ޢިބްރަތްތެރި ވާހަކަ: އެންމެ ނިކަމެތިޙާލުގަ ހުރެގެންވެސް މަގުމަތިވެފައިހުރި އެކަނިވެރި މައަކަށް ﷲ އަށްޓަކާ އެހީތެރިވި އަންހެނަކަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ނިކަމެތިޙާލުގަ ހުރެގެންވެސް މަގުމަތިވެފައިހުރި އެކަނިވެރި މައަކަށް ﷲ އަށްޓަކާ އެހީތެރިވި އަންހެނަކަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ!

އެއީ އެކަނިވެރިމައެކެވެ. ވަރަށް ފަޤީރު އަންހެނެކެވެ. ދަރިފުޅަށް ދޭނެ ކިރުކޮޅެއް ގޭގައި ނެތިގެން އަތުގައި ހުރިހާ ވަކިލާރިކޮޅު ހިފައިގެން ކަންމަތީ ފިހާރައަށް ގޮސް އެންމެ ކުޑަ ސައިޒުގެ ކިރުދަޅެއް ގަނެގެން ނުކުމެ ހިނގައިގަތްތަނާ ތުއްތު ކުއްޖަކު އުރައިގެން ފިހާރަދޮރުމަތީގައި ހުރި އަންހެނަކާއި ބައްދަލުވިއެވެ.  

ސުވާލުކޮށްލުމުން ބުނީ ފިރިމީހާ އޭނާ ވަރިކޮށްލާފައި ގެއިން ނެރެލީމާ ދާނެ ތަނެއް ނެތިގެން އެނބުރެނީ ކަމަށާއި ދަރިފުޅު މިހާރު އޮތީ ވަރަށް ބޮޑަށް ބަނޑުހައިވެފައިކަމަށެވެ. ކިރުދަޅު ގަތް ފަޤީރު އަންހެން މީހާ އޭނާ ގާތުގައި ބުނީ އޭނާ އާއިއެކު އެގެއަށް ދިއުމަށެވެ.  

ގއެއްކަމަށް ބުނިނަމަވެސް އެއީ ކުޑަކުޑަ ކޮޓރިއެއް ކަހަލަ ތަނެކެވެ. ބަދިގެވެސް ހުންނަނީ ކޮޓަރިތެރޭގައެވެ. އަންހެންމީހާ ބުނީ މިއީ އޭނާގެ މައިންބަފައިންގެ ގެއިން ލިބިފައިވާ ކޮޓަރިއެއް ކަމަށެވެ. ދަރިން ގިނަކަމުން ކޮންމެ ދަރިއަކަށްވެސް ލިބުނީ ކޮޓަރިއެއްގެ ބޮޑުމިން ކަމަށެވެ. އޭނާއަށް މަގެއް ފެންނަންދެން އެތަނުގައި އިނދެވިދާނެކަމަށެވެ. އޭނާގެ އަތުގައިވެސް އެއްވެސް ފައިސާއެއް ނެތްކަމަށާއި ރިޒުޤަށް އެދި ދެމީހުންވެސް ދުޢާކުރާނީ ކަމަށެވެ.  

ވަރަށް ދަތިޙާލުގައި ދެ އަންހެނުން 2 ދަރިން ގޮވައިގެން އެތަނުގައި ތިބޭތާ 3 މަސް ފަހުން  ގެއެއްގައި ގެންގުޅޭ އަންހެނެއްގެ ވަޒީފާ ލިބިގެން އޭނާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ދިއައިރު ދެއަންހެނުންގެ މެދުގައި ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. އެހިސާބުން އަނެއްކާވެސް އެކަނިވެރިކަންމަތީގައި ދަތިޙާލުގައި ދަރިފުޅު ގޮވައިގެން ދިރިއުޅުނީއެވެ. ކާއެތިކޮޅު ހޯދަނީ އަވަށްޓެރިންނަށް މަސައްކަތްކޮށްދީގެންނެވެ.  

އަންހެން މީހާ އެކޮޓަރިން ދިއަތާ 2 ވަނަ މަހު ކޮޓަރިއަށް ގޮސް އެއަންހެން މީހާ އާއި ބައްދަލުކޮށްފައި ބުންޏެވެ. "އަހަރެންނާއިއެކު އަހަރެމެންގެ ގެއަށް ހިނގާށެވެ. އަހަރެންދިއަ ގޭގެ ވެރިމީހާއަކީ އަނބިހާ ނިޔާވެ އެކަނިހުރި މީހެކެވެ. އަހަރެމެން ދެމީހުން މިހާރު ކައިވެނިކޮށްފީމެވެ. އަހުރެން ތިބާ މިގެންދަނީ ނޯކަރެއްގެ ގޮތަކު ނޫނެވެ. އުޚުތެއްގެ ގޮތުގައި އިންނާށެވެ. އަހަރެންނަށް އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވި ދުވަހު ކަލޭ ފޯރުކޮށްދިން އެހީތެރިކަމުގެ އަގު އަބަދުވެސް ވަޒަންކުރާނަމެވެ. ފިރިމީހާއަކީ އެހައި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ފުދިގެން އުޅޭ ވަރަށް ރަނގަޅު މީހެކެވެ. އަހަރެން ކަލޭ ބަލައި މިއައީ ފިރިމީހާގެ ގާތުން ހުއްދަވެސް ހޯދައިގެންނެވެ."  

އެގެއަށް ދިއުމުން ދަތިނުވެ ކާންބޯން ލިބޭނެތީ ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އެގެއަށް ދިއައީއެވެ. ދެއަންހެނުން އުޚުތުންގެ ގޮތުގައި އެގޭގައި އުޅޭތާ 2 އަހަރުވީފަހުން އެގެއަށް ގޮސްއުޅުނު މީހަކު ޝައުޤުވެރިވެ އެގެއަށް ގެންދެވުނު އަންހެން މީހާއާއި ކައިވެނިކޮށް އޭނާގެ ގެއަށް ގެންދިއައީއެވެ. 

މިހާރު އެއިގެ ފަހުން 10 އަހަރުވީއެވެ. ދެއަންހެނުން 2 ގެއަށް ބަދަލުވީނަމަވެސް މިއަދާއި ހަމައަށްވެސް 2 އަންހެނުން ދިރިއުޅެމުން އަންނަނީ ހަމަ އުޚުތުންގެ ގޮތުގައެވެ. އެންމެ ގާތް ދެ ރަހްމަތްތެރިންގެ ގޮތުގައެވެ. 2 އަންހެނުން ވެސް ދިރިއުޅެމުން އަންނަނީ ހަމަ ފުދުންތެރިކަމާއިއެކުގައެވެ.   

މި2 އަންހެނުންނަކީ ވެސް އަޅުގަނޑުގެ ވަރަށް ގާތް 2 އެކުވެރިންނެވެ. އެމީހުންގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތުގެ ވާހަކަ އެކިފަހަރުމަތިން އަޅުގަނޑަށް ކިޔައިދީފިއެވެ. މި2 އަނހެނުންގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ދަތިޙާލުގައި އުޅެމުންވެސް ތިމާއަށްވުރެ ދަތިޙާލުގައި ތިބޭ މީހުންނަށް އެހީތެރިވުމުން ކުރާ ފައިދާގެ ވާހަކަ ބަޔާންކުރުމަށެވެ.  

ގިނައިން އަޑުއިވޭނީ އެންމެ ގާތް އެކުވެރިޔާ ލަނޑުދޭ ވާހަކައެވެ. އެކަން އެގޮތަށް ކުރާ ބައަކު އުޅުނަސް އަނެކާ ކޮށްދޭ ކަންކަމުގެ އަގުވަޒަންކުރާ ބައަކުވެސް އުޅޭކަން މިވާހަކައިން އެނގިގެންދެއެވެ. އަޅުގަނޑު ބުނާނީ ތިމާކޮށްދޭ ކަންކަމުގެ އަގު އަނެކާ ވަޒަންކުރާނެތޯ ނުކުރާނެތޯ ނުވިސްނާށެވެ. ދަތިޙާލުގައިވާ މީހާއަށް އެހީތެރިވެދޭށެވެ! އެކަމުގެ އަގު ހަމަޔަޤީނުންވެސް މާތް ﷲ ވަޒަންކުރައްވަވާނެތެވެ. އެއިރުން އެނިމުނީ ނޫންހެއްޔެވެ؟

 

- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން