މާލޭގެ ހެންވޭރު ސަރަހައްދުގައި ހިންގަމުންދިޔަ ސެލޫނަކުން ފަސް މީހަކު ފުލުހުން ހައްޔަރުކޮށްއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ހެންވޭރު ގެއެއްގައި ހިންގަމުންދިޔަ "ސަރާ ސެލޫން އެންޑް ސްޕާ" އަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކުރުމަށްފަހު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
ހައްޔަރުކުރެވުނު ފަސް މީހުންގެ ތެރޭގައި ހިމެނެނީ އެއް ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ހަތަރު އަންހެނުންނެވެ. އެއީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި އެހެން ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީއަކު ރާއްޖެ ނާދެވޭގޮތަށް އިމިގްރޭޝަނުން ވަނީ ޑިޕޯޓުކޮށްފައެވެ. އަދި އިތުރު 3 ބިދޭސީއަކު ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ މަހުގެ ތެރޭގައި މިފަދަ 5 މައްސަލައަކާ ގުޅިގެން ބިދޭސީ 7 އަންހެނުންނާއި އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ 2 ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.