ކަށުކަމާކެމީގެ ސަނަދު ދޫކުރުމަށް އައު އުސޫލެއް އިސްލާމީ މިނިސްޓްރީން ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކަށުކަމާކެމީގެ ސަނަދު ދޫކުރުމަށް އައު އުސޫލެއް އިސްލާމީ މިނިސްޓްރީން ތަޢާރަފުކޮށްފި

ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށް އިތުރު ކޯހަކާ ނުލައި ކަށުކަމާކެމީގެ ސަނަދު ދޫކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ނިންމައިފިއެވެ.

މި ނިންމުމަކީ ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރާނެ މީހުންގެ ދަތިކަން ޙައްލުކުރުމަށް އަޅާ ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި އައު އުސޫލުގެ ދަށުން، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ނުވަތަ ދިވެހި ސަރުކާރުން ޤަބޫލުކުރާ އެހެން މަތީ ތަޢުލީމުދޭ މަރުކަޒަކުން ވަކި ދާއިރާތަކަކުން ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އިތުރު އިމްތިޙާނަކާ ނުލައި ކަށުކަމާކެމީގެ ސަނަދު ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ބެޗްލަރ އޮފް އިމާމުޝިޕް، ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް، ޑިޕްލޮމާ އޮފް އިމާމުޝިޕް، އެޑްވާންސް ސެޓްފިކެޓް ފޯ އިމާމްޝިޕް، ސެޓްފިކެޓް 3 ފޯ އިމާމްޝިޕް، އަދި ސެޓްފިކެޓް 3 އިން ޖަނާޒާ ފަދަ ކޯސްތަކެވެ.

މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ އިސްވެ ބަޔާންކުރެވުނު ކޯސްތަކުގައި ކަށުކަމާކެމީގެ މަޢުލޫމާތާއި ޖަނާޒާއާ ބެހޭ ޢިލްމީ މާއްދާތަކުގެ ނަޒަރީ އަދި ޢަމަލީ ބައިތައް ހިމެނިފައިވާތީއެވެ.

މި ފިޔަވަޅަކީ ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރާނެ ފަރާތްތަކުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދުމަށް އަޅާ ފިޔަވަޅެއްކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

                 

މިއަދު އޮންލައިން