ގްރޫޕުން ބުނާވަރަކަށް އަގުދައްކައިގެން ޢުމްރާއަށް ދިއުމުން އަނިޔާވެރިވާ ގްރޫޕްތަކުގެ މައްސަލަތައް ސަމާލުކަންދީގެން ބަލަން އެބަޖެހޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 40ސ
ގްރޫޕުން ބުނާވަރަކަށް އަގުދައްކައިގެން ޢުމްރާއަށް ދިއުމުން އަނިޔާވެރިވާ ގްރޫޕްތަކުގެ މައްސަލަތައް ސަމާލުކަންދީގެން ބަލަން އެބަޖެހޭ!

ތިރީގައި އެވަނީ ޒިމާ ޒުބައިރުގެ ނަމުގައިވާ ފޭސްބުކް އައިޑީއަކުން ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ ކަންބޮޑުވުމެކެވެ. މިއަދުނޫހަށް އިތުބާރުހުރި ގޮތެއްގައި މައޫލޫމާތު ލިބިފައިވާ ގޮތުގައި އެބޭކަނބަލަކު ވަނީ މި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްބޭފުޅުންގެ ސަމާލުކަމަށް ގެންނަވަންވެސް މަސައްކަތްކުރައްވައިފައެވެ.

"އަޅުގަނޑުގެ މަންމައަކީ އުމުރުން 78 އަހަރު ވެފައިވާ އުމުރުން ދުވަސްވީ މީހެއް، މިފަހަރު އުމުރާ އަށް ދިއައީ ގާފިލާ ހައްޖު އެންޑް އުމުރާ ކިޔާ ބައެއް މެދުވެރިކޮށް މި ދަތުރުގައި ޖުމުލަ 8 މީހުނާއެކު އެ ގްރޫޕްގެ އިތުރު ދެމީހަކު ދިޔަ، އަޅުގަނޑުމެންގެ ހިތަށް ތަދުވީ 78 އަހަރު ފުރިފައިވާ މީހަކު ހުން އައިސްގެ އެހީތެރިކަމަށް އެދުމުން އެކަމަށް އަޅާނުލުމުން، އަދި 5 ގަޑިއިރުވަންދެން ހުން އައިސް ބަލިވެ ހުރި މީހަކު އެއްވެސް އަޅަލުމެއްނެތި ލޮބީގައި ބޭންދުން، އަދި 10 ގަޑިއިރުގެ މި ދިގު ދަތުރުގައި ބޭސް ގުޅައެއްހާ މިންވަރު ފޯރުކޮށް ނުދެވުނުތާގައި މަންމަގެ ހާލު ބަލެއް ނުލެވުނު، މަންމަ މާލެ އައުމާއެކު އެމަޖެންސީގައި ޑރ ދައްކަން ޖެހުނު، މީތޯ އަޅުގަނޑުމެން ދިވެހިން އޮންނަ ހިތްހެޔޮއަޅާލާ ސިފަ އަކީ؟؟؟ 

ނޯޓް: މި ދަތުރުގައި ބައިވެރިވެފައި ވަނީ ގުރޫޕުގެ ފަރާތުން ޝޭހު(އެމްޑީ) އަދި އެބޭފުޅާގެ އަންހެނުން (އޮޕަރޭޝަންސ މެނޭޖަރ) އަދި 8 އުމުރާވެރިނ(3 އާއިލާ)، ޖުމްލަ 10 މީހުން އެކަނި. މެޑިކަލް އޮފިސަރ އެއް ގޮސްފައެއްނުވެ. 

އަޅުގަނޑުމެން ތިބީ އަމިއްލައަށް ކޮޓަރި ހިފުމަށްޓަކައި އެ ގްރޫޕަށް ޕޭމަންޓް ދައްކައިގެން، ކޮޓަރީގައި ކުނަމެހިގިނަކަމުންނާއި މުޑުދާރުކަމުން ނުނިދިގެން އެހެން ކޮޓަރިއަކަށް ހޮޓެލް މެދުވެރިކޮށް ބަދަލުވިއިރުވެސް އެ ގްރޫޕްގެ އެއްވެސް އެހީތެރިކަމެއް ނުލިބިނު. މަންމަ އާއި އަންހެނުން ހުރުމަށް ދީފަހުރި ކޮޓަރި އަޅުގަނޑު ހުރި ފްލޯއަށް ބަދަލުކުރުމަށް ކުރި މަސައްކަތަށް ވެސް އެއްބާރުލުން ދީފައެއްނުވެ."

މިއަދުނޫހަށް އެނގިފައިވާ ގޮތުގައި ޕޯސްޓްގައި ފާހަގަކޮށްފައިވާ ޤާފިލާ ގްރޫޕުން އެގްރޫޕުގެ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ގެންދިއަ އަންހެން ޑޮކްޓަރަކަށްވެސް އިހާނެތި ގޮތްގޮތް ހަދައި ނިކަމެތިކޮށްލި މައްސަލައެއް މިދިއަ ޑިސެމްބަރު މަހު އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނައެވެ. އެ މައްސަލަ ބެލުމުގައި "ވިގަނި ހިފައި" އެކި ކަހަލަ ހުރަސްތައް ކުރިމަތިވިއެވެ. ޖަވާބެއްވެސް ދީފައިވަނީ 7 މަސްދުވަސްފަހުންނެވެ. 

މިސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ޙަވާލުކުރެއްވުމުން މިފަދަ އަނިޔާތައް ކުރުން ހުއްޓުވުމަށް ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ޖަމާޢަތްތަކަށް ޚާއްޞަކުރައްވައިގެން މިހާރު ވަނީ ކޮންފަރެންސެއްވެސް ބާއްވަވައިފައެވެ. އަދި އެންމެ ރަނގަޅަށް ޚިދުމަތްދޭ ޖަމާއަތްތަކަށް ސްޓާރ އާއި އެވޯޑް ދެއްވަންވެސް ވަނީ ނިންމަވައިފައެވެ. 

މިފަދަ އަނިޔާތައް ހުއްޓުވޭނީ އަނިޔާވެރިވާ ޖަމާއަތްތަކުގެ މައްސަލަތައް ތަންކޮޅެއް ގާތުން ތަންކޮޅެއް އަވަހަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަން އަނިޔާ ލިބޭ ފަރާތްތަކުން ފާހަގަކުރެއެވެ. އެކަމަށްޓަކައި "ފޮޅާ ސާފުކުރަންޖެހޭ" ކަންކަމާއި ފަރާތްތައް (މުވައްޒިފުން)  ފޮޅައިސާފުކުރަންޖެހޭކަން ފާހަގަކުރެވެއެވެ. 

 

 

މިއަދު އޮންލައިން