ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދިވެހި އުފެއްދުންތައް ތުރުކީއަށް ބޭރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މުޅި ރާއްޖެއަށް އިސްލާމިކް ބޭންކުގެ ޚިދުމަތް ފުޅާކުރުން އިފްތިތާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތަކަށް ބޭރު މާކެޓް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"މި އެއްބަސްވުމަކީ ޔޫރަޕް މާކެޓާ ދިވެހި ވިޔަފާރިތައް ގުޅުވައިދޭ ފާލަމެއް. މީގެ ސަބަބުން 90 މިލިއަން މީހުންގެ މާކެޓަކަށް ވަދެވުނު," ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި އެއްބަސްވުމަށް ވާސިލުވުމަށް 9 މަސްދުވަހުގެ މުއްދަތެއް ނެގިކަމަށް ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ދަށުން 38 ބާވަތެއްގެ މުދާ ޑިއުޓީ ނުދައްކާ ތުރުކީއަށް ބޭރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ ދިވެހި އުފެއްދުންތަކަށް އައު މާކެޓެއް ހުޅުވި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިތުރު އެއްބަސްވުންތަކަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.