ޢިބްރަތްތެރި ވާހަކަ: "ގިނަ ކައިވެނިކުރަންޖެހޭތީ ލަދެއް ނުގަނޭ! ގިނަ ކައިވެނިކުރަންޖެހެނީ ވަރިކުރާތީ! ވަރިކުރާއިރަށް އިން ޝާ ﷲ ކައިވެނިކުރާނަން!: ޒަރީނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
ޢިބްރަތްތެރި ވާހަކަ: "ގިނަ ކައިވެނިކުރަންޖެހޭތީ ލަދެއް ނުގަނޭ! ގިނަ ކައިވެނިކުރަންޖެހެނީ ވަރިކުރާތީ! ވަރިކުރާއިރަށް އިން ޝާ ﷲ ކައިވެނިކުރާނަން!: ޒަރީނާ

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ދޫކޮށްލާފައި ދިއައީ ބަނޑަށް 5 މަހުގައެވެ. އެހެންވީމާ ބުނަންޖެހޭނީ ދެމައިން ދޫކޮށްލާފައި ދިއައީ ކަމަށެވެ. ފިރިމީހާ އެގޮތަށް ކަންކަން ކުރުމުން ކޮންމެވެސްވަރެއްގެ އުނދަގޫތަކެއްވިއެވެ. އެކަން އެހައި ބޮޑު ކަމަކަށްނުވީ ކިތަންމެ ގިނަ ދުވަހު ލޯބިވެގެން އުޅެފައި އަދި ކިތަންމެ ގިނަ ހުވާތަކެއް ކޮށްފައި ކައިވެނިކުރި ނަމަވެސް އެމީހާއަށް އުފާވެރިކަން އިތުރުވާނެ މަގެއް ފެނިއްޖެނަމަ ވަޢުދުތައް އުވާލައި ފުރަގަސްދިނުމަކީ ޢާންމުކަމެއްކަމަށް އަބަދުވެސް ޤަބޫލުކޮށްގެން ހުންނާތީއެވެ.  

ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުން ގޮސް ވިހައި ގަދަވުމުން ދެވަނަ ކައިވެނިކުރީމެވެ. ކައިވެނީގެ ކުރިން އޭނާ ބުނަމުން އައީ އަޅުގަނޑުގެ ދަރިއަކު އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި އޭނާއަށްވެސް ދަރިއަކު ވިހައިދިނުމުން އޭނާ ހުންނާނީ އުފަލުން ކަމަށެވެ.  

ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެވާހަކަތައް ބަދަލުވެއްޖެއެވެ. އަޅުގަނޑުގެ ދަރިފުޅަކީ މައްސަލައަކަސްވެއްޖެއެވެ. އޭނާއަށް ދަރިއަކު ލިބުން ލަސްވުމަކީ މައްސަލައަކަށް ވެއްޖެއެވެ. އަބަދުހެން ކުރާ ޝަކުވާއަކީ އޭނާއަށް ދަރިއަކު ނުލިބުމުގެ ޝަކުވާއެވެ.  

އެފަދަ ޙާލެއްގައި އުޅެނިކޮށް ކައިވެނީގެ 3 ވަނަ އަހަރު ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ. އަޅުގަނޑު އުންމީދުކުރީ އެހިސާބުން އޭނާ ހުންނާނީ ވަރަށް އުފަލުން ކަމަށެވެ. ދެމީހުންނަށް އެކުގައި ޢުމުރަށް ދިރިއުޅެވޭނެ ކަމަށެވެ.  

ނަމަވެސް ކަންތައް ދިމާވީ އެހެންނަކުން ނޫނެވެ. އެވަރުން ނުލިބިގެން އުޅުނު ދަރިފުޅު ވިހަންވާއިރަށް ފުރައިގެން އިންޑިއާއަށް ހިނގައްޖެއެވެ. ދިއަތާ މަހެއްހައިދުވަސްވެސް ނުވަނީސް ލިބުނީ ވަރިކުރި ކަމުގެ މެސެޖެކެވެ. އެއިރު ބަނޑަށް 8 މަހެވެ. އެހެންވީމާ އަޅުގަނޑުވީ ލިބުނު 2 ދަރިންވެސް ދުނިޔެއަށް އުފަންވާންވާއިރަށް އެކަނިވެރިވާންޖެހޭ އަންހެނަކަށެވެ. 

އެވަރުންވެސް އުންމީދު ކަނޑައެއް ނުލަމެވެ. މާޔޫސްވެސް ނުވަމެވެ. ނިންމައިގެން ހުރީ ވިހައިގަދަވުމަށްފަހު ކައިވެނިކުރާނެ މީހަކު ލިބޭއިރަށް ކައިވެނިކުރާށެވެ. 2 ފިރިންވެސް އެގޮތަށް ކަންތައްކުރީތީ ކަރުއެލުވާލައިގެން ހުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫނެވެ.  

ބައެއް މީހުން ބުނެއެވެ. "ގިނަ ކައިވެނިކުރަންޖެހުނީމާ އަގުވެއްޓޭނެއެވެ." އަޅުގަނޑުގެ ޖަވާބަކީ ގިނައިން ވަރިކުރަންޏާ ގިނަ ކައިވެނިކުރަން ޖެހޭނެއެވެ. އެމީހާ ހުރީ ރަނގަޅު ގޮތުގައިނަމަ އެކަން އެމީހަކަށް އެނގޭނެއެވެ. ވީމާ އެހެންބައަކު ބުނެފާނެ ބަހަކަށް ބިރުގަންނާކަށް އަދި ލަދުގަންނާކަށްވެސް ނުޖެހޭނެއެވެ.  

