ދައުލަތުގެ ރަސްމީ ރިޒާވް 2025 ގެ ނިޔަލަށް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރޭ: ބަޖެޓް ޕޮޒިޝަން ރިޕޯޓު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދައުލަތުގެ ރަސްމީ ރިޒާވް 2025 ގެ ނިޔަލަށް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރޭ: ބަޖެޓް ޕޮޒިޝަން ރިޕޯޓު

ދައުލަތުގެ ރަސްމީ ރިޒާވް 2025 ވަނަ އަހަރުގެ ނިޔަލަށް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކޮށްފައިވާކަމަށް ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުގައި ދައްކާގޮތުން، 2023 ވަނަ އަހަރު ދައުލަތުގެ ރަސްމީ ރިޒާވް 590.5 މިލިޔަން ޑޮލަރަށް ދަށްވެފައިވީ ނަމަވެސް، 2024 ވަނަ އަހަރު މި އަދަދު 653.6 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. އަދި އަހަރުގެ ނިޔަލަށް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ރިޒާވް މިހާ ބޮޑަށް ދަށްވެފައިވަނީ ބޭރުގެ އެހީ ހޯދުމުގައި ދިމާވި ދަތިތަކާ ގުޅިގެންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން، އެހީ ހޯދުމަށް އިތުރަށް މަސައްކަތްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިރުޝާދު ދީފައިވާކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އިތުރުން، އިންޑިއާއާއެކު ކަރަންސީ ސްވޮޕް ފެސިލިޓީ އަލުން ގާއިމްކުރެވިފައިވާކަމަށާއި، މިކަމުގެ ސަބަބުން ރިޒާވް ހިފެހެއްޓުމަށް މަގުފަހިވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ރަސްމީ ރިޒާވްގެ މިންވަރަކީ ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަން ދައްކުވައިދޭ މުހިންމު މިންގަނޑެއްކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ. މި ރިޕޯޓުގައިވާ މަޢުލޫމާތުތަކުން ދައްކުވައިދެނީ ކުރިއަށް އޮތް އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވާނެކަމުގެ އުންމީދެވެ.                     

މިއަދު އޮންލައިން