ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދާ ލޮލުގެ ފަރުވާދިނުމުގެ ކޭމްޕްގައި ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމަކުން 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފިއެވެ.
މި އަހަރުގެ ކޭމްޕް ފެށުނީ މެއި 5 ވަނަ ދުވަހުއެވެ. ކޭމްޕް ހިނގަމުންދާ ދުވަސްވަރު ސިއްޙަތު ވަޒީރާއި، ޗައިނާގެ އެމްބެސެޑަރ އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ވަނީ ކޭމްޕަށް ޒިޔާރަތްކުރައްވާފައެވެ.
މި ކޭމްޕަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވެމުން އަންނަ ކޭމްޕެކެވެ. ވުޒާރާއިން ހާމަކުރި ގޮތުގައި މިހާތަނަށް މި ކޭމްޕްގެ ޚިދުމަތް 5،000 އަށްވުރެ ގިނަ މީހުންނަށް ލިބިފައިވާއިރު، 600 އަށްވުރެ ގިނަ ސާޖަރީ ހަދާފައިވެއެވެ.
މި ކޭމްޕަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޗައިނާއިން ދެމުންގެންދާ އެހީތެރިކަމުގެ ތެރެއިން ބާއްވާ ކޭމްޕެކެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ލޮލުގެ ފަރުވާ ލިބުމުގެ ފުރުޞަތު ލިބިގެންދާކަން ފާހަގަކުރެވެއެވެ.