އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 60 އަންހެން ވިޔަފާރިވެރިންނަށް "ފަށާ މަދަދު" ލޯނު ދޫކުރުމަށް ނިންމައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ 14 ހަފްތާގެ މަގުޗާޓުގެ ދަށުން ތަޢާރަފުކުރެވުނު ސްކީމެކެވެ.
މި ލޯނު އަމާޒުކުރެވިފައިވަނީ އާންމު ބޭންކިންގ ނިޒާމުން މާލީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށެވެ. ލޯނުގެ ގޮތުގައި 500,000 ރުފިޔާއާ ހަމައަށް 6% އިންޓްރެސްޓް ރޭޓެއްގައި ދޫކުރެވޭނެއެވެ. އަދި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 7 އަހަރުގެ މުއްދަތަށް ބަހާލެވިގެން ދައްކާ ގޮތަށް ހަމަޖެހިފައިވެއެވެ.
މި ސްކީމްގެ ދަށުން ޖުމްލަ 14 މިލިއަން ރުފިޔާ 16 އަތޮޅަކަށް ނިސްބަތްވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އެސްޑީއެފްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ސްކީމާއެކު އަންހެނުންނަށް ދޫކުރެވޭ ލޯނުތައް އިތުރުވާނެއެވެ.
މި ލޯނު ސްކީމަކީ އަންހެނުންގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މިފަދަ ފުރުޞަތުތަކުން ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ.