ރައްޔިތުންނާ ގާތުން އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިހާރު އަތޮޅުތަކުގައި ހަމައެކަނި އައިޑީކާޑު ޕްރިންޓްކުރުމުގެ ފުރުސަތު ދެވިފައިވާ ކަމަށާއި، މި ޚިދުމަތާ ގުޅޭ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދިނުމުގެ ވިސްނުމެއްކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ 174 ކަލެކްޓިން ސެންޓަރު ޤާއިމުކުރެވިފައިވާ ކަމަށާއި، އޮންލައިންކޮށް އައިޑީކާޑަށް އެދެވޭނެ ނިޒާމެއްވެސް ޤާއިމުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި މުހިންމު ޚިދުމަތްތައް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.