އަޅުގަނޑަށް ކައިވެނިކުރެވުނީ 3 ފިހާރަ ހިންގާ ތަނަވަސްމީހަކާއިއެވެ. ނަމަވެސް އެކަނވީ ދެމީހުންގެ ގުޅުމަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައަކަށެވެ. އެއީ އަބަދު މަސައްކަތުގައި ފިހާރަތަކުގެ ކަންކަމުގައި އުޅޭތީ އަޅުގަނޑަށް އެއްވެސް ވަރަކަށް ވަޤުތު ނުދޭތީއެވެ.
ފުރަތަމަ އެންވާސަރި 2 މީހުން ފާހަގަކުރީ 2 ރެއަށް ރަށަކަށް ގޮހެވެ. 2 ވަނަ އެންވާސަރީގައި ގޭގައި ކުޑަކޭކެއް ފަޅާލައިގެންނެވެ. އެހިސާބުން އެކަންވެސް ނިމުނީއެވެ. ދެމީހުންކުރެ މީހެއްގެ އުފަންދުވަސްވެސް ފާހަގަނުކުރެވޭއިރު އެންވާސަރީވެސް ފާހަގައެއް ނުކުރެވެއެވެ. ހަމަ ބިޒީކަން ބޮޑުކަމުންނެވެ.
ބޮޑު ރީތި ގެއެކެވެ. ގޭގައި އުޅެނީ އަޅުގަނޑާއި ފިރިމީހާ އާއި ފިރިމީހާގެ މަންމައާއި ގެންގުޅޭ މަސައްކަތު އަންހެންކުއްޖެކެވެ. މައިދައިތައާއި އަޅުގަނޑުގެ ގުޅުން ވަރަށް ރަނގަޅެވެ. ފިރިމީހާ ޢަމަލުކުރާގޮތުން އަޅުގަނޑު ކަންބޮޑުވާ މިންވަރު މައިދައިތައަށް ވަރަށް ރަނގަޅަށް ވަޒަންކުރެވެއެވެ. އެގޮތަށް ފުދިގެން އަބަދު އަޅުގަނޑު ނުއިންނާނެކަން މަންމައަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ދަރިފުޅަށް ވިސްނައިދެވޭތޯ މަންމަ ވަރަށް ގިނަ ވާހަކަދެއްކިއެވެ.
ކައިވެންޏަށް 5 ވަނަ އަހަރު އެކުވެރިންނާއި އަޅުގަނޑު ފޯނުން ދައްކާ ވާހަކަތައް އަޑުއަހާފައި އަޅުގަނޑަށްވެސް ވަރަށް ނަޞޭޙަތްތެރިވެއެވެ. ދަރިފުޅު އަދި އިޞްލާޙްވާނެ ކަމަށް ބުނެއެވެ. މަންމަ އެކަމުގައި އެހީތެރިވެދޭނެ ކަމަށްވެސް ބުނެއެވެ. މަންމައަށް އިޙްތިރާމްކުރުމާއިއެކުގައިވެސް އަޅުގަނޑު ބުނަމުން ދިއައީ މިއީ ދިރިއުޅުމެއް ނޫން ކަމަށާއި ޒަވާޖީ ޙަޔާތެއްގައި އަނބިމީހާ ކުރާނެ އުންމީދުތައް މަންމައަށްވެސް ރަނގަޅަށް އެނގޭނެކަމަށެވެ.
މަންމަގެ ކަންބޮޑުވުންވެސް އަޅުގަނޑަށް އެނގެއެވެ. އެއީ އަޅުގަނޑު ހިނގައްޖެނަމަ ދެން ގެންނަ އަންހެނަކު އަޅުގަނޑު ފަދައިން މަންމައަށް ޚިދުމަތްނުކޮށްފާނެތީއެވެ. އެހެންވެ ފިރިމީހާ ގާތުގައި ޢަމަލުތައް އިޞްލާޙްކޮށް އަނބިމީހާއަށް ވެސް ވަޤުތުކޮޅެއްދޭން ތަންކޮޅެއް ގިނައިން ބުނަންފެށުމުން އަބަދު ބޮލަށް އުނދަގޫކުރަނީކަމަށް ބުނެ ނިންމީ މަންމަ ގެއިން ނެރެލާށެވެ.
މަންމަ އެކަން އަޅުގަނޑަށް ސިއްރުކުރިއެވެ. ނަމަވެސް އަޅުގަނޑަށް އެކަން އެނގެއެވެ. މަންމަ ގެއިން ނުކުންނަން އުޅުނީ ރޭގަނޑު 12 ޖެހިތަނާއެވެ. ފޮށި ހިފައިގެން ސިޓިންގ ރޫމަށް ދިއަތަން ސިއްރުން ބަލަންހުރެފައި އަޅުގަނޑުވެސް ފޮށި ހިފައިގެން ދިއައިމެވެ. ބުނީމެވެ. "ގެއިން ދާނީ ދެމައިންނެވެ. ދާނީވެސް އަޅުގަނޑުމެންގެ ގެއަށެވެ. ބޭބެ ރާއްޖޭގައި ނެތުމުން އެޕާޓްމަންޓް ހުރީ ހުހަށެވެ. ބޭބެ އަންނާނީ 2 އަހަރު ފަހުންނެވެ. އަންނަންވާއިރަށް އަޅުގަނޑުގެ އެޕާޓްމަންޓުގައި ކުއްޔަށްތިބި މީހުން ނެރެ އެތަންހުސްކުރާނީއެވެ. އަޅުގަނޑު އުޅޭ ހާލަކު މަންމައަށް އުޅެވޭނެއެވެ."
އެވަރަކުންވެސް ފިރިމީހާއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އަނގައިންވެސް ނުބުނެ އިސްދަށަށް ޖަހައިގެން ހުންނަން ފެށުމުން ދެމައިން ނުކުމެ ޓެކްސީއަކަށް އަރައިގެން ގެއަށް ދިއައީއެވެ.
އަޅުގަނޑަށް ގެއަށް ދެވުމާއިއެކު ވަޒީފާއެއް ހޯދީމެވެ. އަމިއްލަ މަންމަ ނެތުމުން މަންމައަށް ކުރަންޖެހޭ އިހްތިރާމް މައިދައިތައަށް ކުރީމެވެ. އެއްވެސް ކަމަކަށް ދަތިވިއަނުދީ އަޅުގަނޑުގެ ފެންވަރުން ކަންކަން ކޮށްދިނީމެވެ.
ދުވަސްކޮޅަކުން އަޅުގަނޑު ވަރިކޮށް ދެވަނަކައިިވެނިކޮށްފިއެވެ. ޢިއްދަ ހަމަވުމުން އަޅުގަނޑުވެސް ދެވަނަ ކައިވެނިކުރީއެވެ. އަޅުގަނޑުގެ ކައިންވެންޏަށް 3 އަހަރު ފުރުނުތަނާހެން އެއްރޭ ކުރީގެ ފިރިމީހާ އޭނާގެ މަންމަ ޢާއި ބައްދަލުކުރަން ފުރަތަމަ ފަހަރަށް އައެވެ. ބުންޏެވެ.
"މަންމާއެވެ! އަޅުގަނޑަށް ވަރަށް ބޮޑެތި ގޯސްތަކެއް ހެދިއްޖެއެވެ. މަންމަ އެއްލައިލެވުނުކަން އެއީ ހެދުނު އެންމެ ބޮޑު ގޯހެވެ. އެގޯހުގެ ސަބަބުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިއްޖެއެވެ. ކައިވެނިކުރެވުނު އަނބިމީހާ ވަރަށް ގިނަ ފައިސާ ވަގަށް ދަމައިގަނެގެން ފިލައިފިއެވެ. ވިޔަފާރި ބަނގުރޫޓުވެއްޖެއެވެ. މިއައީ މަންމަގެ ކިބައިން މާފަށް އެދި ހިތްޙަލާލުހޯދަންވެގެންނެވެ. އަޅުގަނޑަށް މާފުކޮށްފައި ހެޔޮ ދުޢާކޮށްދޭށެވެ. އަދި ސަފީނާވެސް މާފުކޮށްފައި ހެޔޮދުޢާކޮށްދޭށެވެ."
އަޅުގަނޑުމެން އޭނާއަށް މާފުކުރީމެވެ. ނަމަވެސް މަންމަ އޭނާ އާއިއެކު އެގެއަށް ދާކަށް އެއްބަހެއް ނުވިއެވެ. ބޭނުންވީ އަޅުގަނޑުގެ ގާތުގައި އިންނާށެވެ. ބުންޏެވެ. "ދަރިފުޅަށް މަންމަ ހިތުގެ އެންމެ އަޑިން މާފުކޮށްފީމެވެ. މަންމަ ގާތުގައި ތިއަބުނީ ގެއަށް ހިނގާށެވެ. ދަރިފުޅުގެ ގެއިން ނެރެ މަންމަ މަގުމައްޗަށް އެއްލައިލިރޭ މަންމަގެ އަތުގައި ހިފައިގެން ދަރިފުޅުގެ ބައިރުފިޔާއެއްގެ ބޭނުންވެސް ނުކޮށް ބަލައިދިން ސަފީނާ ދޫކޮށްލާފައެއް ނުދާނަމެވެ. ސޯފާގައި ނިދަންވެސް އުޅޭނީ މިގޭގައެވެ.
މައިންގެ ނަޞޭޙަތް ޤަބޫލުނުކުރީމާ ފެނުނު ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! މިހާރު ތިއަހުރީ ސަފީނާއަށް އިންތިހާއަށް ބޭނުންވެގެންނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ މިއަދު ސަފީނާއަކީ އަނބިންގެ އަގު ވަޒަންކުރަން ދަންނަ ފިރިއެއްގެ އަންތބެކެވެ. މިހާރު އެއުޅެނީ ދެމަފިރިންވެގެން ބޮޑު ރެސްޓޯރަންޓެއް ހުޅުވާށެވެ. ކުޑަ ނަމަވެސް ސްޕަމާކެޓެއް މިހާރުވެސް އެބަހިންގައެވެ. އެހުރިހާ ކަމެއް ކުރަމުންވެސް ދެމަފިރިން އެކުގައި ވަގުތު ހޭދަކުރެއެވެ. ހީނއުފާކުރެއެވެ. ވީމާ ދެން ކުރިއަށް އޮތްތަނުގައިވެސް މިކަންކަމުން ޢިބްރަތް ޙާޞިލުކޮށްގެން އުޅެވޭތޯ ބަލާށެވެ. މަންމަގެ ހެޔޮ ދުޢާ އަބަދުވެސް ދަރިފުޅަށް އޮންނާނެއެވެ."
އަހަރެމެން ދެމައިން އޭނާގެ ގެއިން ނުކުމެގެން އައީ އޭނާގެ ބޮޑުކަންމަތީގައި އިސްދަށަށް ޖަހައިގެން ހުއްޓައެވެ. މިހާރު ގެއިން ނުކުމެގެން އެދިއައީ ދެރަވެ ނިކަމެތިކަންމަތީގައި އިސްދަށަށް ޖަހައިގެން ހުރެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ތަޤްވާވެރި ހެޔޮލަފާ މައިންދޭ ކުޑަކުޑަ ނަޞޭޙަތަކީވެސް އެތައް މިލިއަން ރުފިޔާއަކަށްވުރެ މާއަގުހުރި އެއްޗެކެވެ. މަންމައަށް ދެރަގޮތް ހަދާފައި ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. ކުރީގެ ފިރިމީހާއަށް އެލިބުނު ހުރިހާ ދެރައެއް ލިބެން މެދުވެރިވި ސަބަބަކީ އެފަދަ ރަނގަޅު މަންމައަކާއިމެދު ކަންކަންކުރެވުނު ގޮތް ނޫންކަން އެނގޭނީވެސް ކިހިނަކުންހެއްޔެވެ؟
މިއީ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކައެއް ކަމަށް ހީކުރަމެވެ.
- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް