ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މަރްޔަމް މާރިޔާގެ ބައްޕާފު މުޙައްމަދު މަނިކު (ކުވާ މޮހޮދޭ) މިއަދު ނިޔާވުމާ ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ތައުޒިޔާ މެސެޖްގައި ވިދާޅުވެފައިވަނީ މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، އަދި ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެއް ކަމަށެވެ. އަދި އޭނާއަކީ ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށާއި، ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އޭނާގެ މެސެޖްގައި މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެންނެވިއެވެ. އަދި މާތްﷲގެ ދީލަތިވަންތަ ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ދުޢާ ކުރެއްވިއެވެ.
މަރްޙޫމް މުޙައްމަދު ޔޫސުފަކީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާގެ ބައްޕާފުޅެވެ.
މަރްޙޫމްގެ ކަށު ނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.