އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމާއެކު އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ނާރެހަކަށް އެރަށް ވެގެންދާނެކަމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން އޭދަފުށީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާއިލާއާއެކު ދިރިއުޅެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2025 ވަނަ އަހަރު ފެށުމަށް އުއްމީދުކުރެވޭ ކަމަށެވެ. އޭދަފުށްޓަކީ ތަޢުލީމީ އަދި ސިއްޙީ ޚިދުމަތްތައް ލިބޭ، މާލެއާ ގުޅުން ބަދަހި ރަށަކަށހި ރަށަކަށްވާތީ، މި މަޝްރޫޢުގެ ސަބަބުން އެރަށް އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން އޭދަފުށީގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވެ، ރަށުގެ ތަރައްޤީއަށް އައު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.