ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހަކާ ގުޅި އެއްލައިލި 2 ދަރިން ކުޑަކުދިންކަމުގަ ތިބެ އެންމެ ތަނަވަސް މީހުންނަށްވީ ދުވަހު މަންމައަށް ދަރިން ފެނުނީމާ ވީގޮތް- އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހަކާ ގުޅި އެއްލައިލި 2 ދަރިން ކުޑަކުދިންކަމުގަ ތިބެ އެންމެ ތަނަވަސް މީހުންނަށްވީ ދުވަހު މަންމައަށް ދަރިން ފެނުނީމާ ވީގޮތް- އަގުހުރި ފިލާވަޅެއް!

އެއީ ޢުމުރުން 12 އަހަރާއި 10 އަހަރުގެ 2 އަންހެންކުދިންނެވެ. އެކުދިން ވަރަށް ކުޑައިރު މަންމަ ވަނީ ތަނަވަސްމީހަކާއި ގުޅި 2 ދަރިންނާއި ފިރިމީހާ ދޫކޮށްލާފައި ގެއިން ނުކުމެގެން ގޮސްފައެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމައިގައި ބައްޕަވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކޮށް ގޮސްފައެވެ. 

ދޮށީ ކުއްޖާއަކީ ވަރަށް ތޫނުފިލި ކުއްޖެކެވެ. އޭނާ ޤަޞްދުކުރީ ދެބެއިންގެ މަސައްކަތުން ދުނިޔޭގައި އުޅޭށެވެ. ދެން އެހެން ގޮތެއް ނެތުމުން ނޫނީ ސަލާންޖަހަން ނުނުކުންނާށެވެ. 

ބައްޕަ މަރުވިއިރު ގޭގައިހުރީ ވަރަށް މަދުލާރިކޮޅެކެވެ. ވީމާ ދައްތަ ނިންމީ އެލާރިކޮޅުން ބޭނުންކޮށް ހުސްކޮށްލުމުގެ ބަދަލުގައި ފައިސާ އިތުރުކުރެވޭނެ ގޮތެއް ހޯދާށެވެ. އެހެންވެ ފައިސާކޮޅެއް ހިފައިގެންގޮސް އެޖެންޓެއްގެ އަތުން ލޮޓަރީ ޓިކެޓް ގަނެގެން މަގުމަތީގައި ވިއްކަން ހިނގަންފެށިއެވެ. އެ މަސައްކަތުން ކޮންމެ ދުވަހަކުވެސް ފައިސާކޮޅެއް ލިބެއެވެ. އަދި ކޮންމެ ދުވަހަކުވެސް 1 ޓިކެޓް އަމިއްލައަށް ގަނެއެވެ. އެއީ ނަޞީބް ދިމާވެދާނެ ކަމުގެ އުންމީދުގައެވެ. 

ޓިކެޓްވިއްކަން ހިނގަނިކޮށް އެއްދުވަހަކު މަގުމަތިން މަންމައާއި ބައްދަލުވެ ޓިކެޓެއް ގަނެފާނަންތޯ ސުވާލުކުރުމުން އެއީ އޭނާގެ ދެދަރިންކަން އެނގޭ ޙާލުގައިވެސް އަޅައިވެސް ނުލައި ދިއައީއެވެ. އެކަމާއި ދެބެއިން ވަރަށް ދެރަވިއެވެ. ރޮވުނެވެ. ނަމަވެސް ދެކުދިން ބައްދާލާފައި އެކަން އެއީ ނުވާކަމަކަށް ހަދާފައި ނިންމައިލީއެވެ. 

ޓިކެޓް ވިއްކަން މަގުމަތީގައި ހިނގި ދުވަހެކެވެ. އެންމެ ޓިކެޓެއްވެސް ނުވިކިގެން ވަރަށް ދެރަވެފައި ތިއްބާ ބައްދަލުވި މީހަކު އެކުދިންގެ އަތުގައި ހުރި ހުރިހާ ޓިކެޓް ގަތެވެ. އަދި ބުނީ އޭނާއަކީ ވަރަށް ބޮޑަށް ދަރަނިވެރިވެ ބަނގުރޫޓުވެފައިވާ މީހެއް ކަމަށެވެ. އުންމީދުކުރަނީ މިތަނުން ޓިކެޓެއް އޭނާއަށް ދިމާވެ ހެޔޮ ނަޞީބެއް ލިބިދާނެ ކަމަށެވެ. އޭނާ އެދެބެއިންގެ ކަންކަން އޮޅުންފިލުވިއެވެ. އެކުދިންނާއިއެކު ގެއަށް ގޮސް ގެވެސް ދަސްކުރިއެވެ. ފަހުން ބައްދަލުކުރަން އަންނާނެ ކަމަށް ބުނެފައި ދެބެއިންނަށް ހަދިޔާއަކަށްވެސް ފައިސާކޮޅެއް ދީފައި ދިއައީއެވެ. 

ހަފްތާއެއްވެސް ނުވަނީސް އެއްދުވަހު އިރުއޮއްސުނުތަނާ އެމީހާ އޭނާގެ އަނބިމީހާވެސް ގޮވައިގެން ގޮސް ދެބެއިންނާއި ބައްދަލުކޮށްފައި ބުނީ އެދެމަފިރިން މިއައީ ދެބެއިންގެ ބެލެނިވެރިކަމާއި ޙަވާލުވާން ކަމަށެވެ. ބޭނުންނަމަ އެމީހުންގެ ކުދިންނާއިއެކު އުޅެން އެގެއަށްވެސް ދެވިދާނެ ކަމަށާއި އަމިއްލަ ގޭގައިވެސް ތިބެވިދާނެ ކަމަށެވެ. 

ދެބެއިންގެ ހުރިހާ ކަންކަން ދެން ބަލަހައްޓާނީ އެދެމަފިރިންކަމަށެވެ. ސަބަބެއް ކަމަށް ބުނީ ކުރީ ދުވަހު ދެބެއިންގެ އަތުން ގަތް ޓިކެޓްތަކުން ޓިކެޓެއް ދިމާވެ ގިނަ ޢަދަދެއްގެ ފައިސާލިބުން ކަމަށެވެ. އޭނާގެ ހުރި ހުރިހާ ދަތިތަކެއް ފިލުން ކަމެވެ. 

އެދެމަފިރިން އެދެބެއިންގެ ބެލެނިވެރިކަމާއި ޙަވާލުވާން ރަސްމީ ގޮތުން ނިންމަންޖެހޭ ކަންކަން ފުރިހަމަކުރިތަނާހެން އެމަހުގެ ނަޞުބުވެރިއަކަށް ހުވުނީ ދެބެއިން ގަނެ އެއްކުރިތަނުން ޓިކެޓެކެވެ. އެހެންވެ ދެއިންނަށް ބޮޑު ތަނަވަސްކަމެއް ލިބުނެވެ. އެދެމަފިރިން ބުނީ ލިބުނު ފައިސާ އެކައުންޓަކަށް ޖަމާކޮށްފައި ބެހެއްޓުމަށެވެ. ދެބެއިންނަށް ކިޔަވައިދިނުމާއި އެހެން ހުރިހާ ޚަރަދުތަކެއްވެސް ކުރާނީ އެދެމަފިރިން ކަމަށެވެ. 

2 މިލިއަން ޑޮލަރުގެ ނަޞީބުވެރިންގެ ގޮތުގައި 2 ބެއިންގެ ފޮޓޯ ނޫސްތަކުގައި ޖެހުމުން އެތަން ފެނިގެން 2 ބެއިންގެ މަންމަ އައިސް ބޭނުންވީ 2 ބެއިން ގޮވައިގެން ގޭގައި އުޅޭށެވެ. ނަމަވެސް ދެބެއިން ދިން ޖަވާބު އެނގޭހެއްޔެވެ؟ "ތިއަ މަންމަ އަހަރެމެން އެއްލާލާފައި ދިއުމުން އެކަނިމާއެކަނި ވަރަށް ދަތިޙާލުގައި އަހަރެމެން ގެންގުޅުނީ ބައްޕައެވެ. އަހަރެމެންނަށް ސަލާން ނުޖަހައި އުޅެވުނީވެސް ބައްޕަ ދޫކޮށްފައި ދިއަ ފައިސާކޮޅުގެ ސަބަބުންނެވެ. މިގެއަކީވެސް ބައްޕަގެ ގެއެވެ. މިއަދު އަހަރެމެންނަށް މިނަޞީބު މިލިބުނީވެސް ބައްޕަގެ ފައިސާއިން ކުރި މަސައްކަތުންނެވެ. ނުހަނު ދަތިޙާލުގައި ތިއްބައި މަންމައަކާއި ބައްޕައަކު ލިބުނީ ކަލާނގެ ދެއްވެވުމުންނެވެ. އެކަމަށްވެސް މެދުވެރިވީ ހަމަ ބައްޕަގެ ފައިސާއިން ކުރި މަސައްކަތެވެ. 

ހުރިހާ ކަމަކަށްވުރެ ބޮޑު ކަމަކީ ބައްޕަ ދުނިޔެ ދޫކުރީ ތިއަ މަންމަ ކަންކަންކުރި ގޮތުން ލިބުނު ހިތްދަތިކަމުގައި ކަމެވެ. އެދުވަހު އަހަރެމެން ދެބެއިން ހުއްޓާނުލައި ރުއީ ކިތައް ގަޑިއިރުކަން އެނގޭހެއްޔެވެ؟ ވީމާ މިއަދު ތިއަ މަންމަ އާއި ގުޅިގެން އުޅޭނަމަ ބައްޕައަށް ކައްވަޅުގައިވެސް ނުއޮވެވޭނެއެވެ. ވީމާ މަންމަ ކުރިން އުޅުނުތަނުގައި އުފަލުގައި އުޅެންދާށެވެ." 

ދެބެއިންގެ ބެލެނިވެރިކަމާއި ޙަވާލުވެގެން ތިބި ދެމަފިރިންނަށް ވަރަށް އެއްޗެތިގޮވާފައި މަންމަ ނުކުމެގެން ދިއައީއެވެ. ދެބެއިންނަށްވެސް ވަރަށް އެއްޗެތި ގޮވިއެވެ. ނަމަވެސް ދެބެއިން އިތުރަށް އަނގައިންވެސް ނުބުނެ ތިބީއެވެ. 

އޭނާގެ ފިރިމީހާ ވަރިކޮށްލައި ގެއިން ނެރެލުމުން މިހާރު އުޅެނީ މަގުމަތީގައިކަމަށްބުނެ ގޭގައި ބަހައްޓައިދޭން އެދުމުންވެސް ދެބެއިން އަނގައަކުން ނުބުނެއެވެ. މަޑުންތިބީއެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ބޭނުންވީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ދަރިންކޮޅު އުކާލާފައި ތަނަވަސްކަމުގެ ފަހަތުންދާ މައިން ބަފައިންގެ ސަމާލުކަމަށް މިވާހަކަ ގެންނާށެވެ. 

އެދެބެއިން މަންމައަށް ކަންކަން އެކުރީ އެންމެ ރަނގަޅަށް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އެއީ ކުޑަކުދިންވީމާ އެންމެ ރަނގަޅަށް ކަންކަން ކުރަން ނުވިސްނޭނެކަން ޤަބޫލުކުރެވެއެވެ. އެކުދިންނާއިމެދު މަންމަ ކަންކަން ކުރި ގޮތުން އެކުދިންގެ ހިތުގައި މަންމަގެ މައްޗަށް އެއްވެސް ވަރަކަށް ލޯބި ނެތުމުން ކަންކަން މެދުވެރިވި ގޮތްކަމަށް ޤަބޫލުކުރެވެއެވެ. 

ކޮންމެއަކަސް މިވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް ހީކުރަމެވެ.

 

- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން