އަތްމަތި ދަތިވެ ކަންބޮޑުވާންޖެހޭ ޙާލަތުގަ ޙަރާމް ގޮތުގަ ފައިސާ ހޯދަމުން އައި އަންހެނަކު އެކަންކުރުން ހުއްޓާލުމުން ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަތްމަތި ދަތިވެ ކަންބޮޑުވާންޖެހޭ ޙާލަތުގަ ޙަރާމް ގޮތުގަ ފައިސާ ހޯދަމުން އައި އަންހެނަކު އެކަންކުރުން ހުއްޓާލުމުން ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-

އެއީ 2 ދަރިން ގޮވައިގެން އަމިއްލަ މަސައްކަތުން ދިރިއުޅޭ އެކަނިވެރިމައެކެވެ. ބައެއް މަސްމަހު ލިބޭވަރު މަދުވެ ކުއްޔާއި ބިލްތައް ދެއްކެން ނެތުމުން ގޯޅިއެޅެއެވެ. ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދައިގެން ބޭނުންކުރެވެއެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ ވަރަށް ދެރަވެއެވެ. ފާފަފުއްސެވުން އެދިގެން ދުޢާވެސް ކުރެއެވެ.   

އޭނާގެ ވާހަކަ އަޑުއަހާފައި ބުނީމެވެ. އަމިއްލަ މަސައްކަތުން ދިރިއުޅެން މަސައްކަތްކުރާކަން ވަރަށް ރަނގަޅެވެ. އެކަމަކު އަތްމަތި ދަތިވުމުން ކަންތައް ތިއަކުރެވެނީ ރަނގަޅަކަށް ނޫނެވެ. ޙަލާލު ގޮތުގައި ހޯދާ ފައިސާގެ ތެރެއަށް ޙަރާމް ގޮތުގައި ހޯދާ ކިތަންމެ މަދު ފައިސާކޮޅެއް އެއްކުރިނަމަވެސް އެހެދެނީ ބޮޑު ގޯހެކެވެ.  

ސަލާންޖަހަންޖެހިއްޖެނަމަ ސަލާންޖަހާށެވެ. ނަމަވެސް ހުންނަންވާނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެންނެވެ. ރޭއަޅުކަންކޮށް ދުޢާކުރަންވާނެއެވެ. އިން ޝާ ﷲ ތިބާއަށް މަގެއް ދައްކަވާނެތެވެ. އޭނާ އަހުރެންނާއި ވަކިވީ ކަރުނައަޅަމުންނެވެ.   

އެއިގެ 6 މަސްދުވަސް ފަހުން ބައްދަލުކުރިއެވެ. އޭނާބުނީ ދިން ނަބޭޙަތާއި އެއްގޮތަށް ޢަމަލުކުރަން ފެށުމުން ކުރާމަސައްކަތުން ލިބޭ އާމްދަނީ އިތުރުވެއްޖެ ކަމަށާއި އެއިގެ އިތުރުން ކައިވެނިކުރާނެ ހެޔޮލަފާ މީހަކު ލިބިއްޖެކަމަށެވެ. މިއައީ ކައިވެނީގެ ޙަފްލާއަށް ދަޢުވަތުދޭން ކަމަށެވެ.  

މިހުންނަނީ ހަމަ މިހާރުވެސް ފެންނަމުން އަންނަ ކަންކަމެވެ. ޢިބްރަތް ޙާޞިލުކުރަންވީ މިފަދަ ކަންކަމުންނެވެ. ދަތިޙާލުގައި އުޅެންޖެހުމުންވެސް ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ރޭއަޅުކަންކޮށް ދުޢާކުރަމުން ގެންދާ ކޮންމެ މީހަކަށްވެސް ދަތިޙާލުން އަރައިގަނެވޭނެ މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން