އަޅުގަނޑުވެސް ކައިވެނި ކުރީ ދެމީހުން ލޯބިވެގެން އެކުގައި 2 އަހަރެއްހައި ދުވަހު އެކުގައި އުޅުމަށްފަހުގައެވެ. އެއިރު ލޯބިވެރިޔާ އަބަދުވެސް ހުންނަނީ އަޅުގަނޑު ކުރަންބޭނުންވާ ކަންކަމުގައި އަޅުގަނޑަށް އެހީތެރިވެދެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ. އަޅުގަނޑުގެ ހިތްހަމަ ޖައްސައިދޭން ކޮންމެވެސް ކަމެއް ކުރަން ބޭނުންވެފައެވެ. ވަޒީފާގައި އުޅެމުންވެސް އަޅުގަނޑަށް ގުޅައި ޙާލުބަލައި އަދި އަޅުގަނޑާއިއެކުގައި ހޭދަކުރާނެ ވަޤުތުވެސް އޭނާއަށް ލިބެއެވެ.
އަޅުގަނޑަކީ މާގިނަ ކަންތައްތަކަކަށް ބޭނުންވެގެން އުޅޭ އަންހެނަކީމެއްނޫނީމުއެވެ. މަހަކު އެއްފަހަރު ގެއިން ބޭރަށް ނުކުމެލެވުނަސް ފުދެއެވެ. ނަމަވެސް ބޭރަށްދާން ބޭނުންވެގެން އޭނާ ނުބުނާ ރެއެއް މަދުވާނެއެވެ.
ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ކަންކަން މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. ގެއަށް އައިނަމަވެސް އަޅުގަނޑާއި އަނގައިން ބުނެލާނެ ވަޤުތެއްވެސް ނުވެއެވެ. ގޮވާލި ނަމަވެސް ވާހަކަދައްކަން އުޅުނަސް ބުނާނީ މަސައްކަތްކުރާއިރު އުނދަގޫ ނުކުރުމަށެވެ. ރެސްޓޯރަންޓެއް ފަދަ ތަނަކަށް ގޮވައިގެން ނުދާއިރު ގެއަށް ބޭނުންވާ އެއްޗެތިގަންނަން ދެމީހުން އެކުގައިދާން ބުނިނަމަވެސް ލިބޭނީ ހަމަ އެޖަވާބެވެ. އަޅުގަނޑަށް ހެދުމެއް އެއްޗެއް ގަންނަން ބޭނުންވެގެން ބާޒާރަށް ގޮސްދޭން ބުނެފިނަމަ ވަކިން ރުޅިގަދަވެއެވެ. އެހެންވެ އަބަދުވެސް ބޭރަށް ދާންޖެހެނީ ކޮންމެވެސް އެކުވެރިޔަކާއިއެކުގައެވެ.
2 އަހަރުވަންދެން އެހުރިހާ ކަމަކަށް ކެތްކުރީމެވެ. ނަމަވެސް ފަހުން ވިސްނެން ފެށިއެވެ. އަދި މިއުޅެވެނީ ދިރިއުޅުމެއް ނޫނެވެ. ޒަވާޖީ ޙަޔާތެއްގެ ބޭނުމަކަށްވާންޖެހޭނީ ހަމައެކަނި އެކުގައި ނިދުމެއް ނޫނެވެ. ދެމީހުން އެކުގައި ކުރަންޖެހޭ އެހެން ކަންތައްތަކެއްވެސް ހުރެއެވެ. އެކަކު އަނެކަކާއި އެކުވެރިކަމެއްވެސް އޮންނަން ޖެހެއެވެ. އަޅައިލާންވެސް ޖެހެއެވެ.
އެކަންކަމަށް އެންމެ ދެރަވަނީ ކައިވެނިކޮށްގެން އެހެން ދެމަފިރިން އެކުގައި އުޅޭގޮތް ފެންނާތީއެވެ. އެކަންކަން ފެނުމުން ވަރަށް އަސަރުކުރެއެވެ. އެހެންވެސް ވިސްނަމުންގޮސް އެންމެފަހުން ތެދަށް ކިޔައިދިނީމެވެ. ޒުވާން ދެމަފިރިއަކު ކައިވެނިކޮށްގެން އެކުގައި އުޅޭއިރު ބޭނުންވާނެ ކަންކަން ވިސްނައިދޭން މަސައްކަތްކުރީމެވެ.
ޖަވާބަކަށްވީ އޭނާގެ ކޭޝްކާޑު އޮންނަނީ އަޅުގަނޑުގެ އަތުގައިކަމެވެ. އަޅުގަނޑު ބުނީ އަޅުގަނޑުވެސް މަސައްކަތްކުރަމެވެ. ފައިސާވެސް ލިބެއެވެ. އޭނާގެ ކޭޝްކާޑުން އަޅުގަނޑުގެ އަމިއްލަ އެއްވެސް ބޭނުމަކަށް ޚަރަދެއް ނުކުރަމެވެ. އަދި އަޅުގަނޑު ރަންކިޔައި ކައިވެނިކުރީ ކޭޝްކާޑަކާއި ނޫންކަމެވެ. އެހެންބުނެފައި ކޭޝްކާޑު އޭނާއަށް ދިނީމެވެ.
އޭނާގެ އުޅުމަށް އެއްވެސް ބަދަލެއް ނުގެނައުމުން ވަރިކޮށްދޭން ބުނީމެވެ. ވަރިއަށް އެދުމުންވެސް ކަންކަން އިޞްލާޙްކުރަން ބޭނުން ނުވުމުން އަޅުގަނޑު އަމިއްލައަށް ކޯޓަށް ގޮސް ވަރިވީއެވެ.
އެކަނި 2 އަހަރުހުރީމެވެ. ކައިވެނިކުރަން ފުރުޞަތު ނުލިބޭތީއެއް ނޫނެވެ. ކައިވެނިކުރުން މަތިން ފޫހިވީވަރުންނެވެ. އެހެން ހުއްޓައި ބައްދަލުވި ޒުވާނަކާއި ކައިވެނިކުރީމެވެ. އޭނާވީ އަޅުގަނޑަށް އަޅައިލާ އަދި އަދި އަނބިމީހާގެ ބޭނުންތައް ވަޒަންކުރާ މީހަކަށެވެ. އެހެންވެ ދެމީހުން އުޅުނީ ވަރަށް އުފަލުގައެވެ.
ކައިވެންޏަށް ދަރިއަކުވެސް ލިބުނުތަނާ ކުރީގެ ފިރިމީހާ އަޅުގަނޑަށް ގުޅިއެވެ. އަޅުގަނޑުދެކެ ލޯބިވާވަރުން ނުނިދޭކަމަށް ބުންޏެވެ. ކުރިން ކަންކަން ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނިއްޖެކަމަށް ބުންޏެވެ. މާފުކޮށްފައި އަލުން ގުޅުމަށް އެދުނެވެ.
ޖަވާބުގައި އަޅުގަނޑު ހުރީ ކައިވެނިކޮށްގެންކަމަށާއި ދަރިއަކުވެސް ލިބިއްޖެކަމަށް ބުނީމާ ބުނީ އެއީ ވަރަށް ކުޑަކުޑަ މުސާރައެއް ލިބޭ މީހެއްކަމަށާއި މާއުފަލުގައި އޭނާ އަޅުގަނޑު ގެންގުޅޭނެ ކަމަށެވެ. އެހެންބުނުމުން އަޅުގަނޑު ބުނީ ކަލޭ ހީކުރަނީ ހުރިހާ އުފަލަކީ ފައިސާކަމަށް ނަމަވެސް އެކަން އެހެން އޮންނާނީ ވަކިބައަކަށް ކަމަށެވެ. މިހާރުގެ ފިރިމީހާއަށް ލިބޭ މުސާރަ ކުޑަނަމަވެސް މިއުޅެނީ ފުދިގެންކަމަށާއި އޭނާގެ ކިބައިން ނުލިބުނު ހުރިހާތަކެއް މިހާރުލިބޭތީ އެބާވަތުގެ ވާހަކަދައްކަން ދެން ނުގުޅުމަށެވެ. އެހެންބުނީމާ އަޅުގަނޑާއި ދިމާއަށް ވަރަށް ހުތުރުބަހުރުވައިން އެއްޗެތިގޮވާފައި ފޯނުކަނޑައިލީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑަށް ކަންކަން ދިމާވިގޮތެވެ. އަޅުގަނޑަށް ކުރީގެ ފިރިމީހާ އާއި މެދު ކަންކަން ކުރެވުނު ގޮތާއިމެދު އަޅުގަނޑު އަމިއްލައަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. އަޅުގަނޑަށް އަޅުގަނޑުގެ ކުށް ފާހަގަނުކުރެވިދާނެތީއެވެ.
އަޅުގަނޑު ތިއަބޭފުޅުންނަށް ކޮށްލަން އޮތް ސުވާލަކީ އަޅުގަނޑުގެ ކުރީގެ ފިރިމީހާ އަޅުގަނޑަށް އެހައި ނުބައި ބަސްތަކެއް އެބުނީ ބުނަން ޙައްޤުވެގެންތޯއެވެ؟ އަނބިމީހާ އާއި އަނގައިން ބުނާނެ ވަޤުތުނުވާ މީހަކާއި ކައިވެނިކޮށްގެން އުޅެވިދާނެތޯއެވެ؟ އަނބިމީހާއަށް އެއްވެސް ކަމެއް ކޮށްދޭނެ ވަޤުތުނުވިޔަސް ޖެހޭނީ ހަމަ ފުދިގެން އިންނަންތޯއެވެ؟
އުންމީދުކުރަނީ ކިޔުންތެރިންގެ ޚިޔާލު ކޮމެންޓްކުރައްވާނެ ކަމަށެވެ.
- ޒުލައިޚާ / މިއަދުނޫހުގެ ކިޔުންތރިއެއް