ޢިބްރަތްތެރި ވާހަކަ: ތިމާގެ ކުށްފޮރުވައި ކުށްކުރުންމަތީގަ ހުންނަން އަމިއްލަ ދަރިފުޅު ގެއިން ބޭރުކޮށްލި ބައްޕައަކަށް ޖެހުނު ޙާލާ ދަރިފުޅަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ޢިބްރަތްތެރި ވާހަކަ: ތިމާގެ ކުށްފޮރުވައި ކުށްކުރުންމަތީގަ ހުންނަން އަމިއްލަ ދަރިފުޅު ގެއިން ބޭރުކޮށްލި ބައްޕައަކަށް ޖެހުނު ޙާލާ ދަރިފުޅަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަޅުގަނޑުގެ މިވާހަކަ ކިޔަން ނުވަތަ އަޑުއަހަން ގިނަ ބައަކަށް ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް ވިސްނުންތެރިކަމާއިއެކު ނިކަން ކިޔައިލަބަލާށެވެ. 

އެއިރު އަޅުގަނޑަށް 17 އަހަރެވެ. އޯލެވްލަ ހަދައިފީމެވެ. އޭލެވެލް ހެދުމުގެ އިންތިޒާރީގައެވެ. ގަދަހުމެއް އައިސްފައި މަންމަ ނިޔާވީއެވެ. މަންމަ ނިޔާވެ މަސްދުވަސްވެސް ނުވަނީސް ބައްޕަ މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. ރޭގަނޑު ގެއަށް ހިލޭ އަންހެނުން ގެންނަން ފަށައިފިއެވެ. 

އަޅުގަނޑުމެން ތިބެނީ ދެބެއިންނެވެ. އަޅުގަނޑާއި އަޅުގަނޑަށްވުރެ ހަގު އަންހެން ކޮއްކޮއެކެވެ. އަޅުގަނޑުމެންނަށް ޖެހެނީ އަންހެންމީހާ ގެއަށް ގެނައުމާއިއެކު ކޮޓަރިއަށް ވަންނާށެވެ. ފާޚާނާ ކޮށްލަންވެސް ކޮޓަރިން ބޭރަކަށް ނުނުކުމެވެއެވެ. އެހެންވެ ފާޚާނާކުރަން ޖެހެނީ 5 ލިޓަރު ފެންފުޅިއަކަށެވެ. 

އެއްރޭ ވަރަށް ބޮޑަށް ބަނޑުކައްކާފައި ފާޚާނާއަށް ދެވުނު ރެއަކު ފުޅި ފުރިގެން ފާޚާނާއަށްދާން ނުކުތުމުގެ އަދަބަކަށްވީ ގެއިން ނެރެލުމެވެ. ބުނީ މާމަގެގެއަށްދިއުމަށެވެ. އެހެންބުނިއިރު މާމަ ދުނިޔެއަކު ނެތެވެ. އެގެއަށް ދިއަޔަސް އަޅައިލާނެ މީހަކު ނެތެވެ. އެމީހުންނަކީ މަންމަ ދުނިޔޭގައިވެސް އަޅުގަނޑުމެންނާއި ގުޅުން ބާއްވައިގެން އުޅުނު ބައެއް ނޫނެވެ. 

އެކަމަކު ދާނެ ތަނެއް ނެތުމުން އެގެއަށް ދިއުމުން ނިދާނެ ތަނެއް ދެއްކިއެވެ. ނިދާނެ ތަނަކަށް ދެއްކީ ގޭގައި ހުންނަ ބަންގްލަދޭޝް މީހާވެސް ނިދާކޮޓަރިއެވެ. ކާންދިނެވެ. އެހެންވެ ޝުކުރުކޮށްލައިގެން އުޅުނީއެވެ. 

ޢުމުރުން ހަގުވީމަ ވަޒީފާއެއް ހޯދުންވީ ވަރަށް ދަތިކަމަކަށެވެ. އެކަމަކު ހިތްވަރުކޮށްފައި ފިހާރަތަކަށް ހިނގަނިކޮށް ފިހާރައަކުން ވަޒީފާލިބި އެތަނުގައި މަސައްކަތްކުރަން ފެށީމެވެ. އެއީ އަންހެނުންގެ އެއްޗެތި ވިއްކާ ފިހާރައެކެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ އަންހެނުންނާއި ބައްދަލުވެއެވެ. ވާހަކަދެއްކެއެވެ. 

އެހެން އުޅެނިކޮށް ބައްދަލުވި އަންހެނަކު އަޅުގަނޑާއި ތަންކޮޅަށް ބޮޑަށް ރައްޓެހިވެލިއެވެ. އަޅުގަނޑުގެ ކަންކަމާއިމެދު ސުވާލުކުރުމުން ދިރިއުޅޭ ޙާލުކިޔައިދިނީމާ އޭނާ ވަރަށް ދެރަވިއެވެ. ކޮންމެވެސް ރަނގަޅު ގޮތެއް ފެނޭތޯ ބަލައިދޭނެކަމަށްވެސް ބުންޏެވެ. 

ދުވަސްކޮޅެއްފަހުން އެގެއަށް އަޅުގަނޑު ގެންދަން ފަށައިފިއެވެ. ކާންދީ އަންނައުނުދޭން ފަށައިފިއެވެ. އެގޮތަށް ދުވަސްކޮޅެއް ފާއިތުވުމުން ބުނީ އެގެއަށް ބަދަލުވުމަށެވެ. ހުންނާނެ ކޮޓަރިއެއް ދޭނެ ކަމަށެވެ. ލިބުނު ފުރުޞަތުގައި އެގެއަށް ބަދަލުވީމެވެ. 

އެއީ ވަރަށް ހެޔޮ އަންހެނެކެވެ. އަޅުގަނޑަށް ކިޔަވައިވެސް ދިނެވެ. 25 އަހަރުގައި އެމްބީއޭ ހެދިއްޖެއެވެ. އޭނާ އަޅުގަނޑަށް ވަޒީފާއެއްވެސް ހޯދައިދިނެވެ. ވަޒީފާގައި އުޅެނިކޮށް ފުރަތަމަ ފަހަރަށް އޭނާގެ އަންހެންދަރިފުޅާއި ބައްދަލުވިއެވެ. އޭނާ މެލޭސިޔާގައި ހުރެ ކިޔަވައިގެން އައުމުންނެވެ. 

ދެމީހުންގެ މެދުގައި ގުޅުން އުފެދި ލޯތްބަށް ބަދަލުވެ ކައިވެނިކުރީއެވެ. ކައިވެންޏަށް 4 އަހަރުފުރި ދަރިއަކުވެސް ލިބުނުތަނާ އަންހެންކޮއްކޮގެ ކިބައިން އެނގުނީ ބައްޕަ ވަރަށް ބޮޑަށް ބަލިވެއުޅޭކަމެވެ. ބައްޕަ އަޅުގަނޑާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކޮށްފައިވީނަމަވެސް ބައްޕަ ބަލިވުމުން ބެލުމަކީ މާތް ﷲ އަޅުގަނޑާއި ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތަކަށްވުމުން ޙާލު ބަލައިލަން ދިއައިމެވެ. 

ބައްޕައަށް ޖެހިފައިވަނީ ކެންސަރެވެ. ޑޮކްޓަރުން ވަނީ އުންމީދުކަނޑާލައިފައެވެ. އެހެންކަމާއިއެކުވެސް ފަރުވާ ކުރެވޭތޯ މަސައްކަތްފެށީމެވެ. މަޑުމަޑުން ޙާލު ރަނގަޅުވަމުން އައިސް ޝިފާލިބުނީ 4 އަހަރުދުވަހު މަސައްކަތްކުރިފަހުންނެވެ. 

ބައްޕައަށް ޝިފާލިބުނު ފަހުން އެއްދުވަހަކު ވާހަކަދައްކަމުން ވަރަށް ދެރަވެ ލޮލުން ކަރުނައަޅާފައި އަޅުގަނޑުގެ ކިބައިން މާފަށް އެދުނެވެ. އަޅުގަނޑު ބުނީ އެކަންކަމުގެ ވާހަކަ ދެން ނުދެއްކުމަށެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ފިލާވަޅުތައް ލިބިއްޖެކަމަށެވެ. އަދި ރަނގަޅު ދިރިއުޅުމެއްވެސް ލިބިއްޖެ ކަމަށެވެ. އަޅުގަނޑުގެ ހިތުގައި ބައްޕައަށް އެއްވެސް ހިތްބުރަކަމެއް ނެތްކަމަށެވެ. 

އަޅުގަނޑުގެ ޙަޔާތުގައި ކުރަންޖެހުނު މިތަޖުރިބާތަކުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އަޅުގަނޑުގެ ބައްޕަ އެދުވަހު އަޅުގަނޑަށް ކަންކަން ކުރި ގޮތަށް ދަރިންނަށް ކަންކަންކުރާ ބައްޕައިންގެ ގާތުގައި ވާހަކައެއް ބުނެލަންވެގެންނެވެ. އެވާހަކައަކީ ގައިބާރު ހުންނަ ދުވަހު ދަރިންނަށް އަނިޔާވެރިނުވާށެވެ. ދަރިންގެ އަތްމައްޗަށް ވެއްޓެންޖެހޭނީ ކޮން ދުވަހަކު ކޮން ވަޤުތަކުކަމެއް ނުއެނގޭނެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑު ކަންތައްކުރިގޮތަށް ހުރިހާ ދަރިން ކަންކަން ކޮށްދޭނެކަމަށް ހީނުކުރާށެވެ.

 

- އަރުޝަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން