ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ދުއްވަމުންދިޔަ ބޭރު ޤައުމެއްގެ ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޑްރޯން ބޭނުންކޮށްގެން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި، މި ބޯޓު ހިފެހެއްޓުނީ އެމްއެންޑީއެފް އެއަރ ކޯރ އާއި ކޯސްޓްގާޑު ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން ބޯޓު ހޯދައި، ކޯސްޓްގާޑުގެ އުޅަނދުތަކުން އެ ބޯޓު ބެލުމުގެދަށަށްގެނައީއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ އެއަރކޯ އުފެދުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ޤާބިލުކަން ދިފާޢީ ބާރަށް ލިބިފައިވާ ކަމަށެވެ. އަދި މި އައު ޑްރޯންތަކަށް ދިގު މުއްދަތަކަށް ދަތުރުކުރެވޭނެ ކަމަށާއި، ރޭގަނޑުގެ ވަގުތުތަކުގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން ލިބިގެންވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ކަންކަން ހުއްޓުވުމަށް އެމްއެންޑީއެފްއިން ގެންގުޅޭ ސަމާލުކަމާއި ވިޖިލަންސް އިތުރުވެފައިވާކަން މި ހާދިސާއިން ހާމަވެގެންދެއެވެ.