ޢިބްރަތްތެރި ވާހަކަ: އެކަނިވެރި މައަކަށް ކުރިމަތިވާނެ އެންމެ ދަތިޙާލުގަވެސް ﷲ އަށް ވަކީލުކޮށް ސާބިތުވުމުން ލެއްވެވި ރަޙްމަތުގެ ވާހަކަ- ކޮންމެ މީހަކަށްވެސް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 44ސ
ޢިބްރަތްތެރި ވާހަކަ: އެކަނިވެރި މައަކަށް ކުރިމަތިވާނެ އެންމެ ދަތިޙާލުގަވެސް ﷲ އަށް ވަކީލުކޮށް ސާބިތުވުމުން ލެއްވެވި ރަޙްމަތުގެ ވާހަކަ- ކޮންމެ މީހަކަށްވެސް އަގުހުރި ފިލާވަޅެއް!

އަޅުގަނޑުމެން ދެމަފިރިންނަކީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކައިވެންޏަށް 7 އަހަރުވީއިރު 2 ދަރިން ވަނީ ލިބިފައެވެ. އެއީ 5 އަހަރުގެ އަންހެންކުއްޖަކާއި 3 އަހަރުގެ ފިރިހެންކުއްޖެކެވެ. ދިރިއުޅެމުން އައީ އަޅުގަނޑުގެ މައިންބަފައިންގެ ގެއިން ލިބުނު ވަރަށް ކުޑަކުޑަ ތަންކޮޅެއްގައި ކޮޓަރިއެއް އަޅައިގެންނެވެ. ފިރިމީހާއަށް މަހަކު ލިބޭ މުސާރައިން ކޮންމެހެން ކުރަންޖެހޭ ބޭނުންތައްވެސް ފުއްދައިލެވެނީ ހަމަކިރިޔާއެވެ.  

ފައިސާގެ ގޮތުން ދަތިނަމަވެސް ދެމަފިރިން ދިރިއުޅުނީ ވަރަށް އުފަލުގައެވެ. ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. އޮފީހުން ގެއަށް އައުމަށްފަހު ބޭރަށްދާނަމަ އަޅުގަނޑު ގާތު ދާތަނެއް ބުނާނެއެވެ. ކުރަންދާކަމެއް ނިމޭއިރަށް އަވަހަށް ގެއަށް އަންނާނެއެވެ. ވީހައިގިނަ ވަޤުތެއް ޢާއިލާއާއިއެކު ހޭދަކުރަން މަސައްކަތްކުރާނެއެވެ.  

އެހެންވެ ވަރަށް އުފަލުގައި ޢާއިލާ ދިރިއުޅެމުންދަނިކޮށް ފިރިމީހާއަށް ސްޓްރޯކެއް ޖެހިފައި ހޭނާރައި 3 ދުވަހު އޮވެފައި ނިޔާވީއެވެ. އެދުވަހު އަޅުގަނޑަށްކުރި އަސަރު ބުނެދެވޭނެ އެއްވެސް ގޮތެއް ނުވިސްނެއެވެ. ނުވެސް ލިޔެވޭނެއެވެ. އަދި ދުލަކުންވެސް ހާމައެއް ނުކުރެވޭނެއެވެ. އިންސާނަކަށް ދިރިހުއްޓައި ލިބޭނެ އެންމެ ބޮޑު ހިތްދަތިކަން ލިބުނެވެ.  

ފިރިމީހާ ނިޔާވިއިރު އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އެންމެ ކުޑަމިނުން އަނެއްދުވަހު ކުދިން ސްކޫލަށް ފޮނުވޭނެފަދަވެސް ނެތެވެ. ފިރިމީހާ ހޮސްޕިޓަލުގައި އޮތްއިރު އެކިކަންކަމަށް ޚަރަދުކޮށް އަތްމަތިވަނީ އެކުގައި ހުސްވެފައެވެ.  

ޖަނާޒާ ނިމިގެން ބައެއް އެކުވެރިން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނެވެ. އެވަޤުތު އެހީތެރިވިނަމަވެސް އެއީ އަބަދު ލިބޭނެ އެހީތެރިކަމެއް ނޫންކަން ވިސްނި ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ނަމަވެސް ރިޒުޤަކީ ﷲ ތަޢާލާ ދެއްވަވާއެއްޗެއްކަން ޤަބޫލުކުރެވޭތީ ހުރީ ޝުކުރުކޮށްގެންނެވެ. ދެރަގޮތެއް އިރާދަނުކުރައްވަވާނެކަން ޔަޤީންކޮށްގެންނެވެ.  

އެއްވެސް މީހެއްގެ ގާތަކުން އެއްވެސް ކަމަކަށް ނުއެދެމެވެ. އަޅުކަންކުރުން ގިނަކުރީމެވެ. ދުޢާކުރުންވެސް ގިނަކުރީމެވެ. އެހެން ހުންނަތާ 10 ވަރަކަށްދުވަސްވީއިރު އަތުގައި ހުރި ފައިސާކޮޅު ހުސްވެއްޖެއެވެ. އަނެއްދުވަހު ކުދިންނަށް އިންޓޯލު ގަނެލަދެވޭވަރަށްވެސް އަތުގައި ފައިސާއެއް ނެތެވެ. 

އެއީ އެރޭގެ 9 ޖަހާއެހައިކަންހާއިރެވެ. ޢިޝާނަމާދަށްފަހު 2 ދަރިން ނިންދަވާފައި ކަސްރަތަށް ހިނގާލަން ނުކުތީމެވެ. ނުކުމެ ހިނގަމުން ގޮސް ވިލާ ކޮލެޖާއި ހަމައިން ތަންކޮޅެއް ބޮޑަށް ވަރުބަލިވާހެން ހީވާން ފެށުމުން ތޮށިގަނޑުމަތީގައި އިށީނދެލީމެވެ.  

އެހެން އިންދައި ހިނގަމުން އައި ފިރިހެނަކު ތަންކޮޅެއް ދުރުގައި އިށީނެވެ. ހީވަނީ އޭނާއަކީވެސް ކަސްރަތަށް ހިނގަން ނުކުމެ އުޅުނު މީހެއް ހެންނެވެ. އިރުކޮޅަކުން އޭނާ އަރިއަޅާލައިގެން ތޮށިގަނޑުމައްޗަށް ވެއްޓިއްޖެއެވެ. ބޯޖެހުނު އަޑުއިވުނު ގޮތުން ޤަޞްދުގައި އޮށޯތީ ނޫންކަން ޔަޤީންކުރެވުނެވެ. 

ބާރަށް ދުވެގޮސް ބަލއިލިއިރު ކަޅި ޙަރަކާތެއް ނުކުރެއެވެ. އުޅެނީ ނޭވާލާން އުނދަގޫވެގެންނެވެ. އެހެންވެ ވިސްނާލާފައި އޭނާގެ ޖީބުތަކުގައި އަތްޖައްސައިލީމެވެ. ލައިގެންހުރި ހަރުވާޅުގެ ޖީބެއްގައި ނޭފަތަށް ޖަހާ އިންހޭލަރފުޅިއެއް އޮތެވެ. އަވަސްއަވަހަށް ފުޅި ނަގައި ސްޕްރޭކޮށްލުމުން މަޑުމަޑުން ރަނގަޅުވަމުން އައިސް ރަނގަޅުވެއްޖެއެވެ.  

ހަމައަކަށް އެޅުމުން ފޯނެއްކުރީމާ ކާރެއް އަތުވެއްޖެއެވެ. އެއިރުވެސް އެހައި ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އެހެންވެ އޭނާގެ އެޑްރެސް ކާޑެއްދީފައި ބުނީ މާދަމާ ގުޅައިލުމަށެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ކާރަށް އަރައިގެން ދިއައީއެވެ.  

