގެ ވާހަކައެވެ. އޭގެން ކޮންމެ ދުވަހަކު އަޅުގަނޑު އާއިލައަށް ކާންދެވޭވަރުވާ ވާހަކައެވެ. ވީމާ އޭރު ލިބޭ މުސާރައިން ދެން ގޭގަ ހުންނަ ޚަރަދުތައް ކޮށްލެވެއެވެ. ބޮސްގެ އަންހެނުންގެ މޫނު މަތިން ހަމަ ޖެހުމުގެ އަސަރާއި ފަނޑު ހިނިތުންވުމެއް ފެނުނެވެ. 

ވަރަށް ހަމަޖެހިލާފައި ބޮސްގެ އަންހެނުން އަޅުގަނޑު ގާތު ބުނީ ބޮސް ނިޔާވި ދުވަހުން ފެށިގެން ކާއެއްޗެހީގެ ކޮތަޅު ނުހުންނަނީދޯއެވެ. އަޅުގަނޑަށް ކުއްލި ސިހުމެއް ވެރިވިއެވެ. ބޮސް އަންހެނުން ބުނީ އޭނާއަށް އަދި ވިސްނާލެވިފައި ނެތް ވާހަކައެކެވެ.   

ވީމާ ކޮންމެ ދުވަހަކު އަޅުގަނޑަށް ކާއެއްޗެހި މިދެނީ އަޅުގަނޑުގެ ބޮސްތާއޭ ހިތާ ހިތުން އަޅުގަނޑަށް ބުނެވުނެވެ. ބޮސް އަކީ ފެންނަ ފެނުމަށް އެހާ ހިތްހެޔޮ މީހެއް ވައްތަރުޖަހާ މީހެއް ނޫނެވެ. އަޅުގަނޑު ބޮސްއަކީ އެހާ ހިތްހެޔޮ މީހެއް ކަމުގައި ވެދާނެ ކަމަށް އަޅުގަނޑަށް ހީވެސް ނުކުރެވެއެވެ. 

ބޮސް އަންހެނުނަށް ރޮވުނެވެ. އަޅުގަނޑު އަވަސް އަވަހަށް މާފަށް އެދި މުސާރަ ބޮޑުކުރަށް އަޅުގަނޑު އެދިގެން ނުވާނެ ކަމަށް ބުނީމެވެ. ރޮވުނީ އަޅުގަނޑު މުސާރަ ބޮޑުކޮށްދޭ އެދިގެން ނޫން ކަމަށާއި މި ރޮވުނީ އަޅުގަނޑަކީ ބޮސް އެގޮތަށް ކާއެއްޗެހީގެ ކޮތަޅު ގަވައިދުންދޭ 7 ވަނަ މީހާ ކަމަށް ބޮސް އަންހެނުން ބުންޏެވެ. 

އެދުވަހަށްފަހު އަނެއްކާވެސް އަޅުގަނޑަށް ތާޒާ ކާއެއްޗެހީގެ ކޮތަޅު ލިބެންފެށިއެވެ. ކުރިއާއި ހިލާފަށް ކާއެއްޗެހީގެ ކޮތަޅު އަޅުގަނޑު ގެޔަށް ކޮންމެ ދުވަހަކު ގެނެސްދެނީ ބޮސްގެ ދަރިފުޅެވެ. އަޅުގަނޑު ޝުކުރު އަދާކުރުމުން، ބޮސްގެ ގޮތަށް ބޮސްގެ ދަރިފުޅުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. 

އެއްދުވަހަކު ކާއެއްޗެހީގެ ކޮތަޅު އަޅުގަނޑުގެ ގެއަށްލާފައި ބޮސް ދަރިފުޅު ދަނިކޮށް، ވީ އުފަލުން އަޅުގަނޑު ޝުކުރިއްޔާއޭ ބުނެ ވަރަށް ބާރަށް ގޮވާލީމެވެ. ބޮސް ދަރިފުޅު ހިނިތުންވުމުގެ މޫނަކާއިއެކު އަޅުގަނޑާއި ދިމާއަށް އެބުރެ ބުނީ އޭނާގެ ބައްޕަ ގޮތަށް އޭނާވެސް ކަންފަތަށް އަޑުއިވުމުގައި މައްސަލައެއް ހުންނަ ކަމުގައެވެ. އަޅުގަނޑަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސަލާން ގޮވުމުންވެސް ސަލާމުގެ ރައްދު ނުދޭތީ ބޮސް އާއިމެދު ނުބައިކޮށް ވިސްނުނީތީ އަޅުގަނޑު ދެރަވިއެވެ.

އަޅުގަނޑުމެން އަބަދުވެސް ހަދާން ބަހައްޓަށްވީ ފެންނަ ފެނުމަށް އަވަސް އަރުވާލާފައި މީހަކާ ދޭތެރެ ގޮތް ނުނިއްމުމަށެވެ.

 

- މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނު ވާހަކައެކެވެ.

މިއަދު އޮންލައިން