ރައްޔިތުން އައްޔަނުކުރާ މަޤާމުތަކުން ބޭނުންވެއްޖެނަމަ ދުރުކުރެވޭނެ ފުރުޞަތު ޤާނޫނުގައި އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. މިގޮތުން، 5000 މީހުން ވޯޓުދީ އިންތިޚާބުކުރާ މީހާވެސް ވަކިކުރެވޭނެ ގޮތް ޤާނޫނުގައި އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މިހެންވިދާޅުވީ ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
މިހާރު މެންބަރުން ވަކިކުރެވޭނެ ގޮތެއް ޤާނޫނުގައި ނެތްކަން ފާހަގަކުރައްވަމުން، މިއީ މި ޒަމާނަށް ނުފެތޭ އަދި ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި 20 ވަނަ މަޖިލީހުގައި އައު މުހިންމު ޤާނޫނުތަކެއް ގެނެސް، ބޭނުންވާ ޤާނޫނީ ބަދަލުތައް ގެންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ ވެރިކަމަކީ އެންމެ ކާމިޔާބު ނިޒާމުކަމަށް ވިދާޅުވަމުން، މިއީ ރައްޔިތުންގެ މަޝްވަރާއާއި ނިންމުންތަކުގެ މައްޗަށް ކުރާ ވެރިކަމެއްކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. ޤާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި ޒަމާނަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކުރަންޖެހޭކަމަށާއި، ރާއްޖޭގެ ޤާނޫނުތަކަށް އިޞްލާޙު ގެންނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތްނަމަވެސް، ކުޑަ އާބާދީއަކުން ހޮވޭ މީހުންވެސް ވަކިކުރެވޭނެ ގޮތެއް އޮންނަންޖެހޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މިކަމަކީ ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.