އަނެއްދުވަހު އަޅުގަނޑު އޭނާއަށް ގުޅީމެވެ. އެންމެ ބޮޑު ބޭނުމަކީ އޭނާގެ ޙާލުބަލައިލުމެވެ. ގުޅާލާފައި އަޅުގަނޑުކަމަށް ބުނުމުން ބުނީ އެވަޤުތު އުޅެނީ މަސައްކަތެއްގައިކަމަށާއި ނަމަވެސް ވާހަކަދައްކާލަން ބޭނުން ކަމަށެވެ. ކުރީރޭ ދެމީހުން ބައްދަލުވިތަނުގައި އެރޭވެސް ހަމަ އެވަޤުތު ބައްދަލުކޮށްލަން ބޭނުން ކަމަށެވެ.  

ދެމީހުން ބައްދަލުވުމުން އޭނާ އަޅުގަނޑުގެ ޙާލު އެހިއެވެ. އަޅުގަނޑުގެ ޙާލުތެދަށް ކިޔައިދިނީމެވެ. އަދި ތެދުކަން ޔަޤީންކުރަން ލޮލުން ދެކެލަން ބޭނުންނަމަ ގެއަށްގޮށްދިނުމަށްވެސް އެދުނީމެވެ. އޭނާ އަޅުގަނޑުގެ އެޑްރެސް އޮޅުންފިލުވާފައި ބުނީ މާދަމާ ޢަޞްރު ނަމާދުގެ ފަހުން ގެއަށްދާނެ ކަމަށެވެ. 

އޭނާ ގެއަށް އައިސް ކަންކަން ބެލުމަށްފަހު ބުނީ އޭނާގެ ފުރާނަ އެރޭ ސަލާމަތްވީ އަޅުގަނޑުގެ ސަބަބުންކަމަށްވުމުން ﷲ އެވަނީ ދެމީހުން ވަރަށް މަތިވެރިގުޅުމަކުން ގުޅުމަށް އިރާދަކުރައްވަވާފައި ކަމަށެވެ. އެހެންވެ އޭނާ އެއިރު ހުރި ރަޙްމަތުގައި ހުރިނަމަ ކޮންމެ މަހަކުވެސް އަޅުގަނޑަށް އެހީތެރިވާނެކަމަށެވެ. އިތުރަށް ކަމެއް ބޭނުންވިޔަސް މެސެޖްކޮށްލުމަށެވެ.  

ނުކުންނަމުން 2 ދަރިން ގާތުގައި ބުނީ އޭނާއަކީ 2 ކުދިންގެ މިހާރުގެ ބައްޕަކަމަށާއި ދެބެއިން ދެރަނުވެ ބަސްއަހައިގެން ކިޔެވުމަށެވެ. އެހެންބުނެފައި ނުކުމެގެންދިއަފަހަކުން ގެއަކަށް ނައުދެއެވެ. އެކަމަކު ހަމަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހު ފައިސާ ޖަމާކޮށްދެއެވެ.  

ﷲ ތަޢާލާ ލެއްވެވި ރަޙްމަތަށް ޝުކުރުވެރިވެގެން ގޭގައި އިނީއެވެ. ކުދިންގެ ކަންކަންކޮށްފައި އެހެން ކަމަކަށް އުޅޭނެ ވަޤުތެއްވެސް ނުވެއެވެ. ދެން ކައިވެނިކޮށްގެން ފިރިމީހާގެ ކިބައިން ކުރިން ލިބުނު ލޯބި ނުލިބިއްޖެނަމަ އިޙްޞާޞްކުރަންޖެހިދާނެ ހިތްދަތިކަމަށް ވިސްނޭތީ ދެވަނަ ކައިވެންޏެއް ކުރަން ނުވެސް ވިސްނަމެވެ.  

އެހެން އިންދައި ދޮށީދަރިފުޅު އޯލެވެލްހަދައި ނިމުނުތަނާ އެއްރޭ އޭނާ (އަޅުގަނޑަށް އެހީތެރިވާ މީހާ) އަޅުގަނޑު ހޯދަން ގެއަށް އައެވެ. ބުނީ ކެންސަރުބަލީގައި އަނބިމީހާ ނިޔާވެއްޖެ ކަމަށާއި އޭނާއަކީވެސް މިހާރު އަޅުގަނޑުފަދަ އެކަނިވެރިއެއް ކަމަށެވެ. ދާދި އެއް ޢުމުރެއްގެ 2 ދަރިންވެސް އެބަތިބިކަމަށެވެ.  

ދެން ބުނީ މިދިއަ ދުވަސްތަކުގައި އޭނާ އަޅުގަނޑާއި ބައްދަލުކުރަން ނައިނަމަވެސް އަޅުގަނޑު އުޅެމުން އައި ގޮތް ވަރަށް ގާތުން ބެލިކަމަށެވެ. އެއީ ފައިސާ ޚަރަދު މިކުރެވެނީ ރަނގަޅު އަންހެނަކަށްކަން ޔަޤީންކުރުމަށްޓަކައި ކަމަށެވެ. އަޅުގަނޑު ހިތްރުހޭނަމަ ދެމީހުން ކައިވެނިކުރަން ބޭނުން ކަމަށެވެ. "މިއީ އެއްވެސް ޙާލެއްގައި 3 މައިންނަށް ކުރި ޚަރަދުގެ ބަދަލެއް ނޫން. އަންތބަކު ހޯދަންޖެހުނީމާ ގޮތް އެނގޭ އަންހެނަކާއި ގުޅެން ބޭނުންވާތީ ހުށަހެޅި ހުށަހެޅުމެއް. މިކަމަށް ނުރުހުނަސް އިރާދަކުރެއްވިއްޔާ ކުރިން ބުނިގޮތަށް 3 މައިންނަށް އެހީތެރިވާނަން. ވީމާ ރުހޭނަމަ ރުހެންވީ އެއްވެސް ކަންބޮޑުވުމެއް ނެތި."  

އަޅުގަނޑަށް އުފަލުން ރޮވުނެވެ. އަދި އެއީ ކިތަންމެ ގޯސްކަމެއް ނަމަވެސް 2 ދަރިންގެ ކުރިމަތީގައި އޭނާގެ ގައިގައި ބައްދާލައި ކޮނޑުގައި ބޯއަޅާލެވުނެވެ. ނަމަވެސް އެއްވެސް ގޯސް ނިޔަތެއްގައެއް ނޫނެވެ. އޭނާ އަޅުގަނޑުމެންނަށް ފޯރުކޮށްދިން އެހީތެރިކަން ބޮޑުކަމާއި އެހައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން މީހަކަށް ޚިދުމަތެއް ކުރުމުގެ ފުރުޞަތު ލިބުނީތީއެވެ.  

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިކޮށް އޭނާގެ ގެއަށް އަޅުގަނޑުމެން 3 މައިން ގެންދިއައެވެ. ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އޭނާވެސްވީ ހަމަ ކުރީގެ ފިރިމީހާ ފަދަ ރަނގަޅު މީހަކަށެވެ. ދެވަނަ ކައިވެނީގައި މިހާރު 22 އަހަރުވީއެވެ. ޢުމުރުން 60 އަހަރަށްވުރެ މައްޗަށް ދިއައީއެވެ. ނަމަވެސް ދެމީހުންގެ ލޯބި އަދިވެސް ހަމަ ވަރަށް ޒުވާނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތެވެ. އިންސާނީ އެހީތެރިކަމަށް ބޭނުން ބޮޑުވެފައި އޮތް މީހަކަށް އެހީތެރިވުމާއި 10 އަހަރު އެކަނިވެރިމައެއްގެ ގޮތުގައި ﷲ ތަޢާލާއަށް ތެދުވެރިވުމުން ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކައެވެ. އެންމެ ބޮޑުކަންތައް އޮތީއެވެ. ނިކަމެތިކަން އެންމެ ބޮޑުވެ ކާނެ އެއްޗެއް ގޭގައި ނެތް ދުވަހުވެސް ވަކީލުކުރިކަމުގެ ނަތީޖާ ފެނުނު ގޮތްވެސް މެއެވެ. މާޔޫސްނުވެ ކުރި އަޅުކަމާއި ދުޢާގެ ނަތީޖާ ދެއްކެވި ގޮތްވެސްމެއެވެ.  

ދަތިޙާލުގައި އުޅެމުން އަންނަ އެކަނިވެރި މައިންނަށް އަދި އެންމެންނަށްވެސް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޙާމިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން