އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 29.1 ބިލިޔަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 29.1 ބިލިޔަން ރުފިޔާއަށް އަރައިފި

މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 29.1 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާއިން ނެރެފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައި ބުނެފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.5 އިންސައްތައިގެ އިތުރުވުމެކެވެ.

މި އާމްދަނީގެ ތެރޭގައި ހިމެނެނީ 22.3 ބިލިޔަން ރުފިޔާގެ ޓެކްސް އާމްދަނީއާއި، 6.2 ބިލިޔަން ރުފިޔާގެ ޓެކްސް ނޫން އާމްދަނީ، އަދި 565 މިލިޔަން ރުފިޔާގެ އެހީއެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 11.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި 5.7 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 880.1 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 930 މިލިޔަން ރުފިޔާ ލިބިފައިވާކަން ރިޕޯޓުން ދައްކައެވެ.

މާލީ ވުޒާރާގެ މި ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ އާމްދަނީ އިތުރުވެފައިވަނީ ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. މިކަމުން ދައްކައިދެނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމެވެ.                     

މިއަދު އޮންލައިން