ކޮންމެއަކަސް 2 ވަނަ ދަރިފުޅަށް 6 މަހުގައި ކައިވެނިކޮށްފީމެވެ. އޭނާ އަޅުގަނޑާއި ވާހަކަދައްކަން އައީވެސް 4 އަހަރުގެ އަންހެންދަރިއަކު ގޮވައިގެންނެވެ. އެދުނީވެސް ކައިވެނިކޮށް އެދަރިފުޅުގެ މަންމައަކަށްވެދިނުމަށެވެ. އަޅުގަނޑު އެދުނީ އަޅުގަނޑުގެ 2 ދަރިންގެ ބައްޕައަކަށްވެދިނުމަށެވެ.  

ތެދަށްބުނާނަމަ އޭނާގެ މާޒީވެސް އެހެންކަމެއް ހޯދާކަށްވެސް ނުއުޅެމެވެ. އަޅުގަނޑު އޭނާގެ ގައިގައި މިންއެޅީ ފުރަތަމަވެސް ކައިވެންޏަށް އެދުމުންނާއި ކައިވެންޏަށް އެދެންވެސް ދަރިފުޅު ގޮވައިގެން އައުމުންނެވެ. އަޅުގަނޑު ބެލީ އެކަންކަން އެހެން ކުރާނީ ރަނގަޅު މީހެއްވީމާ ކަމަށެވެ.  

އަޅުގަނޑަކީ 4 މުވައްޒިފުންނާއިއެކު ފަހާތަނެއް ހިންގާ އަންހެނަކީމެވެ. ކައިވެނީގެ ވާހަކަ ދައްކަން އައީވެސް ފަހާތަނަށެވެ. އޭނާ ދިއުމުން އެކުވެރި މުވައްޒިފުން އަޅުގަނޑު އެހައިފަސޭހައިން އެއްބަސްވީ ކީއްވެގެންތޯ ސުވާލުވެސް ކުރިއެވެ. އަޅުގަނޑު ބުނީމެވެ. "މިނިންމުމަކު ގޯހެއް ނެތެވެ. ލޯބިވެގެން ނުއުޅެ، ނުބައިކަމެއް ނުކޮށް ކައިވެނިކުރީމާ ދެންވާނީ ވާންހުރި ގޮތެކެވެ. ބޮޑުވަރަކަށް ވަރިވާންޖެހޭނީ ނޫންހެއްޔެވެ؟ ނޫނީ ވަރިކުރާނީ ނޫންހެއްޔެވެ؟ ކުރިންވެސް ދެކައިވެނި ރޫޅިއްޖެނޫންހެއްޔެވެ؟ 3 ވަނަ ކައިވެނި ރޫޅިއްޖެނަމަ އޮންނާނީ 4 ވަނަ ކައިވެނި ކުރުން ނޫންހެއްޔެވެ؟ ބޮޑުދައިތަވެސް 7 މީހުންނާ ކައިވެނިކުރިއެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ 3 ވަނަ ކައިވެނީގައި 18 އަހަރުވެއްޖެއެވެ. އަހަރެމެން ދެމަފިރިންނަށްވުރެ ވަކިން އުފަލުގައި އެއްވެސް ދެމަފިރިއަކަށް ދިރިއުޅެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ފިރިމީހާއަކީ ތަޤްވާވެރިކަމުގައި ނަމޫނާ މީހެކެވެ. އެނގޭހެއްޔެވެ؟ މިހާރުވެސް ބޯނެ ފެންތަށްޓެއް ދިއްކޮށްލި ނަމަވެސް ފެންބުއިމުގެކުރިން "ޝުކުރިއްޔާ" ބުނާނެއެވެ.  

އަޅުގަނޑުގެ ހަޔާތުގެ މިވާހަކަ މިކިޔައިދިނީ ފިރިން ވަރިކޮށްލާފައި ދިއުމުން ބައެއް އަންހެނުން ރަޖާލާތީ އެފަދަ ކަނބަލުންނަށް ހިތްވަރުދޭށެވެ. ރަޖާ ލަނީ ހީކެރުވީމާ ނޫންހެއްޔެވެ؟ އުދާސްކޮށްލާއިރަށް ރަޖާ ނަގަމެއް ނޫންހެއްޔެވެ؟ އަހަރެމެން އަންހެނުންވެސް ވިސްނަންވީ އެގޮތަށެވެ. ކައިވެނިކުރެވުމާއިއެކު ރަޖާލާންވާނެއެވެ. ކައިވެނި ރޫޅޭއިރަށް ރަޖާނަގަންވާނެއެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ ބުރުގާ ނަގާވާހަކައެއް ނޫނެވެ. ހިތްވަރުކޮށްފައި ތެދުވެ އައު ޙަޔާތެއް ފަށަން މަސައްކަތްކުރަންޖެހޭނެ ވާހަކައެވެ. ނަމަނަމަ ބުރުގާ ނުނަގާށެވެ. އުފާވެރި ކާމިޔާބު ދިރއުޅުމެއް ލިބޭނީ ﷲ ގެ ރުހިވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ.  

މިއީ އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާގެ ޢަލީގައި އަޅުގަނޑުގެ ވިސްނުމެވެ. އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ކޮންމެވެސް ބައަކަށް އަޅުގަނޑުގެ ވިސްނުން ކަމުދާނެ ކަމަށެވެ.  

- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން