ފިރިމީހާ ބަލި ޙާލުގަ ޖެހުނު ދުވަހު ހެޔޮކޮށް ހިތައި އަޅާލައި ހުރިހާ ޚަރަދެއް އަމިއްލައަށް ކޮށްދިން އަނބިމީހާ ބާކީކޮށްލައި ލޯބިވެރިއަކު ހޯދި ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 28ސ
ފިރިމީހާ ބަލި ޙާލުގަ ޖެހުނު ދުވަހު ހެޔޮކޮށް ހިތައި އަޅާލައި ހުރިހާ ޚަރަދެއް އަމިއްލައަށް ކޮށްދިން އަނބިމީހާ ބާކީކޮށްލައި ލޯބިވެރިއަކު ހޯދި ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑުމެން ދެމަފިރިންނަކީވެސް ހަމަ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން ދިއަ ދެމީހުންނެވެ. ދިރިއުޅެނީ އަޅުގަނޑުމެންގެ ގޭގައެވެ. ޚަރަދުކުރަނީ ފިރިމީހާއަށް ލިބޭ މުސާރައެވެ. ފިރިމީހާއަށް ލިބޭ މުސާރައިން ދެމަފިރިންގެ ބޭނުންތައް ފުއްދައިލެވެނީވެސް ހަމަކިރިޔާއެވެ. 

ކައިވެންޏަށް 2 ވަނަ އަހަރު ފިރިމީހާ ވަރަށް ބޮޑަށް ބަލިވެ މަސައްކަތު ނުދެވުމުން ވަޒީފާ ގެއްލުނެވެ. އެހިސާބުން ފައިސާ ހޯދާނެ އިތުރު ގޮތެއް ނެތުމުން އަމިއްލަ އޮފީހެއްގެ މަސައްކަތު އަންހެނެއްގެ ވަޒީފާ ހޯދީމެވެ. އެވަޒީފާގައި މަސައްކަތް ކުރަމުން ފިރިމީހާއަށް ޚިދުމަތްކުރަމުން ގޮސް ފިރިމީހާ ގަދަވީ އަހަރެއްހައި ދުވަސްފަހުންނެވެ. އެހައިދުވަސްވީ މައިބަދައަށް އަނިޔާވެފައިހުރުމުން ދިވެހިބޭސްކުރަންޖެހުނީތީއެވެ.   

އެއިރު އެ އޮފީހުގައި ހުސްވަޒީފާއެއް އޮތުމުން ވެރިމީހާގެ ގާތުގައި އެދިގެން އެވަޒީފާ ފިރިމީހާއަށް ހޯދައިދިނީމެވެ. ވަޒީފާއަށް ފިރިމީހާ ފުރަތަމަ ނުކުތް ދުވަހު ހީނލުމުން އަޅައިވެސް ނުލައި ވަދެގެން ދިއައީއެވެ. އަޅުގަނޑު ހީކުރީ ހާސްވެފައިހުރިވަރުން ނުފެނުނީ ކަމަށެވެ. 

ފަހުން ސައިބޯ ކޮޓަރީގައި ކޮފީބޯން ފިރިމީހާ އިންދާ ގޮސް ހީނލާފައި ގޮވާލުމުން ބުނީ އޮފީސްގަޑީގައި ވާހަކަ ނުދެއްކުމަށެވެ. އެއީ އަނބިމީހާއަކީ މަސައްކަތު އަންހެނެއްކަން އެނގުމުން މީހުން މަލާމާތްކުރާނެތީ ކަމަށެވެ. 

އެހިސާބުން ފިރިމީހާގެ ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް ފިރިމީހާގެ އެދުމަށް އިޙްތިރާމްކުރީމެވެ. އެހެންވެ އޮފީހުގައި ފިރިމީހާ ޢާއި ބައްދަލެއް ނުކުރަމެވެ. ބައްދަލުވިޔަސް ދަންނަ މީހަކަށްވެސް ނުހަދަމެވެ. 

ދުވަސްކޮޅެއްފަހުން ފިރިމީހާއަށް ޕްރަމޯޝަން ލިބުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިރިމީހާ މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. ގެއަށް ގޮސްވެސް ބޮސްހެދެން ފަށައިފިއެވެ. އަޅުގަނޑު ބާކީކުރަން ފަށައިފިއެވެ. ކަންކަން މިވާ ގޮތް ވިސްނުނެވެ. ނަމަވެސް އަނގައަކުން ނުބުނަމެވެ. 

އެހެން ހުއްޓައި އެއްރޭ ގެއަށް އައިސް ބުނީ އަޅުގަނޑު ވަރިކޮށްލާފައި ދަނީކަމަށެވެ. "ބަލިހާލުގައި އޮންނަން ޖެހުނު ދުވަހު އަމިއްލައަށް މަސައްކަތްކޮށްގެން ހުރިހާ ކަމެއް ކޮށްދިނުމުގެ އިތުރުން ވެރިންނަށް އާދޭސްކޮށްގެން ވަޒީފާއެއްވެސް ހޯދައިދިނީމާ ތިއަދިން އިނާމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ބުނުން ނޫން ބަހެއް ނުބުނަމެވެ. 

ހައަކަމަސްދުވަސް ފަހެވެ. އޮފީހުގެ ވެރިމީހާ އަޅުގަނޑު ގެންގޮސްފައި ބުނީ ވެރިމީހާގެ ގޭގައި ގެންގުޅޭ އެކަކު ޗުއްޓީއަށް ރަށަށް ހިނގައްޖެ ކަމަށާއި އޭނާ އަންނަންދެން ގޭގެ މަސައްކަތްވެސް ކޮށްދިނުމަށެވެ. މެންދުރުވަންދެން އޮފީހުގައި އުޅެފައި މެންދުރުވުމުން ގެއަށްގޮސް ހަވީރުވަންދެން ގޭގައި އުޅެދިނުމަށް އެދޭކަމަށެވެ. އެހެންވެ އިތުރަށް ފައިސާދޭނެ ކަމަށްވެސް ބުންޏެވެ.  

އެކަމަށް އެއްބަސްވުމުން ވެރިމީހާ ސުވާލުކުރީ އަޅުގަނޑުގެ ފިރިމީހާ ގާތުން ހުއްދަ ހޯދަން ބޭނުންނަމަ ފިރިމީހާ އާއި ވާހަކަދައްކައިފާނެ ކަމަށެވެ. އެހެންބުނުމުން މިހާރު ފިރިއަކު ނެތްކަމަށްބުނެ ދެމަފިރިންގެ މެދުގައި ކަންކަން ހިނގައިދިއަގޮތުގެ ވާހަކަ ކިޔައިދިނީމެވެ. 

ޙައިރާންވެފައި ވެރިމީހާ ބުނީ އޭނާއަށް ވަޒީފާ ދިނީވެސް އަޅުގަނޑު މަސައްކަތަށް ރަނގަޅުވުމުން ކަމަށެވެ. އަދި އެހައި އަވަހަށް ޕްރަމޯޝަނެއް ދިނީވެސް އަޅުގަނޑަށް ރަނގަޅު ގޮތެއް ހޯދައިދޭން ކަމަށެވެ. "އަހަރެން ކަލޭގެ އަގުވަޒަންކުރީ ޑަސްބިނަށް އޮޅިގެންލެވުނު ފައިސާކޮތަޅު ފެނުނީމާ އަމާނާތްތެރިކަމާއެކު ޙަވާލުކުރީތީ! އެހުންނަނީ މިޒަމާނުގައި ވަރަށް މަދުމީހަކު ނޫނީ ކުރާނެ ކަންކަމެއް ނޫން. ގެއަށް ގެންދަން މިއުޅެނީވެސް ވަރަށް އިތުބާރުކުރެވޭ މީހުން ނޫނީ ގެއަށް ނުވެއްދޭނެތީ." 

އެއީ ގޯހަކަށްވީނަމަވެސް ފިރިމީހާ ކަންކަން ކުރިގޮތުން ވަރަށް އަސަރުކޮށްފައި ހުރީތީ އޮފީހުގައި އޭނާއާއި ވާހަކަދެއްކީމާ ލަދުގަންނަކަމަށްބުނެ ދެމީހުން ވާހަކަ ނުދައްކައި ތިބި ވާހަކަވެސް ކިޔައިދިނީމެވެ. 

ކޮންމެއަކަސް ވެރިމީހާ ބުނިގޮތަށް އޮފީހުގައާއި ވެރިމީހާގެ ގޭގައި މަސައްކަތްކުރަން ފެށީމެވެ. ކުޑަދުވަސްކޮޅެއްވީތަނާ ވެރިމީހާ ބޭނުންވީ ހެނދުނު އޮފީހަށް ނުކުމެ ވެރިމީހާގެ ކެބިން އެކަނި ސާފުކޮށްލާފައި ގެއަށް ދިއުމަށެވެ. އެގޮތަށްވެސް އެއްބަސްވީމެވެ. 

އެއްރޭ ގޭގައި ހުއްޓައި ވެރިމީހާ ގުޅާފައި ވަރަށް އަވަހަށް އޮފީހަށް އައިސްދިނުމަށް ބުނުމުން ވަގުތުން ދިއައިރު ކުރީގެ ފިރިމީހާ އާއި އަންހެން މުވައްޒިފަކު ވެރިމީހާގެ ކޮޓަރީގައި ތިއްބެވެ. 

އަޅުގަނޑު ދިއުމާއިއެކު ވެރިމީހާ ބުނީ މިގެނުވީ އަޅުގަނޑާއިބެހޭ ކަމެއްގައި ނޫން ކަމަށާއި ނަމަވެސް އަޅުގަނޑު ބުނެގެން ވަޒީފާދިން މީހަކު ފުލުހުންނާއި ޙަވާލުކުރަންޖެހޭތީ އަންގާލަންވެގެން ކަމަށެވެ. "އަހަރެން މީނާއަށް ފިނޭންސް ޑިޕާޓްމަންޓުން ވަޒީފާދިނީ ކަލެއަށް އިތުބާރުކުރެވުނުވަރުން ފިރިމީހާގެވެސް އަމާނާތްތެރިކަން ހުންނާނެ ކަމަށް ބަލައިގެން. އެކަމަކު މިދެމީހުން ލޯބިވެގެން މިއަންހެން މީހާއަށް ބޭނުންވާ ކަންކަން ކޮށްދޭން ދެމީހުން ގުޅިގެން ވަރަށް ބޮޑެތި ވައްކަންތަކެއް ކޮށްފިކަން ފަޅާޢަރައިފި. އެހެންވެ ފުލުހުންނާ މިޙަވާލުކުރަނީ." 

އަޅުގަނޑު ބުނީ އޭނާއަށް ވަޒީފާ ލިބުނުފަހުން އަޅުގަނޑު ބާކީކުރަމުންގޮސް ކަންތައްކުރިގޮތް އޮންނާނީ ކިޔައިދީފައިކަމަށެވެ. އަޅުގަނޑު އޭނާއަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަންނުކުރި މީހަކު އެއްވެސް މީހަކަށް ތެދުވެރިވާނެކަމަށް ޤަބޫލުނުކުރާ ކަމަށެވެ. 

މައްސަލަ ބަލައި އޭނާގެ މައްޗަށް ބޮޑުޙޫކުމެއް އިއްވިއެވެ. ޙުކުމް އިއްވިއިރު އަޅުގަނޑު ހުރީ ވެރިމީހާއަށް ބޮޑުބޭބެ ކިޔާ ކޮއްކޮއަކާއި ކައިވެނިކޮށްގެންނެވެ. އެކަންކޮށްދިނީވެސް ހަމަ ވެރިމީހާގެ ދެމަފިރިންނެވެ. އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް މިހާރު 12 އަހަރު ވެއްޖެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަ މިކިޔައިދިނީ ވަޒީފާގައި ތެދުވެރިވުމުން ލިބޭ ކުރިއެރުން ފާހަގަކުރުމުގެ އިތުރުން ކިތަންމެ އިޚްލާޞްތެރިކަމާއިއެކު ކަންކަން ކޮށްދިންނަމަވެސް ކިރިޔާވެސް ގޮތެއް ފެންނައިރަށް އިޚްލާޞްތެރި އަނބިމީހާ އެއްލައިލާ ފިރިން ގިނަވެއްޖެ ވާހަކަ ބުނެލުމަށެވެ. އަޅުގަނޑުގެ އިލްތިމާސަކީ ދާންއުޅޭ ފިރިމީހާ ދިއަދީފައި އަލުން ގޮތެއް ހޯދަން މަސައްކަތްކުރުމުން ކުރާ ފައިދާ މާބޮޑުވާނެކަން ޤަބޫލުކޮށްގެން ދިރިއުޅެން ބުނުމެވެ.

 

--ރަޤީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން