އއ. ރަސްދޫގައި 50 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އއ. ރަސްދޫގައި 50 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި

އއ. ރަސްދޫގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުއްވީ ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ރަސްދޫގައި 25 އަހަރު ވަންދެން ގޯތި ދޫކޮށްފައި ނުވާތީ، މި މަޝްރޫޢަކީ ރަށުގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 1200 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށުގައި ގެދޮރުގެ ދަތިކަން ވަނީ ބޮޑުވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. ކޮންމެ ޔުނިޓެއްގައި 1000 އަކަފޫޓުގެ ބޮޑުމިނުގޮޑުމިނުގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެއެވެ.

މި މަޝްރޫޢު 9 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢަށް ސަރުކާރުން 84.2 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.

ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ މި މަޝްރޫޢަކީ ރަސްދޫގެ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ގެނެސްދޭނެ ކަމެއް ކަމަށާއި، މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައެވެ.

މިއަދު އޮންލައިން