ރާއްޖޭގައި ބާނާ މަހުގެ 95% އަށްވުރެ ބޮޑު އިންސައްތައެއް ދަޅަށް ނުވަތަ ޕައުޗަށް ނުވަތަ ވެލިއު އެޑްކޮށްގެން ބޭރުކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފާހަގަކުރައްވަމުންނެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް ވެލިއު އެޑްކޮށްގެން ބޭރުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު 2000 ޓަނުގެ މަސް މިފްކޯއިން ލޭންޑްކޮށް ބޭރުކުރާކަމުގައިވާނަމަ މިއަދު އަޅުގަނޑުމެންނަށް މިލިބެނީ ގާތްގަނޑަކަށް ރަނގަޅު އަހަރެއްގައި 90 ނުވަތަ 95 މިލިއަނެއްހައި ޑޮލަރު," ވަޒީރު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ މި ދަންނަވާ ފެސިލިޓީތައް ޤާއިމްކޮށްގެން ކެޕޭސިޓީ އިތުރުކޮށްގެން ދިވެހިރާއްޖެއިން ބޭރުކުރާ މަހަށް އަގުއެއްކޮށްގެން ބޮޑު އިންސައްތައެއް ނޫނިއްޔާމުން ހުރިހައި މަހެއް ރާއްޖޭގައި އަގު އެއްކޮށްގެން ބޭރުކުރާކަމުގައި ވާނަމަ އަޅުގަނޑުމެންނަށް މި އާމްދަނީ ޓްރިޕަލްކުރެވޭނެ. 2 ގުނައަށްވުރެ ބޮޑު ކުރެވޭނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ."
ސަރުކާރުގެ އަމާޒަކީ 5 އަހަރުތެރޭ މަސް ރައްކާކުރެވޭ ކެޕޭސިޓީ 25,000 ޓަނަށް އިތުރުކޮށް، އިތުރު ކާރުޚާނާތައް އެޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ފ. ނިލަންދޫގައި 1500 ޓަނުގެ މަސް ރައްކާކުރެވޭ ސްޓޯރޭޖަކާއި 50 ޓަނު ޕްރޮސެސް ކުރެވޭ ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ޤައުމީ އިޤްތިޞާދަށް ފައިދާވާނެ ކަމަށް ބެލެވެއެވެ.