އަޅުގަނޑުގެ މަންމަ އަކީ ވަރަށް މީރުކޮށް ހެދިކާހަދާ އަންހެނެކެވެ. ހުޅުމާލޭގެ ސަރަހައްދެއްގައި ހެދިކާ ވިއްކާ ގާޑިޔަލެއްގައި މަންމަ ހަދާ ހެދިކާ ވިއްކައެވެ. މަންމައަށް ގާޑިޔަލަށް ނުދެވޭ ދުވަސްދުވަހު މަންމަގެ ބަދަލުގައި އެތަނަށް ގޮސް ހެދިކާ ވިއްކަން ތިބޭ އެހެން އަންހެނުންނާއިއެކުހުރެ އެމީހުންކުރާ މަސައްކަތުގައި ބައިވެރިވަމެވެ.
އެގާޑިޔަލަށް ކޮންމެ ދުވަހަކު ހެދިކާ ގަންނަން އަންނަ ޒުވާނަކު އަޅުގަނޑު އެކަނި ގާޑިޔަލުގައި ހުރި ވަޤުތެއްގައި އައުދެވުނު ދުވަހަކު ވިޔަފާރިކިހިނެއްތޯ؟ އެމަސައްކަތުން އެކަށީގެންވާ ޢާމްދަނީއެއް ލިބޭތޯ؟ ފަދަ ސުވާލުތަކެއް ކުރިއެވެ. އަޅުގަނޑުވެސް ޖަވާބުދީ އޭނާ އާއި ވާހަކަދެއްކީމެވެ.
އިރުކޮޅެއްވީތަނާ އެތަނަށް އައި އަންހެން ކުއްޖަކު އަޅުގަނޑަށް އެއްޗެތިގޮވަންފެށިއެވެ. ގާޑިޔަލަށް އެއްޗެއް ގަންނަން މީހަކު އަޔަސް ވާހަކަ ދައްކައި އަތުއަޅުވާލަން އުޅެނީކަމަށް ބުންޏެވެ. އަދި ކިރިޔާވެސް ތަނަވަސްކަމެއް ހުރިހެންހީވާ މީހަކު ފެންނައިރަށް ހޭބަލިވަނީކަމަށާއި އެއްފެންވަރުން ވިސްނުމަށް ބުނެ ވަރަށް ބޮޑަށް އަޅުގަނޑު ނިކަމެތިކޮށްލިއެވެ.
އެވަޤުތު އަޅުގަނޑަށް ރޮވުނެވެ. އަޅުގަނޑުމެންގެ ހުރި ނިކަމެތިކަން ވިސްނުނެވެ. ނަމަވެސް އޭނާ އަޅުގަނޑުގެ ބޮލުގައި އެއުޅެވީ ދޮގު އިލްޒާމްތަކަކަށްވުމުން އެފަދަ ބަސްތައް ބުނާ މީހުންނަށް ﷲ ޖަޒާ ދެއްވަވާނެކަން ވިސްނި ކެތްތެރިވީމެވެ. ރައްދުގައި އެންމެ ބަހެއްވެސް ނުބުނަމެވެ. ހިތަށް އެރިއެވެ. "އޭނާ އެހައިވަރަކަށް އެރުޅިއައީ އެޒުވާނާގެ އަތުން ފައިސާ ހޯދައިގެން އުޅޭތީތާއެވެ. އަހަރެމެން ފަޤީރުވެފައި ބައްޕަ ނިޔާވެފައިވީނަމަވެސް ރިޒްޤް މިހޯދަނީ ޙަލާލު މަސައްކަތުންނެވެ. ވީމާ އަހަރެންނަށްވުރެ އޭނާ މޮޅުކަމަށް އެދެކެނީ ކޮން ކަމަކުން މޮޅުވެގެން ހެއްޔެވެ؟"
އެއަންހެންކުއްޖާ އެޒުވާނާގެ އަތުގައި ހިފައި "ލޯބީ މިތަނުން ދާންހިނގާށޭ" ބުނިއިރު ޒުވާނާހުރީ އޭނާ ކަންތައްކުރި ގޮތުން ނުރުހިފައިކަން މޫނުމަތިން ފެނުނެވެ. އެކަން ޔަޤީންވީ ޒުވާނާގެ ވާހަކައިންނެވެ. ޒުވާނާ ބުނީ އޭނާ އެތަނުން ދިއުން ރަނގަޅުވާނެކަމަށެވެ. ޙަޤީޤަތް ނުބަލައި ފެންނަހާ މީހަކާއި ދިމާއަށް ނިކަމެތި ބަސްތައް ބުނާ މީހަކާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަމަށެވެ. އެހިސާބަށް ވާހަކަދިއަތަނާ ކަސްޓަމަރުން ގިނަވުމުން ދެމީހުން ދުރަށް ހިނގައްޖެއެވެ. އަޅުގަނޑުގެ މަސައްކަތުގައި އަޅުގަނޑު ހުރީއެވެ.
އެއީ މީގެ 5 އަހަރުވަރު ކުރިއެވެ. އެއީ އަޅުގަނޑު އޭލެވެލް ހެދި އަހަރެވެ. އަޅުގަނޑު އޭލެވެލް ނިންމައި ޑިގްރީއަށް ކިޔަވަންފެށިތަނާ އެޒުވާނާ އާއި އަޅުގަނޑާއި ބައްދަލުވިއެވެ. އޭނާ ބުނީ އޭނާއަކީ ހުޅުމާލޭގައި ފިހާރައެއް ހިންގާ ޒުވާނެއްކަމަށެވެ. އެދުވަހު އަޅުގަނޑަށް އެއްޗެތިގޮވީ އޭނާގެ އެއިރުގެ ލޯބިވެރިޔާ ކަމަށާއި ހަމައެދުވަހު އޭނާއާއި ވަކިވެއްޖައިން ކަމަށެވެ. އެއިގެ ފަހުން އަންހެންކުއްޖަކާއި ލޯބީގެގޮތުން ނުގުޅޭ ކަމަށާއި އަޅުގަނޑާއި ގުޅެން ބޭނުންވާ ކަމަށެވެ. އަޅުގަނޑު އެދުނީ ވިސްނާލަން ދުވަސްކޮޅެއް ދިނުމަށެވެ.
ގެއަށް ގޮސް މަންމަ ގާތުގައި އެވާހަކަ ކިޔައިދިނީމާ އޭނާ ކަމުދޭތޯ އެހުމުން އާނއެކޭ ބުނީމާ ބުނީ ލޯބިވެގެން އުޅޭނެ ކަމެއް ނެތްކަމަށާއި ރަށުތެރެއަށް ގިނަވުމުން އަބަދުވެސް ބަދުނާމުކުރާނީ އަންހެންކުދިން ކަމަށެވެ. ވީމާ ބޭނުންނަމަ ކައިވެނިކުރަން ބުނުމަށެވެ.
މަންމަގެ ޖަވާބުލިބުމުން ވިސްނާލަން ހުރެފައި އެއިގެ 2،3 ދުވަސްފަހުން ގުޅާފައި އަޅުގަނޑުގެ މަންމަ ބުނި ގޮތަށް ބުނީމެވެ. "އަޅުގަނޑުމެން ވަރަށް ކުޑައިރު ބައްޕަ ވަނީ ނިޔާވެފައެވެ. ވަރަށް ބުރަ މަސައްކަތުން ގެންގުޅެ ބޮޑުކުރީ މަންމައެވެ. ވީމާ އަޅުގަނޑަށް ޢަމަލުކުރެވޭނީ މަންމަ ބުނާ ގޮތަށެވެ."
އެހެން ބުނީމާ ހަމަ އެރޭ އެޒުވާނާ އަޅުގަނޑުމެން އުޅޭ ފްލެޓަށް އައިސް މަންމަ އާއި ވާހަކަދައްކައި ރުހުން ހޯދިއެވެ. މަންމަ ބުނީ އަހަރެމެންނަކީ ފަޤީރުން ކަމަށެވެ. އަދި ވަރަށް ދަތިޙާލުގައި ދަރިން ބަލައިބޮޑުކުރަން ޖެހުމުންވެސް ޢަބުރު ގެއްލުވާލާފައި ނުވާނެ ކަމަށެވެ. ދަރިން ބޮޑެތިކޮށްފައި ތިބޭނީ ﷲ ގެ މަގުގައި ކަމަށާއި ދަރިފުޅަށް ދެރައެއް ދީފައި މޮޅުވާނެކަމަށް ހީނުކުރުމަށެވެ. ޢުމުރު ދުވަހަށް ގެންގުޅޭނެނަމަ ކައިވެނި މިހާރުވެސް ކުރަންވީ ކަމަށެވެ."
ޒުވާނާ ނިންމީ ކައިވެނިކުރާށެވެ. ކައިވެނިކުރީއެވެ. ދެމީހުން އިރާދަކުރެއްވިއްޔާ އަދި ދިރިއުޅެމުން މިއަންނަނީ ވަރަށް ލޯބިންނެވެ. މީގެ ދުވަސްކޮޅެއް ކުރިން އެއްރޭ މަންމަގާތަށް ފްލެޓަށް ގޮސްފައި ގެއަށް އަންނަމުން ފިރިމީހާގެ ފިހާރައަށް ވަދެލިއިރު މާފެންވަރުމަތިވެގެން އެދުވަހު އަޅުގަނޑަށް އެއްޗެތި ގޮވި އަންހެނާ ފިހާރައަށް ގޮސްހުރީ ސޭލްސް ގާލެއްގެ ވަޒީފާ ހޯދަންވެގެންނެވެ. އަޅުގަނޑު ގޮސް ކައުންޓަރުތެރޭގައި ހުއްޓުމުން ދިއައީ ސިއްސައިގެންނެވެ. އޭނާ ފުރަތަމަ ހީކުރީ އަޅުގަނޑަކީވެސް މުވައްޒިފެއް ކަމަށެވެ. ނަމަވެސް ކައުންޓަރުގައި އިން އަޅުގަނޑުގެ ބޭބެ އަޅުގަނޑަށް އިޙްތިރާމްކުރުމުން އޭނާއަށް އެހެންގޮތަކަށް ވިސްނުނެވެ.
ކައުންތަރުމަތީގައި އެއިރު އޮތް އޭނާގެ ސީވީ ބަލާލާފައި އަޅުގަނޑު ބުނީމެވެ. "އޭނާއަށް ވަޒިފާ ހަމަޖައްސައިދޭށެވެ. އެންމެ ރަނގަޅު މީހުންނަކީ ކުރެވޭ ކުށް ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްކުރާ މީހުންނެވެ! ކަންކަން ވިސްނި އިޞްލާޙްވާން މަސައްކަތްކުރާ މީހުންނަށް ފުރުޞަތު ނުދީ ކަންކަން ރަނގަޅެއް ނުކުރެވޭނެއެވެ."
އަޅުގަނޑު ދެއްކި ވާހަކައިން ބޭބެ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އަޅުގަނޑު އިތުރަށް މަޑުނުކޮށް ހީނލާފައި ނުކުމެގެން އައީއެވެ. އަނެއް ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަންވެސް ބުނީމެވެ. ވަޒީފާއަށް މަރުޙަބާވެސް ކީމެވެ. ﷲ ދެއްވަވާ ނިޢްމަތަށް ފަޚުރުވެރިނުވެ ޝުކުރުވެރިވުމަކީ އެއީކަމަށްވާތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތަނަވަސް ލޯބިވެރިއަކު ލިބުނަސް އަދި ފިރިއަކު ލިބުނަސް ބޮޑާވެ ކިބުރުވެރިނުވާށެވެ. އެހެން މީހުންގެ ހިތުގައި ޖެހޭފަދަ ބަސްތައް ނުބުނާށެވެ. ކޮންމެ ވަގުތަކު ކޮންމެ މީހެއްގެ ކިބައިންވެސް އެހީތެރިކަމަށް އެދެންޖެހިދާނެއެވެ.
ހަމައެއާއިއެކު ބުނެލަން އޮތީ މަންމަ އަބަދުވެސް ބުނާ ވާހަކައެކެވެ. އެއީ މީހަކު ތިބާގެ ހިތުގައި ޖެހޭފަދަ ކަމެއް ކޮށްފައި އޮތަސް ބަދަލު ނުހިފާށެވެ. ބަދަލު ހިފުމަކީ ﷲ ގެ ޙަޟްރަތުގައި އެމީހާ ނިކަމެތިވެގެން ހިނގައިދާނެ ކަމެކެވެ. ބަދަލު ނުހިފީމާ ކުރާފައިދާ މާބޮޑުވާނެއެވެ.
- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް