ގުދުރަތީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ހޯދުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމުކަމެއްކަމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
"ކޮޕް 29" ތިމާވެށީގެ ބައްދަލުވުމުގެ ތެރެއިން ރާއްޖެއިން ވަނީ ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ) އާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ މި އެއްބަސްވުމަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤުބަލަކާ ދިމާއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
"މި އެއްބަސްވުމުގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. ގުދުރަތީގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވުމަކީ ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަށް މުހިއްމުކަމެއް،" މާލީ ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކާބަން ފައިނޭންސިންގ، ކޮންޒަވޭޝަން ޓްރަސްޓް ފަންޑުތައް، އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭގޮތަށް މާލީ ވަޞީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއެކު އިޤްތިޞާދީ ކުރިއެރުވުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބޭނެ ވަކި އަދަދެއްގެ މާލީ އެހީތެރިކަމެއްގެ ތަފްސީލު މިވަގުތު ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މި އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.