ހިޔާ 9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގައި ދިވެހި ޒުވާނެއް ރަހީނުކޮށްފައިވާކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކުރެވުނު މައްސަލައެއްގައި ފުލުހުންގޮސް އެ އެޕާޓްމަންޓްގެ ދޮރު ވައްޓާލައި 12 މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ އެޕާޓްމަންޓަށް ވަދެ، ރަހީނުކުރެވުނު ޒުވާނާ ސަލާމަތްކޮށްފައެވެ.
ފުލުހުން އެޕާޓްމަންޓަށް ވަދެފައިވަނީ ރަހީނުކުރެވުނު ޒުވާނާގެ ބޯ ބާލައި، އިނގިލި ބުރިކޮށްލަން ތައްޔާރުވަމުންދަނިކޮށެވެ. މީގެ އިތުރުން، އެތަނުން ގެއްލުންދިނުމަށް ބޭނުންކުރާ ތަކެއްޗާއި މަސްތުވާތަކެތި ބޭނުންކުރާކަމަށް ބެލެވޭ ތަކެތިވެސް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ އުމުރާއި ޖިންސުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ރަހީނުކުރެވުނު ޒުވާނާގެ ޙާލަތާ ބެހޭ މަޢުލޫމާތުވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ފަރާތުން ބުނެފައިވަނީ މިހާރު މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށެވެ.
ފުލުހުން އެޕާޓްމަންޓަށް ވަދެ ރަހީނުކުރި މީހާ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދިޔައިރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އެތަނަށް ވަޑައިގެން ފުލުހުންނަށްވަނީ ހިތްވަރުދެއްވާފައެވެ.
މައުލޫމާތާއި ފޮޓޯ: ޕީއެސްއެމް