މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިތަކުގައި ހަރުކުރުމަށް 13 ފަރާތަކަށް ލޯނު ދޫކޮށްފިއެވެ. މި ލޯނު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަޝްރޫޢަށް ޖުމްލަ 148 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، ސަރުކާރުން ލޯނުގެ ޖުމްލަ އަގުގެ 35% ދައްކައިދޭނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ. މި ލޯނު ސްކީމަށް އެދުމަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހުއެވެ.
މަސްވެރިންނަށް އަމާޒުކޮށްގެން ތަޢާރަފުކޮށްފައިވާ މި ލޯނު ސްކީމަކީ މީގެ ކުރިން ނެތް ގިނަ ލުއިތަކާއެކު ތަޢާރަފުކޮށްފައިވާ ސްކީމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. މި ލޯނު ސްކީމްގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިތަކުގައި ހަރުކުރުމުން، މަސް ބާނާ ވަގުތުން ފެށިގެން މަހުގެ ފެންވަރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން މަސްވެރިންނަށް ދުރު ސަރަޙައްދުތަކަށް ގޮސް މަސްވެރިކަން ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.