ޢިބްރަތްތެރި ވާހަކަ: ދަރިއަކު ނުލިބިގެން މާޔޫސްވެފަ ހުރެގެންވެސް ﷲ އަށް ބިރުވެތިވެ އަނބިމީހާއަށް ވަފާތެރިވުމުން ލިބުނު ބޮޑު ރަޙުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ޢިބްރަތްތެރި ވާހަކަ: ދަރިއަކު ނުލިބިގެން މާޔޫސްވެފަ ހުރެގެންވެސް ﷲ އަށް ބިރުވެތިވެ އަނބިމީހާއަށް ވަފާތެރިވުމުން ލިބުނު ބޮޑު ރަޙުމަތުގެ ވާހަކަ-

ލޯބީގެ ގޮތުން ގުޅެވި އަޅުގަނޑަށް ކައިވެނިކުރެވުނީ ގެދޮރުހުރި ތަނަވަސް އަންހެނަކާއިއެވެ. ކައިވެންޏަށް 6 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. ޑޮކްޓަރުން ބުނަނީ ދަރިއަކު ހޯދެން އޮތް ހަމައެކަނި ގޮތަކީ މިޒަމާނުގައި އެކަމަށް ބޭނުންކުރާ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކަމަށެވެ.

އެކަމަށް ކުރަންޖެހޭ ޚަރަދަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އަނބިމީހާ އުފުލަންޖެހޭ ތަކްލީފަކީ ވަރަށް ބޮޑު ތަކްލީފެކެވެ. އެހެންވެ އެކަމަށް ދެމީހުން ދިއައީ ވިސްނަމުންނެވެ. ކަމުގެ ތަޖުރިބާކާރުންނާއި ވާހަކަދައްކައި މަޢްލޫމާތު އެއްކޮށް އަދި މަޝްވަރާތައްވެސް ކުރަމުންނެވެ.

ހުރިހާ ކަންކަން ޕްލޭންކޮށް ނިންމައި ބެންކޮކަށް ފުރާނެ ތާރީޚްވެސް ކަނޑައަޅާފައިވަނިކޮށް ގޭގައި ގެންގުޅެން ވަރަށް ރީތި އަންހެންކުއްޖަކު ގެނެސްފިއެވެ. އޭނާ ގެނައީ އަނބިމީހާއެވެ. އޭނާ ހެދުން އަޅައި އުޅެނީވެސް ފިރިހެނުންގެ ހިތް ދަމައިގަނެވޭނެ ގޮތް ގޮތަށެވެ. ކުރިމަތީގައި މަސައްކަތްކުރަން ގުދުވެ ތެދުވެ ހަދަނީވެސް އެކަމުން ބަލަން ތިބޭ ފިރިހެނުންނަށް ވަރަށް އުނދަގޫވާނެ ގޮތްގޮތަށެވެ.

އެހެންވެ އެކަންކަން ހުއްޓުވައި އެކަށީގެންވާ ރަނގަޅުގޮތަކަށް ހެދުންލައި އަދި އޭނާގެ ޢަމަލުތައްވެސް އިޞްލާޙްކުރުވަން އަނބިމީހާ ގާތު ވާހަކަ ދެއްކި ދުވަހު އަނބިމީހާ ބުނީ ކުއްލި ދަތުރެއްގައި ދައްތަ ގާތަށް މެލޭސިޔާއަށް އެރޭ ފުރަންޖެހިއްޖެކަމަށެވެ. އެހެންވެ އެކަންކަމުގެ ވާހަކަ އިތުރަށް ދެއްކޭނެ ގޮތެއް ނުވިއެވެ.

އަނބިމީހާ އެރޭ ފުރައިގެންދިއައީއެވެ. ގޭގައި އަހަރެމެން ދެމީހުން އެކަނިވީއެވެ. އެހިސާބުން އޭނާގެ ޢަމަލުތައް ކުރިއަށްވުރެވެސް ކުރިއަށް ޖައްސައިލިއެވެ. 2،3 ދުވަސްވީއިރު މާކުރިއަށް ޖައްސާލައިފިއެވެ. އެންމެފަހުން އެހެން ގޮތެއް ނެތިގެން އަނބިމީހާއަށް ގުޅައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމާވެސް ބުނީ ބަލައިގެން އުޅުމަށެވެ. މާލެ އައިސް ކަންކަން ހަމަޖައްސާނެ ކަމަށެވެ.

ހަފްތާއެއް ފާއިތުވެގެންދިއައިރު އޮބިއޮންނަވަރެއް ނޫނެވެ. ކޮޓަރިއަށް ވަންނައިރަށް ފަހަތުން ކޮޓަރިއަށްވެސް ވަންނަނީއެވެ. ބުނަނީ މިވެނިއެވެނިކަމެއް ކުރަންވެގެންކަމަށެވެ. މައްސަލައަކީ ކޮޓަރީގައި އަޅުގަނޑު ނުއުޅޭ ވަޤުތުތަކުގައި އެކަންކަން ނުކުރާކަމެވެ.

އަނބިމީހާ ފުރިތާ 10 ވަނަ ދުވަހަކީ ހުކުރު ދުވަހެކެވެ. ހެނދުނު ސައިބޯން އިށީންވަގުތުންފެށިގެން އޭނާގެ ވަރުގަދަ ޙަމަލާތައް އަމާޒުވާން ފަށައިފިއެވެ. ސައިބޮއި ނިމިގެން ގޮސް ސޯފާގައި އިށީނދެ ލެޕްޓޮޕް ހުޅުވައިލިތަނާ އައިސް ޖެހިގެން އިށީނދެއްޖެއެވެ. ގައިގައި ކޭތެން ފަށައިފިއެވެ. ތެދުވަން ބުނީމަ އެކަމެއްވެސް ނުކުރިއެވެ.

އެންމެފަހުން އަޅުގަނޑު ތެދުވެއްޖައީމެވެ. ބުނީމެވެ. "އަނބިމީހާ އެނބުރި އައިމަ އަންނަން މިހާރު މިގެއިންދާށެވެ." ނުދާން ބަހަނާތައް ދައްކަން ފެށީމާ ކޮށްޕާފައި ކަހަލަ ގޮތަކަށް ފޮށްޓާއިއެކު ބޭރުކޮށްލާފައި ތަޅުލާން އުޅެނިކޮށް ބުންޏެވެ. "ޙަޤީޤަތް އަދި އެނގޭނެއެވެ. ނުއެނގެނީސް އަހަރެންނަކީ އަޚްލާޤެއް ނެތް އަންހެނަކަށް ހަދައިގެން ވާހަކަ ނުދައްކާނެ ކަމަށް ހީކުރަމެވެ." ޖަވާބުގައި "އަޚްލާޤް ހުރިވަރު ފެނިއްޖެ" ކަމަށް ބުނަން ހިތަށް އެރިއެވެ. ނަމަވެސް މާގިނަ ވާހަކަދައްކަންޖެހިދާނެތީ އަނގައަކުން ނުބުނަމެވެ.

އަނެއްރޭ އަނބިމީހާ އައުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމާ ބުންޏެވެ. "ކިޔައިދޭންޖެހޭ އެއްވެސް ކަމެއް މިގެއަކު ނުހިނގައެވެ. ކަލެއަށް ނުއެނގުނެއްކަމަކު އަހަރެން ފުރީ ސީކްރެޓް ކެމެރާ ހަރުކޮށް ބޭރުގައި ހުރެގެން ކަންކަން ބެލޭނެ ގޮތް ހަދައިގެންނެވެ. ކުޅުނު ފިލްމު ބަރާބަރަށް ބެލީމެވެ.

ބުނަން ހެއްޔެވެ؟ އެއީ ގޯސްކުއްޖެއް ނޫނެވެ. އަހަރެންގެ ވަރަށް ގާތް އެކުވެރި ކުއްޖެކެވެ. އޭނާއަށް ވަރަށް އާދޭސްކޮށްގެން މިކުރިކަމަކީ އެހައި ބޮޑެތި ތަކްލީފްތައް އުފުލައިގެން ލިބޭތޯ މަސައްކަތްކުރަން މިއުޅޭ ދަރިފުޅުގެ ބައްޕަގެ ތެދުވެރިކަމާއި އަހަރެންދެކެ ލޯބިވާވަރު އިމްތިޙާންކޮށްލީއެވެ. އިމްތިޙާނުން ކިތަންމެ ރަނގަޅަކަށްވެސް ފާސްވެއްޖެއެވެ. ބެންކޮކަށް އަވަހަށް ފުރަންވީއެވެ. ޔަޤީންކުރަނީ ދުވަހަކުވެސް ބަދަލުނުވާނެ ކަމަށެވެ."

ބުނާނެއެއްޗެއްވެސް ނުއެނގި ތަލިން ކުޅުހިކިފައި އެތައް އިރަކު އަނބިމީހާއަށް ބަލަހައްޓައިގެން ހުރެފައި ބުނެވުނެވެ. "ޝައިޠޯނާ ހާދަހާގިނަ ވަސްވާސްތަކެއް ދިނެވެ. މިފެނުނީ ޤަވާއިދުން ޛިކުރުކުރާކަމުގެ ފައިދާއެވެ. އެހެން ނޫންނަމަ އަތުންފައިން ގޯސް ނުހެދިނުދާނެއެވެ. އެކަމަކު ރަނގަޅީ ދެން މިބާވަތުގެ އިމްތިޙާންތައް ނުކުރިއްޔާއެވެ." އެހެންބުނެވުނުތަނާ އުފަލުން ރޮވިއްޖެއެވެ. ރޮމުންގޮސް އަނބިމީހާގެ ގައިގައި އޮޅުލައިގަނެވުނެވެ.

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. ޤަބޫލުކުރަން އެންމެ އުނދަގޫވާނެ ވާހަކައެވެ. ފުރަންވެގެން އެންމެ ފަހުގެ ތައްޔާރީތައްވުމުގެ ގޮތުން ބައެއް ޓެސްޓްތައް ހަދާލަން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ސްކޭންކޮށްފައި ބުނީ އަނބިމީހާ އިނީ ބަލިވެ ކަމަށާއި 2 މަސްފުރެނީ ކަމަށެވެ.

މިއަދުނޫހުގެ ކިޔުންތެރިން ނިކަން ބުނެބަލާށެވެ! މިވީ ކިހިނެއް ހެއްޔެވެ؟ ޢަޖައިބުވެ އަންތަރީސްނުވާނީ ކާކުހެއްޔެވެ؟ ކޮންމެއަކަސް ކައިވެންޏަށް މިހާރު 11 އަހަރެވެ. 2 ދަރިން ވަނީ ލިބިފައެވެ. ވިހެއީވެސް ނޯމަލްޑެލިވަރީގައެވެ. ބަލިވެ އިނދެ ކަންބޮޑުވާންޖެހޭ ކަމެއްވެސް ދިމައެއް ނުވެއެވެ.

ނިންމާލަމުން ބުނަންއޮތީ ތެދުވެރިވާންޖެހޭނީ ހަމައެކަނި އަނބިންކަމަށް ހީނުކުރާށެވެ. ތެދުވެރިވުމަކީ ދެމީހުންނަށްވެސް ކުރަންޖެހޭނެ ކަމެކެވެ. ތެދުވެރިވާންވެސް މަގުފަހިވާނީ ތަޤްވާވެރިވެ ޝައިޠޯނާއަށް ކައިރިނުވެވޭނެ ގޮތަށް ދިރިއުޅުމުންނެވެ. ﷲ އަށް ޙަމްދުކުރާޙާލު ބުނެލަންޖެހެނީ ހުރިހާ ތައްރީފެއް ޙައްޤުވަނީ ބައްޕައަކާއި ނުލައި އަޅުގަނޑު ތަރުބިއްޔަތުކުރި މަންމައަށެވެ.

 

- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

މިއަދު އޮންލައިން