ކުރިއަށް އޮތް 4 އަހަރަކީ ސިއްޙީ ނިޒާމުގެ އައު ބާބެއް ލިޔެވޭނެ ދުވަސްތަކެއް ކަމަށް ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ނިމުނު ދަރުމަވަންތަ ހޮސްޕިޓަލް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވުނީ އިހުމާލެއްގެ ސަބަބުންނެވެ. ނަމަވެސް މިހާރު މި ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ސިއްޙީ ނިޒާމުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މާލެ އާއި އާބަން ސެންޓަރުތަކާއެކު މުޅި ރާއްޖޭގެ ސިއްޙީ ޚިދުމަތް ހަރުދަނާވެގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.