އެއީ ތަނަވަސް ޢާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. މައިންބަފައިން ނިޔާވިއިރު ސިޓީގެ އެންމެ މަޝްހޫރު އެއް ކުންފުންޏަކީ އޭނާގެ މައިންބަފައިންގެ ކުންފުންޏެކެވެ. އެހެންކަމުން ކުންފުނި އެކުގައި ވާރުތަވީ އޭނާއަށެވެ.
އޭނާ އާއި ކައިވެނިކުރަން ބޭނުން ނުވާ މީހަކު ނެތޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ހަމައެކަނި ތަނަވަސްކަމަށްޓަކައެއްވެސް ނޫނެވެ. ރީތިވެސްކަމުންނެވެ. އެހެންވެ ކޮންމެ ދުވަހަކު ތަނަވަސް މީހުންނާއި ބާރާއި ނުފޫޒުހުރި އެތައް ބައަކު އޭނާއަށް ހުށަހެޅުންތައް ހުށަހަޅައެވެ.
އޭނާގެ ނިންމުން މުޅިން ތަފާތެވެ. ކައިވެނިކުރަން ބޭނުންވީ އޭނާގެ ކުންފުނީގައި މަސައްކަތްކުރާ ކޮންމެވެސް މުވައްޒިފަކާއިއެވެ. އެއީ ވިޔަފާރީގެ ފުރިހަމަ ކޮންޓްރޯލް އޭނާގެ އަތުގައި ބޭއްވުމުގެ ބޭނުމުގައެވެ. ދެން ބޭނުންވީ ތެދުވެރިއަކާއި ކައިވެނިކުރުމަށެވެ. އެއީ ތެދުވެރިކަން ނެތް މީހަކު ހުރިހާ ކަންކމުގައިވެސް މަކަރުހަދާނެތީއެވެ. އަނބިމީހާއަށްވެސް މަކަރުހަދާނެތީއެވެ.
އެހެންވެ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކައިވެނިކުރާނެ މީހަކު އިޚްތިޔާރުމުގެ ބޭނުމުގައި ރޭވުމެއް ރާވައިލިއެވެ. މުސްކުޅި ފަޤީރެއްގެގޮތަށް ފެންނާނެހެން މާސްކެއް އެޅިއެވެ. ވީދިފައިވާ ހެދުމެއްލިއެވެ. ލޯފަން މީހަކަށް ހެދެން ކަޅު އައިނެއްވެސް އެޅިއެވެ.
އެކަންކަންކޮށްގެން ސަލާމްޖަހާ މީހަކަށް ހެދިގެން ގޮސް ވަރަށް ހެނދުނާ ކުންފުނީގެ އެންމެ ސީނިއާ މުވައްޒިފުން ވަންނަ މައި އޮފީހުގެ ގޭޓްކައިރީގައި އިށީނެވެ. ކައިރީގައި އެހީއަށްދޭ ވަކިލާރި، ފައިސާ އަޅާނެ ކުޑަފޮށްޓެއް ބެހެއްޓިއެވެ. ފޮށީގެ ދަށުގައި 100ގެ 3 ނޫޓު ބެއިންދިއެވެ.
އެހެން އިންދާ ފުރަތަމަ އައިމީހާވެސް ފޮށްޓަށް ވަކިލާރިކޮޅެއް ލާފައި 3 ނޫޓު ހިފައިގެން ދިއައީއެވެ. ދިއައިމަ އަނެއްކާވެސް ސިއްރުން 3 ނޫޓު ބެއިންދިއެވެ. ހަމައެއްގޮތަށް ކަންތައްކުރަމުން އެންމެން ވަދެ ނިމުނުއިރު 23 މީހުންގެ ތެރެއިން 3 ނޫޓު ނުނަގާ ދިއައީ 3 މީހުންނެވެ.
އެންމެން އޮފީހަށް ވަދެ ނިމުމުން އޭނާ ގެއަށްގޮސް ފެންވަރައި ތައްޔާރުވެގެން އޮފީހަށްގޮސް ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. ބައްދަލުވުމުގައި އެމީހުން ކަންތައްކުރި ގޮތުގެ ވީޑިއޯދެއްކިއެވެ.
ވީޑިއޯ ނިމުމުން ސުވާލުކުރިއެވެ. "ކަލޭމެންގެ ބަހަކީ ކޮބައިހެއްޔެވެ؟" ޖަވާބުގައި ބައެއް މީހުން ބުނީ ތިއައީ ފޭކް ވީޑިއޯއެއް ކަމަށެވެ. އަނެއް ބައަކު އަނގައަކުން ނުބުންޏެވެ.
އޭނާ ބުނީ އެލޯފަން މުސްކުޅި އަންހެނަކީ އޭނާ ކަމަށެވެ. އެހެންވީމާ މިވަގުތުން ފެށިގެން ހުރިހާ ވަގުން ވަޒީފާއިން ވަކިކުރީއެވެ. ކެބިންގައި އަމިއްލަ އެއްވެސް އެއްޗެއް ހުރިނަމަ ހިފައިގެން އަވަހަށް ގެއަށްދާށެވެ.
ހޯލުގައި 3 ތެދުވެރިން އެކަނި ވުމުން ބުންޏެވެ. ކަލޭމެން 3 މީހުންނަށް ވަރަށް ޚާއްޞަ ޙަފްލާއެއް މިރޭ އޮންނާނެއެވެ. އެޙަފްލާގެ ކުރިން ވިޓް އާއި ވަކިން ބައްދަލުކޮށްލަން ބޭނުންވެއެވެ. އެއީ އަމިއްލަ ކަމެއްގެ ވާހަކައެއް ދައްކާލަން ޖެހިފައިވާތީއެވެ. އެވާހަކަ ދައްކާނީ އަހަރެންގެ ކެބިންގައެވެ. މިހިސާބުން ބައްދަލުވުން ނިމުނީއެވެ.
ވިޓް ކެބިނަށް ދިއުމުން މަރުޙަބާ ކިޔާފައި އޭނާ ސަލާންޖަހާ މީހަކަށް ހެދުނު ސަބަބު ކިޔައިދިނެވެ. ބުންޏެވެ. "އެންމެންގެ ތެރެއިން މިފެނުނީ އެންމެ 3 ތެދުވެރިންނެވެ. އަނެއް ދެމީހުންނަކީ ކައިވެނިކޮށް އުފަލުގައި ދިރިއުޅޭ ދެމީހުންނެވެ. ހުހަށް ތިހުރީ ކަލެއެވެ. އަހަރެން ކަލޭގެ ބޭރުފުށުގެ ސިފައަށް ބަލާކަށް ނެތީމެވެ. އެތެރެ ފެނިއްޖެއެވެ. އެހެންވީމާ އަހަރެން ކައިވެނިކުރަން އޮޓޮމެޓިކުން ކަލޭ ތިއަހުރީ ހޮވިފައެވެ. އިމްތިޙާނުން ފާސްވެފައެވެ. ދެން އޮތީ ކަލޭގެ ނިންމުމެވެ. ރުހޭނަމަ މިރޭގެ ޙަފްލާގައި ރަންކިޔައި ކައިވެނިވެސްކުރާނީއެވެ."
ވިޓް ބުނީ މިފަދަ ފުރުޞަތެއް ލިބުމަކީ އޭނާ ހުވަފެނުންވެސް ދުށް ކަމެއް ނޫންކަމަށެވެ. ނަމަވެސް އަހަރެންގެ ޑައިރީ މިއޮތީއެވެ. މެޑަމް ދެކެ އަމިއްލައަށް ލޯބިވެގެން އުޅޭތާ ކިހައި ދުވަހެއް ވެއްޖެކަން ޑައިރީން އެނގޭނެއެވެ.
މެޑަމް ބުނީ "އަހަރެމެން ކަލެއަށް ވިޓްކީނަމަވެސް ކަލޭގެ މައިންބަފައިން ކަލެއަށް ޔޫސުފް ކިޔައި ދިންނަމާއި ކަލޭގެ ޢަމަލުތަކާއި ވަރަށް ރަނގަޅަށް ދިމާވެއްޖެއެވެ. އަހަރެންގެ ބައްޕަ ވަރަށް ގިނައިން ޔޫސުފްގެފާނުގެ ސިޔަރަތުގެ ތަންތަންކޮޅު ކިޔައިދޭނެއެވެ. ބައްޕަ ބުނަނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ﷺ އަށްފަހު ޔޫސުފްގެފާނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ޞާޙިބާ ކަމަށެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. އަހަރެން އުންމީދުކުރަނީ މިއަދު ތިއަ ދެއްކިފަދައިން ތެދުވެރިކަންމަތީގައި އަބަދުވެސް ސާބިތުވެ ހުންނާނެ ކަމަށެވެ."
މެޑަމް ބުނި ފަދައިން އެރޭ ޚާއްޞަ ޙަފްލާއެއް ބާއްވައި ޔޫސުފް އާއި ކައިވެނިކުރީއެވެ. ކައިވެންޏަށް 10 އަހަރުފުރުނުއިރު ދެ މީހުންގެ މަސައްކަތުން ވަނީ ކުންފުނި ދެގުނައަށް ބޮޑުކޮށްފައެވެ.
މިއީ އަޅުގަނޑު އުރުދޫ ޑައިޖެސްޓަކުން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިގައި ލޯބީގެ މާބޮޑު ކުޅިގަނޑެއް ނެތްނަމަވެސް މިއީ އަޅުގަނޑަށް ވަރަށް ކަމުދިއަ ވާހަކައެކެވެ. އެހައި ކަމުދިއަ ސަބަބުވެސް ބުނެލާނަމެވެ.
"ދެން ބޭނުންވީ ތެދުވެރިއަކާއި ކައިވެނިކުރުމަށެވެ. އެއީ ތެދުވެރިކަން ނެތް މީހަކު ހުރިހާ ކަންކަމުގައިވެސް މަކަރުހަދާނެތީއެވެ. އަނބިމީހާއަށްވެސް މަކަރުހަދާނެތީއެވެ."
މިވާހަކައިގެ ގޮތުން އަނބިމީހާއަށް މަކަރުހަދާނެ ކަމަށް ލިޔެފައި އޮތް ނަމަވެސް ޙަޤީޤަތަކީ އަންހެންމީހާގެ ކިބައިގައި ތެދުވެރިކަން ނެތްނަމަ ފިރިމީހާއަށްވެސް މަކަރުހަދާނެކަމެވެ. މުހިންމީ އަންހެން ފިރިހެން ބެލުމެއް ނޫނެވެ. ބައިވެރިއަކަށް ތެދުވެރިއަކު ހޯދަން މަސައްކަތްކުރުމެވެ. ދިރިއުޅުމާއި އާޚިރަތް ކާމިޔާބުވާނީ އެއިރުންނެވެ.
--ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް