ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އެރުއްވި ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް ޚާއްސަކުރަނީ 3 ނޮވެންބަރު 1988 ގައި އޭނާގެ ކޮމާންޑުކަމުގެ ދަށުން ނުކުންނެވި ސިފައިންނަށް ކަމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
މޫސާ އަލީ ޖަލީލް ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 3 ނޮވެންބަރު 1988 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅިގެން ކުރި ހަނގުރާމާގައި އޭނާގެ ކޮމާންޑުކަމުގެ ދަށުން މާލެ މަގުމައްޗަށް ޕެޓްރޯލްކުރަން ހިތްވަރުގަދަ ސިފައިންތަކެއް ނުކުންނެވި ކަމަށެވެ.
މޫސާ އަލީ ޖަލީލަށް މި ޢިއްޒަތް އެރުވީ އޭނާ ތިރީސް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ކޮށްދެއްވި ޚިދުމަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި ޢިއްޒަތް އެރުވި ކަމަށްޓަކައި މޫސާ އަލީ ޖަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫނަށް ޝުކުރު ދަންނަވާފައެވެ.
އަދި 3 ނޮވެންބަރު 1988 ގައި ދެއްވި ހިތްވަރަށްޓަކައި އޭރު ސިފައިންގޭގައި މަސައްކަތްކުރެއްވި އިސްވެރިންނަށާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމަށްވެސް މޫސާ އަލީ ޖަލީލް ވަނީ ޝުކުރު ދަންނަވާފައެވެ.
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތަކީ ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތެކެވެ. މި ޢިއްޒަތް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލަށް އެރުވީ ނަސްރުދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.