އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. ބައްޕައަށް ލިބޭ މުސާރައިން ހަމައެކަނި ފުއްދައިލެވެނީ ކެއިން ބުއިމާއި 4 ކުދިންގެ ސްކޫލަށް ކުރަންޖެހޭ އަސާސީ ޚަރަދުތަކެވެ. އެހެންކަމުން ވަރަށް ކުޑަިއރު މަސައްކަތްކުރަން ފަށައިފީމެވެ.
އަޅުގަނޑުގެ ފުރަތަމަ ވަޒީފާއަކީ ތަނަވަސް އަވަށްޓެރި ދެމަފިރިއެއްގެ ދަރިފުޅު ބަލައިދިނުމެވެ. ސްކޫލުން އަންނަ ގޮތަށް ފޮތްތައް ބަހައްޓާފައި ޔުނިފޯމް ބަދަލުކޮށްލައިގެން ދަނީ އެގެއަށެވެ. ގިނައިން ކައި ހަދަނީވެސް އެގެއިންނެވެ. އެގޭގެ ދެމަފިރިންވެސް އަޅުގަނޑަށް ވަރަށް ރަނގަޅެވެ. ވަރަށް ހެޔޮކޮށް ކަންކަން ކުރެއެވެ. މުސާރައަށް ދޭންބުނިވަރަށްވުރެ އިތުރަށްވެސް އެހީތެރިވެއެވެ.
އަޅުގަނޑަށްވުރެ 3 އަހަރު ދޮށީ ފިރިހެން ދަރިއަކު އެގޭގެ ދެމަފިރިންގެ ހުރެއެވެ. އަޅުގަނޑު އެގޭގައި މަސައްކަތްކުރާތާ 5 ވަނަ އަހަރު އެކުއްޖާ ކައިވެނިކޮށްފިއެވެ. އެއިރުވެސް އަޅުގަނޑު އެހެންވަޒީފާއަކަށް ނުދަމެވެ. އެއީ އަޅުގަނޑަށް ކިޔެވުނު ވަރަށްބަލާއިރު ލިބޭނެ ވަޒީފާ އަދާކޮށްގެން ލިބޭނެ މުސާރައަށްވުރެ އެގެއިން ލިބޭ ފައިސާ އާއި އެހީތެރިކަން ބޮޑުވީމައެވެ. އަދި މަސައްކަތްވެސް އެހައި ބުރަ ނުވެފައި ދެމަފިރިންގެ ރަނގަޅުކަމުންނެވެ.
މިދެންނެވި ފިރިހެން ކުއްޖާއަކީ އެމީހުންގެ ދޮށީ ފިރިހެންދަރިފުޅެވެ. އެއީ ވަރަށް ހަރުދަނާ އަޚްލާޤް ރަނގަޅު ކުއްޖެކެވެ. ނަމަވެސް ކައިވެނިކޮށްގެން ގެއަށް ގެނެވުނީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ކުއްޖަކާއިއެވެ. އޭނާއަކީ ވަރަށް ރިތިކުއްޖެކެވެ. އެހެންވެ އޭނާއަށް ހުންނަނީ އޭނާ ފެނިފައެވެ. ފިރިމީހާއާއި ދިމާއަށްވެސް މައިންބަފައިންނާއި ދިމާއަށްވެސް ބުނާނީ އެފަހަރަކު ބޭނުންވި އެއްޗެކެވެ. ކުރާނީ ކުރަން ހިތަށް އެރި ކަމެކެވެ. ބޭރަށް ދާންބޭނުންވިޔަސް ބުނެވެސް ނުލައި ނުކުމެގެން ދާނީއެވެ. އެންމެ ކުޑަމިނުން ދާތަނެއްވެސް ބުނެއެއް ނުލާނެއެވެ.
އަހަރެއްހައި ދުވަސްވީތަނާ ފިރިމީހާ އާއި ދެމީހުން މައްސަލޖެހެންފަށައިފިއެވެ. ޒުވާބުކުރަން ފަށައިފިއެވެ. މަންމަމެން ނަޞޭޙަތްދީފިނަމަ މަންމަމެންނާއި ދިމާއަށްވެސް ބުނާނީ ހިތަށްއެރި އެއްޗެކެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް މަންމަމެން ދަރިފުޅު ގާތަކު ނުބުނެއެވެ. ފަޅާއެރީ މަންމައާއިދިމާއަށް އެއްޗެތިކިޔާއަޑު ދަރިފުޅަށް އިވުމުންނެވެ.
އެދުވަހުވެސް މަންމައާއި ދިމާއަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ ކަމަށް ފިރިމީހާ ބުނީމާ އަނބިމީހާ ބުނީ އޭނާގެ ކަންކަމާއި ބެހޭނަމަ ބޭނުންއެއްޗެއް ބުނާނެ ކަމަށެވެ. މިގޭގައި އޮންނަ އާދައަކީ މައިންބަފައިންނަށް އިޙްތިރާމްކޮށް އެމީހުންދޭ ނަޞޭޙަތް ޤަބޫލުކުރުން ކަމަށް ފިރިމީހާ ބުނީމާ އަނބިމީހާ ބުނީ އެހެންވީމާ އެހެން ގެއަކަށް ބަދަލުވުމަށެވެ.
އެކަންތައްގަނޑު ހިނގިތާ 3 ވަނައަށް އޮތް ދުވަހު އޭނާ ވަރިކޮށްފައި ފޮނުވާލައިފިއެވެ. ފިރިހެންކުއްޖާ އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އަޚްލާޤީ ގޮތުން ފެންވަރު ދަށްކަމުން ފޮނުވާލަން ޖެހުނީމަ ފޮނުވައިލި ނަމަވެސް އެކަމާއި އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ހަފްތާއެއްވަރުވަންދެން މަސައްކަތުން އެނބުރި އައިސް ކޮޓަރިން ނުކުމެ އުޅުނީވެސް ވަރަށް މަދުންނެވެ.
ދުވަސްކޮޅެއް ފާއިތުވެ އޭނާގެ ކަންކަން ހަމައަކަށް އެޅިލިތަނާ ހުކުރު ދުވަހަކު ގޭގެ އެންމެން އެކުގައި ކާންތިބިއިރު އަޅުގަނޑު ހުރީ ތަށިމަތި ބަލަހައްޓާށެވެ. އެހެން ހުއްޓައި މަންމަ އަޅުގަނޑަށް ގޮވާލީމަ ގާތަށް ދިއުމުން ސުވާލުކުރީ ބޯއިފްރެންޑެއް ހުރޭތޯއެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ގާލްފްރެންޑެއް ހުންނަކަމަށާއި އެއީ އަޅުގަނޑުގެ ދެވަނަ މަންމަ ކަމަށެވެ. އެއީ ކާކުތޯ ސުވާލުކުރުމުން އެއީ ތިއަ ސުވާލުކުރާ ދައްތަ ކަމަށް ބުނީމެވެ. އެހެންބުނީމާ އެންމެން އެކުގައި ހޭންފެށިއެވެ.
ދައްތަ ބުންޏެވެ. "އެހެންވީމާ މިއަދު މިއުޅެނީ ދެވަނަ މަންމަ ވަރަށް ބޮޑު ކަމަކު އެދެންވެގެންނެވެ. ލަދުން ދުވެ ނުފިލާށެވެ. ރިތިކޮށް ސާފުބަހުން ޖަވާބުދޭށެވެ. ދެވަނަ މަންމަ އާއި ބައްޕަ ވަރަށް ބޮޑު ކަމެއް ނިންމައިފީމެވެ. މިކަމަށް ޢަބްދުﷲ ވެސް ޖެހޭނީ ސާފުބަހުން ޖަވާބުދޭށެވެ. އެކަމަކީ ޢަބްދުﷲ އާއި ވާޞިފާ އާއި ދެކުދިން ގުޅުވާށެވެ. ވާޞިފާއަކީ މިގޭގައި އުޅެ ބޮޑުވެފައިހުރި ދަރިއެއް ފަދަ ކުއްޖެކެވެ. ދެވަނަ މަންމައަކީ މިމަންމަކަމަށް އެބުނެވުނީ އޭނާވެސް އެކަން ޤަބޫލުކުރާތީއެވެ. ހަމަ ޤައިމުވެސް ވާޞިފާއަކީ އަޚްލާޤީ ގޮތުން އަހަރެމެންނަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކާފައިވާ ކުއްޖެކެވެ. އެހެންވީމާ މިކަމުގައި ދެކުދިން ދެކޭގޮތް ބުނާށެވެ. ފުރަތަމަ ބޭނުމީ ޢަބްދުﷲ ގެ ޖަވާބެކެވެ."
އެހެންބުނާއިރަށް ޢަބްދުﷲ ތެދުވެގެންގޮސް އަތްދޮވެލައިގެން އައިސް ފޮނިކާއެއްޗެތިކާން ފަށާފައި ބުންޏެވެ. "އަޅުގަނޑުގެ ހޮވުން ވެގެންދިއައީ ޒަލަޒަލާއަކަށެވެ. އަދިވެސް މިއުޅެނީ ކަންފަތުން އެނުބައި އަޑުތައް އިވޭތީއެވެ. މަންމަމެންގެ ތިއަ ނިންމުން ވަރަށް އުފަލުން ޤަބޫލުކުރަމެވެ. އެކަމަކު ވާޞިފާއަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. ވާޞިފާ އެކަމަށް ރުހެންވާނެއެވެ. އެހެން ނޫނީ ވާނީ އޭނާއަށް ހެޔޮކޮށް ހިތައިގެން މިހައި ދުވަހު ގެންގުޅެފައި ބަދަލުހޯދީ ކަމަށެވެ."
ޢަބްދުﷲ އެހެންބުނީމާ ބައްޕަވެސް ޢަބްދުﷲ އަށް ތާއީދުކުރިއެވެ. މަންމަ ބުނީ އަޅުގަނޑު ޖަވާބުދޭންވާނީ ހިތުން އެކަން ޤަބޫލުކޮށްގެން ކަމަށެވެ. ނުރުހޭނަމަ އެވާހަކަ ބުނުމަށާއި ނުރުހުނަސް މިހާރުވެސް އުޅޭ ގޮތަށް އެގޭގައި އުޅެންޖެހޭނެ ކަމަށެވެ. މަންމަމެން އަޅުގަނޑު ދޫނުކުރާނެ ކަމަށެވެ.
އަޅުގަނޑު ބުނީމެވެ. "އަޅުގަނޑު މިހުރީ ރުހިގެންނެވެ. އެކަމަކު އަޅުގަނޑަށް އުޅެން މިޖެހެނީ މިގޭގައި ކަމަށްވުމުން ކައިވެންޏަށް އިންތިޒާރުކުރަން ނުޖެހޭނެ ގޮތަކަށް އަވަސްކޮށްދިނިއްޔާ ވަރަށް ރަނގަޅެވެ." އަޅުގަނޑު ބުނި ބަހަށް މަންމަ އާއި ބައްޕަ ތާއީދުކުރިއެވެ. އާދީއްތަ ދުވަހު ކޯޓަށް ފޯމުލައި ހުކުރުވިލޭރޭ ކައިވެނިކޮށްފިއެވެ.
އެކައިވެނީގައި މިހާރު މިއީ ކިތައް އަހަރުކަމަށްތޯއެވެ؟ މިއީ 42 ވަނަ އަހަރެވެ. މާމަދަރިންގެ 8 ދަރިން އެބަތިއްބެވެ. ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. މޫނުހަދާކަށްވެސް ނުޖެހެއެވެ. އެކަންކަމަކީ އަޅުގަނޑުމެން ދަންނަ ކަމެއް ނޫނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަ މިކިޔައިދިނީ މުސްކުޅި ޢުމުރުގައިވެސް ހެޔޮ ނަޞޭޙަތެއް ދިނުމުގެ ބޭނުމުގައެވެ. އެއީ އަންހެނުން އަބަދުވެސް ރިވެތި އަޚްލާޤް މަތީގައި ދިރިއުޅުމެވެ. މިހެން މިބުނީ ފިރިހެނުން ހިތަށްއެރިހައި ގޮތަކަށް އުޅުން ހުއްދަކުރާކަށް ނޫނެވެ. ދަރިން ބެލުމުގެ ޒިންމާ ބޮޑަށް އުފުލައި ދަރިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރަނީ މައިންކަމަށްވާތީއެވެ.
ޢަބްދުﷲ ގެ ފުރަތަމަ އަނބިމީހާއަކީ ސިފަ ވަރަށް ރީތި އަންހެނެއްކަމަށް ކުރިންވެސް ބުނީމެވެ. އެރީތިކަމާއި އެއްވަރަށް އަޚްލާޤް ރީތިކުރިނަމަ އޭނާއަށް ކިހައި އުފަލުގައި ދިރިއުޅެވުނީސް ހެއްޔެވެ؟ އަޅުގަނޑަސް އެނގިފައި އޮތް ގޮތުން އޭނާ އެތައް ބައަކާއި ކައިވެނިކޮށްފިއެވެ. ނަމަވެސް އެކަކާއިއެކުވެސް ދިރިއެއް ނުއުޅެވުނެވެ. މިހާރުވެސް ހުރީ އެކަންޏެވެ.
ވީމާ އުފާވެރި ޒަވާޖީ ޙަޔާތަކަށް އުންމީދުކުރާނަމަ އަޚްލާޤް ރީތިކޮށް ބަސްމަގު ރިވެތިކުރުމަކީ އެންމެ މުހިންމު އެއްކަންތަކެވެ.
- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް