އޭ330-200 ވައިޑް-ބޮޑީ މަތިންދާބޯޓު މިއަހަރު ރާއްޖެ ގެނެވޭނެ: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އޭ330-200 ވައިޑް-ބޮޑީ މަތިންދާބޯޓު މިއަހަރު ރާއްޖެ ގެނެވޭނެ: ވަޒީރު އަމީން

ދިވެހި ސަރުކާރުން ގަތުމަށް ނިންމާފައިވާ އެއަރބަސް އޭ330-200 ވައިޑް-ބޮޑީ މަތިންދާބޯޓު މިއަހަރުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށާއި، މި ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން ވަރަށް އަވަހަށް މަސައްކަތް ފަށައިގަތް ކަމަށެވެ. އެގޮތުން މިދިޔަ 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ފެށި، މިހާރު އެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ބޯޓުގެ ރިފަރބިޝްމަންޓް މަސައްކަތް ވަނީ ނިމިފައި. ދެން ކުރިއަށް އޮތީ ލިވަރީ ޕެއިންޓިންގގެ މަސައްކަތް. އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ," ވަޒީރު އަމީން ވިދާޅުވިއެވެ.

މި ބޯޓު ރާއްޖެއަށް ލިބުމުން ޗައިނާ އަދި ޔޫރަޕަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓެއް ގަތުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ބޯޓު ރާއްޖެއަށް ލިބުމުން ދުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ޤާބިލުކަން ރާއްޖެއަށް ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.                     

މިއަދު އޮންލައިން