ތިމާވެށީގެ ދާއިރާގައި ދުނިޔޭގައި ލީޑް ރޯލެއް އަދާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައިސް މިހެން ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، 2028 އާ ހަމައަށް އިއާދަކުރަނިވި ހަކަތަ 33% އަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތުކުރުމުގައި އިސް ޤައުމަކަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ތިމާވެށި ރައްކާތެރިކުރުމަކީ ތަރައްޤީގެ މުހިންމު ބައެއް. އަޅުގަނޑުމެން މިކަމަށް އިސްކަންދޭން ޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ހާމަކުރެއްވި ގޮތުގައި 100 މެގަވޯޓްގެ ސޯލާ ޕަވަރ އުފެއްދުމަށް އިންވެސްޓަރަކަށް ފުރުސަތު ދެވިފައިވެއެވެ. އަދި އަންނަ އަހަރު ނިމޭއިރު ހުރިހާ ސްކޫލެއް ފިނިކުރުމަށް ސޯލާ ޕެނަލް ބޭނުންކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް ތިމާވެށީގެ ދާއިރާގައި ދުނިޔޭގައި އިސް ދައުރެއް އަދާކުރެވޭނެ ކަމަށް ރައީސް އުންމީދު ފާޅުކުރެއްވިއެވެ.