އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު ގާތްގަނޑަކަށް 7 އިންސައްތައާ ހަމައަށް ކުރިއަރާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބޭއްވި "ޓްރާންސްފޯމިންގ ޓުމޯރޯ" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤްތިސާދީ ހާލަތު އޮތީ ވަރަށް ދަތި އަދި ނުރައްކާތެރި ހާލަތެއްގައި ކަމަށް ފާހަގަކުރެއްވިއެވެ. އޭރު ފައިސާގެ ގޮތުން ނުތަނަވަސްކަން ކުރިމަތިވެފައި އޮތް މިންވަރާއި އިޤްތިސާދު އޮތް ދަތި ހާލަތުގެ ސަބަބުން މިފަދައިން ހާލަތު މާނަކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ ގިނަ އަދަދަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފައިސާ ހިމަނާފައިވާ ކަމަށްވެސް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.
"އަންނަ އަހަރު އުމްރާނީ ބޮޑެތި މަސައްކަތްތަކާއި ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕްގެ ތެރެއިން އަންނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އަދި ބޭރުގެ އިންވެސްޓްމަންޓްތަކާއި ފައިނޭންޝަލް ސެންޓަރު ޤާއިމުކުރުމުގެ އިތުރަށް އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ޤާއިމުކުރުމާއި އުތުރުގައި ބަނދަރު ހަދަން ފެށުމާއި އުމްރަނީ ބިޔަ މަޝްރޫއުތަކެއް ފެށިގެންދާއިރު ހަރަކާތްތެރި އިޤްތިސާދެއް ރާއްޖޭގައި އޮންނާނެކަމާމެދު ޝައްކު ނުކުރަން" ވަޒީރު ވިދާޅުވިއެވެ.
މި ހުރިހާ ކަމަކާ ގުޅިގެން، އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު ގާތްގަނޑަކަށް 7 އިންސައްތައާ ހަމައަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.