އޭނާގެ މަންމައަކީ އެއްލޯ ހުންނަ އަންހެނެކެވެ. ދިރިއުޅެން ކުރާ މަސައްކަތަކީ ދަރިފުޅު ކިޔަވާ ސްކޫލުގެ ކުނިކަހާ ސާފުކުރުމުގެ ވަޒީފާއެވެ. ކުދިންނަށް އެއީ އޭނާގެ މަންމަކަން އެނގުމުން މަލާމާތް ކުރާތީ ކުއްޖާ އޭނާގެ މަންމައަށް ނަފްރަތުކުރަން ފެށިއެވެ.
ޢުމުރުން 18 އަހަރުވުމުން ކައިވެނިކޯސް ގެއިން ނުކުމެގެންދިއަ ގޮތަށް މަންމަގެ ޙާލު ބަލައިލަންވެސް ނުދެއެވެ. މަންމަވެސް ދަރިފުޅު ހޯދައިގެން އުނދަގޫކުރާކަށް ނުއުޅެއެވެ. އެކަމަކު އެތައް އަހަރެއް ފަހުން މާމަދަރިން ދެކެލުމުގެ ބޭނުމުގައި ދިއައެވެ. މާމް ފެނުމާއިއެކު ކުދިންވެސް ބިރުން އުޅެ މާމަ ލަދުގަންނަވައިލިއެވެ. އެކަމަކު މަންމަގެ ދިފާޢުގައި ދަރިފުޅު އެއްވެސް އެއްޗެއް ނުބުނުމުން މަންމަ އެނބުރިދިއައީއެވެ.
ދުވަސްކޮޅެއްފަހުން ދަރިފުޅަށް އޭނާއަށް ކުރެވުނު ބޮޑު ކުށް އިޙްޞާޞްކުރެވިގެން މަންމަގެކިބައިން މާފަށް އެދެން ދިއައެވެ. ނަމަވެސް ގެހުރީ ލައްޕާފައެވެ. ހުޅުވައިގެން ވަނުމުން އެނގުނީ މީހަކު ނުއުޅޭތާ އެތައް ދުވަހެއް ވެއްޖެކަމެވެ. އެެހންވެ މަންމައަށް ވީގޮތެއް ނުއެނގިގެން ކަންބޮޑުވެ ގޭތެރެ ހޯދަމުން ދަނިކޮށް ފެނުނީ މަންމަގެ ނޯޓެކެވެ.
"ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު ވަރަށް ކުޑައިރު ދަރިފުޅުގެ ބައްޕަ ދަރިފުޅު ގޮވައިގެން ކާރު ދުއްވަނިކޮށް އެކްސިޑެންޓްވެ މަރުވީއެވެ. ދަރިފުޅުގެ އެއްލޮލަށް ލިބުނު އަނިޔާގެ ސަބަބުން ލޯނަގަން ޖެހުނީމާ ދަރިފުޅަކީ އެއްލޯ ހުންނަ ކުއްޖަކަށްވުމުން ދަރިފުޅު ގަންނާނެ ލަދާއި ވާނެ ދެރައިން ދަރިފުޅު ސަލާމަތްކުރަން މަންމަގެ އެއްލޯ ދަރިފުޅަށް ހަދިޔާކުރީއެވެ. މަންމަގެ އެއް ލޯނެތީ އެހެންވެގެންނެވެ. ދަރިފުޅުގެ މުޅި ޢުމުރުގައިވެސް ބަލަމުން ތިއަ ގެންދަނީ މަންމަގެ ލޮލުންނެވެ. ވަރަށް ހެޔޮދުޢާ ސަލާމް!"
މިކަންކަން އެނގުމުން ދަރިފުޅު ވަރަށް ދެރަވިއެވެ. ނަމަވެސް ވަޤުތުވަނީ ފާއިތުވެފައެވެ. މަންމަވަނީ ދުނިޔެ ދޫކޮށްފައެވެ. މާފަށް އެދެން ކުރެވޭނެ ކަމެއްވެސް ނެތެވެ.
މިއީ ވަރަށް މަޝްހޫރުވާހަކައެކެވެ. ގިނަ ބައަކަށް އެނގޭނެވެސް ވާހަކައެކެވެ. މިދަރުސްގެ ތެރެއިން މިވާހަކަ މިކިޔައިދިނީ މައިންނަށް އިހާނެތިކޮށް ހެދުމަކީ ފަހުން ހިތާމަކުރަންޖެހޭ ކަމެއްކަން ބަޔާންކުރުމަށެވެ. މަންމަގެ ކިބައިގައި އުނިސިފައެއް ހުރިނަމަވެސް އަދި ކޮންމެ ސަބަބަކާއިހުރެ މެދުވެރިވި ކަމެއް ނަމަވެސް، އަރިއަށް އޮވެގެން ހިނގި ނަމަވެސް ނުވަތަ އެނޫން ޢައިބެއް ހުރިނަމަވެސް މަންމަވާނީ ހަމަ މަންމައަށެވެ. އޮތީ ހެޔޮކޮށް ހިތުމެވެ. ނުކުޅެދުންތެރިކަމެއް ނަމަ ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން