ކުރީގެ ސަރުކާރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި ސްކޫލުތަކުގެ ޒަރޫރީ ކަންކަމާއި އާބާތުރަފިލުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
"ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުން ސްކޫލުތަކުގެ އަސާސީ ވަސީލަތްތަކަށް އިސްކަން ދިނުމުގެ ބަދަލުގައި މަލްޓިޕާޕަސް ހޯލްތަކަށް އިސްކަން ދީފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ސްކޫލުތަކުގައި މިހާރުވެސް އަސާސީ ވަސީލަތްތައް ނެތްކަން ވަޒީރު ފާހަގަކުު ފާހަގަކުރެއްވިއެވެ.
"ދައުލަތުގެ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރެވިފައި ނުވާކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި," ވަޒީރު ވިދާޅުވިއެވެ. "ތަޢުލީމީ ދާއިރާގައި 280 މިލިއަން ރުފިޔާގެ ދަރަނި އޮތްއިރު، މިހާރު އަޅުގަނޑުމެން ވާނީ 250 މިލިއަން ރުފިޔާ ދައްކާފައި."
މި ސަރުކާރުން ސްކޫލުތަކުގެ އަސާސީ ވަސީލަތްތަކަށް އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްކޫލުތަކުގެ ޒަރޫރީ ކަންކަމާއި އާބާތުރަފިލުވުމަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށްވެސް ވަޒީރު ވަޢުދުވެ ވަޑައިގަތެވެ.