ސަރުކާރުން ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން ތަޢާރަފުކޮށްފައިވާ ލޯނު ސްކީމުގެ ދަށުން މިހާތަނަށް 37 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މި ލޯނު ސްކީމުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދަކީ 30 މިލިއަން ރުފިޔާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މި ލޯނަކީ ރަހުނު ބަހައްޓަން ނުޖެހޭ، 10 އަހަރުގެ މުއްދަތަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެހިފައިވާ ލޯނެކެވެ. އަދި މި ލޯނުގެ ދަށުން ކޮންމެ ފަރާތަކަށްވެސް 7 ލައްކަ ރުފިޔާއާ ހަމައަށް ލިބޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި މި ލޯނަށް އެދި މިހާތަނަށް 121 ފަރާތަކުން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 62 ފަރާތެއްގެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އައުމާއެކު ފަރުމަހުގެ ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މި ލޯނު ސްކީމަކީ ފަރުމަސްވެރިންނަށް ލިބުނު އެންމެ ފަހި ފުރުސަތު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މި ލޯނު ސްކީމަކީ ފަރުމަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.